ކޮވިޑް-19 ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް، ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ދެއްވި މައުލޫމާތުތަކުގައި ދޮގު މައުލޫމާތު ހިމެނޭ ކަމަށް ބުނާ މައްސަލައިގައި ބޭއްވި ސުލޫކު ކޮމިޓީގެ ސަބްކޮމިޓީ ސިއްރު ނުކުރަން އެ ކޮމިޓީއިން ނިންމަވައިފިއެވެ.

ވެންޓިލޭޓަރު ގަތުމުގެ މައްސަލައިގައި މަޖިލީހަށް މިނިސްޓަރ އަމީން ކުރިން ފޮނުއްވި މައުލޫމާތުގައި، ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" އަށް ވެންޓިލޭޓަރުތައް ގެނެސްދޭން ހަވާލުކުރީ ޑަބްލިއުއެޗްއޯ މެދުވެރިކޮށް ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް ހެލްތު މިނިސްޓްރީގެ ކޮވިޑް-19 ހަރަދުތަކުގެ އޮޑިޓް ރިޕޯޓްގައި ވާގޮތުން އެއީ ޑަބްލިއުއެޗްއޯއިން ލަފާ ދިން ކުންފުންޏެއް ނޫން ކަން ހާމަވެއެވެ.

އެހެންކަމުން މިއީ މަޖިލިހުގެ އިމްތިޔާޒުތަކަށް މިނިސްޓަރ އަމީން އަރައިގަނެފައިވާ މައްސަލައެއް ކަމަށް ފާހަގަކުރައްވާ، އެ މައްސަލަ އިމްތިޔާޒު އަދި ސުލޫކު ކޮމިޓި އަށް ފޮނުއްވާފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދު ބޭއްވި ސުލޫކު ކޮމިޓީގެ ސަބްކޮމިޓީގައި މިނިސްޓަރ އަމީން ވަނީ ޑަބްލިއުއެޗްއޯ އާއި މެދު ކުރިން އޭސީސީ އަށް ވަރަށް ތަފްސީލުކޮށް މައުލޫމާތު ދީފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ބައިނަލްއަޤުވާމީ މުޖުތަމައުއަކާއި މެދު އާއްމުކޮށް އެފަދަ މައުލޫމާތުތަކެއް ހާމަކުރަން އުޒުރުވެރިވާކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

" އޭރު ވަރަށް ބޮޑަށް ވެންޓިލޭޓަރ ބޭނުންވެފައި އޮތީމަ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އާއި އަޅުގަނޑު ވާހަކަދެއްކީ. ރަސްމީ ލިޔެކިޔުންތައް އެބަ ހުރި އަޅުގަނޑުއަތުގައި. ކުރިންވެސް ވާނީ ހިއްސާކޮށްފައި. ބަދަލުކުރެވުނު މެއިލްތަކުގައިވެސް ސަބްޖެކުގައި އެބަ އިނދޭ އެހެން. ވެންޓިލޭޓަރުގެ ކަންކަމުގައި ކަން މުއާމަލާތު ކުރީ އެބަ އެނގޭ އޭގެއިންވެސް." އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އާއި އޭނާ އަމިއްލަ ހައިސިއްޔަތުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށާއި އޭނާ ދެއްކެވި ހުރިހާ ވާހަކަތައް ވެސް އެއީ ރަސްމީ ހައިސިއްޔަތުން ދެއްކެވި ވާހަކަތައް ކަމަށެވެ.

މަޖިލީހަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ބޭއްވުމަށް ތާވަލްކުރި ބައްދަލުވުމުން މެމްބަރު ހަމަނުވުމުން ވަނީ ކެންސަލްކޮށްފައެވެ. މައްސަލަ ބެލުމަށްޓަކައި މިނިސްޓަރ އަމީން ކޮންމެހެން ވެސް ހާޒިރުކޮށް އޭނާއަށް ޖަވާބުދާރީ ކުރުމުގެ ފުރުސަތު ދޭން ނިންމަވާފައި ވަނީ 26 އޮގަސްޓް ވަނަ ދުވަހު ބޭއްވި އެ ކޮމިޓިގެ ބައްދަލުވުމުގައެވެ.

އެ ބައްދަުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވަނީ މަޖިލީހަށް ހުށަހެޅީ ތެދު މައުލޫމާތުކަން ސާބިތުކޮށްދެވޭ ވަރަށް މިނިސްޓަރ އަމީނަށް ހެކި ހުށަހެޅެން އޮތް ނަމަ އެ ފުރުސަތު ވެސް ދޭން ވާނެ ކަމަށް ވިދާޅުވުމަށް ފަހުގައެވެ.

އެ ދުވަހު ކޮމިޓީ އިން ނިންމީ މި އޮކްޓޯބަރު މަހުގެ ކުރިން އެ މައްސަލަ ބަލާ ނިންމަންވާނެ ކަމަށެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރުތައް ގެނައުމަށް ދުބާއީގެ އެ ކުންފުންޏާ ހަވާލު ކުރުމުގާއި މާލިއްޔަތު ގަވާއިދާ ހިލާފު އެތައް ކަމެއް ކޮށްފައިވާ ކަން ފާހަގަކޮށްފައި ވާއިރު، ކޮރަޕްޝަންގެ ގޮތުގައި ބެލެވޭ އެތައް ކަމަކާއި މަކަރާއި ހިލާތުގެ ބައެއް ކަންކަން ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އެހެންނަމަވެސް އެފަދަ އެއްވެސް އަމަލެއްގައި ބައިވެރުވެފައި ނުވާނެ ކަމަށް ހެލްްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއެވެ.