ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނިން ސަހަރުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ދެ ރައްޔިތުން ގަޔަށް ބަޑި ޖަހައި ޝަަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ކަމަށްވާ ވަފާ ނިއުސް އެޖެންސީ އިން މައުލޫމާތުދީފައިވާ ގޮތުގައި ފަލަސްތީނުގެ ދެ ރައްޔިތުން ޝަހީދުވެފައިވަނީ ހުޅަނގު އައްސޭރީގެ ޖެނިން ކައިރީގައިވާ ސަލެމް އަސްކަރީ ޗެކްޕޮއިންޓް ކައިރިން ޔަހޫދީ ސިފައިން އެތަނުގައި އެއްވެ ތިބި މީހުންގެ ގަޔަށް ބަޑި ޖެހުމުން ކަމަށެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މި ހަމަލާގައި ހުޅަނގު އައްސޭރީން ޝަހީދުވެފައިވަނީ ފަލަސްތީނުގެ ދެ ޒުވާނުން ކަމަށްވާ އުމުރުން 22 އަހަރުގެ މުސްތަފާ ސުލްތާން އަބެދް އާއި އުމުރުން 21 އަހަރުގެ އަހްމަދު މުހައްމަދު ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ވަނީ މައުލޫމާތުދީފައެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން މި ދެ ކުދިންގެ ގަޔަށް ބަޑި ޖެހުމުގެ ސަބަބުން މި ދެ ކުދިން ވަރަށް ގިނަ އިރު ވައްދެން ޒަހަމްވެފައިވާ ހާލު ބިން މަތީގައި އޮތް ކަމަށާއި ނަމަވެސް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ ސިފައިން ވަނީ އެ ކުދިން ކައިރިއަށް އެމްބިއުލާންސް ދިއުން ހުއްޓުވައިފައިއެވެ. މި ދެ ކުދިންނަށް އެ ވަގުތު އަވަސް ސިއްހީ ފަރުވާ ލިބުން ނަމަ މި ކުދިންގެ ފުރާނަ ސަލާމަތްވުމުގެ ފުރުސަތު އޮތް ކަމަށާއި ނަމަވެސް ޔަހޫދީން ވަނީ އެކަމަށް ހުރަސް އަޅާފައި ކަމަށް ސިއްހީ ހިދުމަތްދޭ ބޭފުޅުންނާއި ހަވާލާދީ ވަފާ ނިއުސް އިން ރިޕޯޓް ކުރެއެވެ.

ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މި ހަމަލާގައި ފަލަސްތީނުގެ އިތުރު ދެ ޒުވާނުން ވަނީ ޒަހަމްވެފައެވެ. މިހާރު މި ދެ ކުދިންނަށް ހުޅަނގު އައްސޭރީގެ ޖެނިންގައި ހުންނަ ރެޑް ކުރެސެންޓް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށާއި މި ދެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށް ވަފާ ނިއުސް އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ހަމަލާދޭން ފެށި ފަހުން ހުޅަނގު އައްސޭރީގައި މިގޮތަށް ބަޑިން ހަމަލާދީގެން ޔަހޫދީން ވަނީ ފަލަސްތީނުގެ ކުށެއް ނެތް 500 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައެވެ.