ޣައްޒާއިން އިސްރާއީލުގެ ސިޓީއެއް ކަމަށްވާ ސެޑްރޯޓަށް ދިން ހަމަލާއެއްގައި އެސިޓީގެ ފެކްޓަރީއެއްގައި ރޯވެ އަނދަން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި ޣައްޒާގެ ބޯޑަރު ކައިރީގެ ގިނަ އަދަދެއްގެ ސަރަހައްދުގައި އަންނަނީ ރޮކެޓް ސައިރަން އަޅަމުންނެވެ. އޭގެ ތެރޭގައި ނެޓިވޮޓް ވެސް ހިމެނެއެވެ.

ނެޓިވޮޓްގެ ބައެއް ތަންތަނުގައި ރޮކެޓް ސައިރެން އަޅަމުން އަންނައިރު، ސެޑްރޯޓްއަށް ޣައްޒާއިން ދިން ހަމަލާއެއްގައި އެސިޓީގައި ހުރި ފެކްޓަރީއެއްގައި ރޯވެ އަނދަމުން އަންނަ ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކު މަރުވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ހަމާސްއިން އިސްރާއީލަށް ދެމުން އަންނަ ހަމަލާ ހުއްޓާލާނެ ކަމުގެ އެއްވެސް އިޝާރާތެއް މިހާތަނަށް ހަމާސްއިން ދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ހަމާސްއިން ބުނެފައިވަނީ އިސްރާއީލް މީހުން ފަލަސްތީނުގެ ބިމުން ބާލުވާނެ ކަމަށާއި އެކަން ނުހުއްޓާނެ ކަމަށެވެ. އަދި މިހާރު ކުރެވެމުން އަންނަ ހަނގުރާމައިގައި ކާމިޔާބު ލިބޭނީ ވެސް ފަލަސްތީނަށް ކަމަށް ހަމާސްއިން ވަނީ ބުނެފައެވެ.