ރަޝިއާ އިން ހިފާފައިވާ ޔޫކްރޭނުގެ ސަރަހައްދުތަކަށް ދޭ ފައިސާ މަދު ކުރަން ރަޝިއާ އިން ނިންމައިފިއެވެ.

ރަޝިއާ އާއި ޔޫކުރޭނުގެ ހަނގުރާމަ ފެށުނު ފަހުން ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ބޮޑު ހަތަރު ސަރަހައްދެއް އެ ގައުމުގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ފަހުން ރަޝިއާ އިން ވަނީ އެ ސަރަހައްދު ތަކަކީ ރަޝިއާގެ ބައިތަކެއް ކަމުގައި ކަނޑައަޅައި އެކަން އިއުލާން ކޮށްފައެވެ. ރަޝިއާ އިން އެ ގައުމުގެ ބައިތަކުގެ ގޮތުގައި ކަނޑައެޅި ޔޫކްރޭނުގެ ބޮޑު ހަތަރު ސަރަހައްދަކީ ޑޮނެސްކް، ލުހާންސްކް، ޒަޕޮރިއްޖިޔާ އަދި ޚަރްސޯން ސަރަހައްދެވެ.

ރަޝިއާގެ މައި ސަރުކާރުން ވަނީ މި ހަތަރު ސަރަހައްދުގެ ސަރުކާރުތަކަށް އިދާރީ ހިންގުމަށާއި އެހެނިހެން ހަރަދުތަކަށް 513 ބިލިއަން ރުބެލްސް ( 5.2 ބިލިއަން އެމެރިކާ ޑޮލަރު) ދީފައެވެ. ނަމަވެސް ރަޝިއާގެ ފޯބްސް މަޖައްލާގެ ބުރާންޗުން ވަނީ މިއަހަރަށް ރަޝިއާގެ މައި ސަރުކާރުން މި ހަތަރު ސަރަހައްދަށް ދޭ ފައިސާގެ އަދަދު މަދު ކުރަން ރަޝިއާގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

އެ ގައުމުން ހިފާފައިވާ ބޮޑު ހަތަރު ސަރަހައްދަށް މި އަހަރު ދޭން ނިންމާފައި ވަނީ 303 ބިލިއަން ރުބެލްސް ( 3.4 ބިލިއަން އެމެރިކާ ޑޮލަރު ) އެވެ. މި ގޮތަށް އަމަލު ކުރަން ރަޝިޔާގެ މައި ސަރުކާރުން ނިންމާފައި ވަނީ މި ސަރަހައްދު ތައް އަމިއްލަ ފައި މައްޗަށް ތެދުވުމަށް އެހީތެރިކަން ދިނުމުގެ ގޮތުންނާއި މި ސަރަހައްދު ތަކުގައި މައި ސަރުކާރަށް ބޮރޯސޯވުން ކުޑަވެފައިވާ މިނިވަން އިގްތިސޯދު ތަކެއް އުފެއްދުމުގެ ބޭނުމުގައެވެ.

ރަޝިޔާ އާއި ޔުކުރޭނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަ އައު އަހަރު ފެށުމާއި އެކީ ވަނީ ވަރަށް ބޮޑަށް ވަރުގަދަ ވެފައެވެ. ޔޫކުރޭނަށް އެހީ ވުމަށް ނޭޓޯ އިން އިއްޔެގައި ވަނީ 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު ބަޖެޓެއް ފާސް ކޮށްފައެވެ. މި ފައިސާ ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ ޔޫކުރޭނަށް ހަތިޔާރު ފޯރުކޮށްދިނުމަށްޓަކައި ހަތިޔާރު ގަތުމަށެވެ.