އަލަށް އުފެއްދި ސިޔާސީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގުޅިވަޑައިގަތުމަށް އެ ޕާޓީން ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ޕީޕީއެމް މެންބަރު އެމްޓީޑީ އަށް ސޮއި ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ މުސްތަޝާރު އިސްމާއިލް އާސިފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ ޕާޓީގެ ދޮރުތައް ވަނީވަރަށް ފުޅާކޮށް ހުޅުވިފައި ކަމަށެވެ.

"އަޅުގަނޑު ގޮވާލަން މިވަގުތު ރާއްޖޭގައި މިވަގުތު ތިބި އެހެން ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް މި ޕާޓީއާ ގުޅިވަޑައިގަތުމަށް. މި ޕާޓީއާ ގުޅިވަޑައިގަތުމުގެ ދޮރު އޮތީ ވަރަށް ފުޅާކޮށް ހުޅުވިފައި." އެމްޓީޑީގެ މުސްތަޝާރު އިސްމާއިލް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، އެމްޓީޑީއާ ގުޅިގެން ކުރިއަށް ދިއުމުގެ ފުރުޞަތު ވަރަށް ބޮޑު ކަމަށާއި، އެ ޕާޓީއަކީ އެންމެ ގްރާސްރޫޓުން ފެށިގެން އުފެދިގެން އަންނަ ޕާޓީއަކަށްވާތީ އެ ޕާޓީއަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް، ސިޔާސީ ގޮތުން އެންމެ ފުރުޞަތު ބޮޑު ޕާޓީ ކަމަށެވެ. މަޖިލިސް މެންބަރުންގެ އިތުރުން މިހާރު ރާއްޖޭގެ ސިޔާސީ ދާއިރާގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށްވެސް އެމްޓީޑީއަށް ގުޅުމަށް އާސިފް ގޮވާލެއްވިއެވެ.

އެމްޓީޑީއަށް ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ މެންބަރު، ޔާމީން ރަޝީދު މި ރަސްމިއްޔާތުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިހާރު ތިއްބެވި ވަރަށް ގިނަ މެންބަރުންގެ ޝައުގުވެރިކަން އެމްޓީޑީއަށް އެބައޮތްކަން އެނގޭ ކަމަށާއި، މި ދަނޑިވަޅުގައި ރައްޔިތުންގެ މަޖިލީހުގެ ވީހާވެސް ގިނަ މެންބަރުން އެމްޓީޑީ އާ ގުޅިވަޑައިގެން، އެމްޓީޑީއާ އެއްކޮށް ކުރިއަށް ދިއުމުގެ ވިސްނުން ގެންގުޅުމަށް ގޮވާލައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އަޅުގަނޑާ ވާހަކަ ދެކެވޭ. އަޅުގަނޑުގެ އެކުވެރިންގެ ގޮތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެންބަރުން އެބަ މަސައްކަތް ކުރެވޭ، ހަމަޤައިމުވެސް އެބޭފުޅުންގެ ޝައުގުވެރިކަން އެމްޓީޑީއަށް އެބަހުރި." ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވިއެވެ.

ޔާމީން ރަޝީދު އިތުރަށް ވިދާޅުވީ، އެމްޓީޑީ ބިޔަވެ ބޮޑުވެގެން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ ޕާޓީއަކީ މުސްތަޤްބަލް އޮތް ޕާޓީއެއް ކަމަށެވެ.

"ބައެއް ބޭފުޅުންނަށް ހީވެދާނެ މިއީ މުސްތަޤްބަލެއް ނެތް ޕާޓީއެއްކަމަށް، އެހެންނަމަވެސް މިހާތަނަށް އަޅުގަނޑު މަޝްވަރާކޮށް ވާހަކަދައްކާލުމުން ހުރިހާ ބޭފުޅުންވެސް ވަކި ފިކުރެއް ނުބަލާ ކޮންމެ ޕާޓީއެއްގައި ހުރި ބޭފުޅަކުވެސް ވިދާޅުވާ އެއް ހަޤީގަތަކީ އެމްޓީޑީގައި މުސްތަޤްބަލް އެބައޮތޭ. އެހެންވެގެން އެ މުސްތަޤްބަލާއެކު ކުރިއަށްދާން އަޅުގަނޑު ނިންމީ." ޔާމީން ރަޝީދު ވިދާޅުވިއެވެ.

ޔާމީން ރަޝީދު ވިދާޅުވީ ކޮންމެ ޕާޓީއެއްގައިވެސް މެންބަރަކަށް އުޅެވިދާނެ ކަމަށާއި، އެހެންނަމަވެސް މުހިންމީ އެ ޕާޓީއަކުން މެންބަރު ބަލައިގަންނަ ގޮތް ކަމަށެވެ. އަދި އެމްޓީޑީން އާއްމު މެންބަރުންނާއި، މަޖިލިސް މެންބަރުންވެސް ބަލައިގަންނަނީ ވަރަށް އޯޕެން އާރމް އަކާއެކީ ކަމަށާއި، އެމްޓީޑީ އޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށްވެސް ޔާމީން ރަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އިސްމާއިލް އާސިފަށް ހުއްދަ ދެއްވާފައިވަނީ 2018 ނޮވެމްބަރ 29 ވަނަ ދުވަހުއެވެ. ހުއްދަ ދިންތާ 15 ދުވަސްވެސް ވެފައިނުވާއިރު، މިހާތަނަށް 3500 އަށްވުރެ މީހުން ވަނީ އެމްޓީޑީއަށް ވަނުމަށް ސޮއި ކޮށްފައެވެ. އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ޚިޔާނާތުގެ ކަޅު ލާރިދަބަސްތައް ވަނީ ހުޅުވާލެވިފައި! ޙަލާލެއް ޙަރާމެއް ވަކިނުވާ މެމްބަރުން އަވަހަށް ގުޅިވަޑައިގަންނަވާ!