އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ސ. ހުޅުދޫ ދާއިރާގެ ގޮނޑި ޕީއެންސީ ކެނޑިޑޭޓަށް ލިބޭނެ ކަމަށް "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭއިން ދައްކައިފިއެވެ.

"ވަގުތު" އިން ކޮންމެ އިންތިހާބަކާއި ދިމާކޮށް ކުރިއަށް ގެންދާ ސާވޭގެ ތެރެއިން މިފަހަރުގެ މަޖިލިސް އިންތިހާބާއި ދިމާކޮށް ހުޅުދޫގައި ކުރިއަށް ގެންދިޔަ ސާވޭގައި 283 މީހަކު ވަނީ ބައިވެރިވެފައެވެ. އެއީ މުޅި ރަށަށް ބަލާނަމަ، ވޯޓު ލެވޭ މީހުންގެ 9.95 އިންސައްތައެވެ. ރަށަށް ވޯޓު ލެވޭ މީހުންނަަށް ބަލާއިރު، 26.6 އިންސައްތައެވެ.

މި ދާއިރާއަށް ވާދަކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ޝާހިދު (ޝާޑް) އާއި އެމްޑީޕީ ކެންޑިޑޭޓް ސާމިއު އަންވަރު، ޑިމޮކްރެޓްސްގެ ކެނޑިޑޭޓް، މުހައްމަދު ޔާސީން (ސީނު)ގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ޝަރީފްއެވެ.

"ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރި މީހުންގެ ތެރެއިން ޝާޑްއަށް ވޯޓު ދޭނެ ކަމަށް 161 މީހަކު ވަނީ ބުނެފައެވެ. އެއީ ބައިވެރިވި މީހުންގެ 56.9 އިންސައްތައެވެ. އެމްޑީޕީގެ ކެނޑިޑޭޓް، ސާމިއުއަށް ވޯޓު ދޭނެ ކަމަށް 119 މީހަކު، (42%) ބުނެފައިވާއިރު، މިނިވަން ކެނޑިޑޭޓަށް ލިބިފައިވަނީ 3 ވޯޓެވެ. އެއީ 1.1 އިންސައްތައެވެ.

މި ސާވޭގައި ބައިވެރިވި 283 މީހުންގެ ތެރެއިން ޑިމޮކްރެޓްސްގެ ކެނޑިޑޭޓަށް ވޯޓު ދޭނެ މީހަކާއި ދިމާވެފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލުމާތަށް ބަލާއިރު، ހުޅުދޫގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވަނީ، ރަށުން ބޭރުގައި ތިބި މީހުން ލައިގެން 2،843 މީހަކަށެވެ. މީގެ ތެރެއިން ރަށަށް ރަޖިސްޓްރީކޮށްފައިވަނީ ނުވަތަ ރަށަށް ވޯޓު ލަނީ 1،062 މީހުންނެވެ.