އަންނަ އަހަރު ކީޕިންގ އަޕް ވިތް ދަ ކާޑެޝިއަން ނިމޭއިރު ކިމް ކާޑޭޝިއަންނަށް އެ ސީރީސްގެ އެންމެ ސީޒަނަކުން ލިބޭ ޢާމްދަނީއަކަށްވުރެ ބޮޑު ޢާމްދަނީއެއް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރާ އެންމެ ޕޯސްޓަކުން ލިބޭކަމަށް ކިމް ހާމަކޮށްފި އެވެ.

އެމެރިކާގެ ރިއަލިޓީ ޝޯއެއްގައި ވާހަކަ ދައްކަމުން ކިމް ބުނީ ކީޕިންގ އަޕް ވިތް ދަ ކާޑެޝިއަން އާއި ނުލާ އެމީހުން މިހާރު ތިބި ހިސާބުގައި ނުތިބޭނެ ކަމަށާއި، ހަޔާތުގައި ދިމާވާ ކަންކަން ހިއްސާކުރަން ބޭނުންވާ ކަމަށެވެ.

ކިމް ގެ އާއިލާގެ މެމްބަރުންގެ ފެނިގެންދާ މި ސިލްސިލާގައި އެ އާއިލާގެ ތެރޭގައި ހިނގާ ޑްރާމާތަކާއި އެމީހުން ޖަހާ ސަކަރާތްތައް ގެނެސްދޭ އިރު ދާދި ފަހުން ގެނެސްދިން ކީޕިންގ އަޕް ވިތް ދަ ކާޑެޝިއަންގެ އެޕިސޯޑެއްގައި ކެންޑަލް ޖެނާ އާއި ކައިލީ ޖެނާގެ ކޯޅުންތަކެއް ފެނިގެންގޮސްފައި ވެއެވެ. ކެންޑަލް އާއި ކައިލީގެ ކޯޅުންތައް ފެށުނީ ކެންޑަލް ލާން ބޭނުންވާ ހެދުމެއް ކައިލީ ޖެނަ ލުމުންނެވެ.

ކިމް ކާޑެޝިއަންގެ އިންސްޓަގްރާމުގައި އޭނާ އެކި އިޝްތިހާރުތައް ސްޕޮންސަރ ކުރާއިރު، އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި 190.3 މިލިއަން މީހުން ތިބެއެވެ. އަދި އެތައް ހާސް ބަޔަކު އޭނާގެ ފޮޓޯތަކަށް ލައިކްދީ ހިއްސާ ކުރެއެވެ.

ކީޕިންގ އަޕް ވިތް ދަ ކާޑޭޝިއަން ގެނެސްދޭތާ 14 އަހަރުވެފައިވާއިރު އެ ސިލްސިލާގެ 20 ވަނަ ސީޒަނާއި އެކު އެ ސިލްސިލާ އެއްކޮށް ނިންމާލާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށް ކާޑޭޝިއަން އާއިލާއިން މީގެ ކުރިން ބުނެފައި ވެއެވެ.