އޮސްޓްރޭލިއާގެ މެލްބަންގައި ހުންނަ މޮނާޝް ޔުނިވަސިޓީ ގައި ޖާނަލިޒަމް އިން މާސްޓާސް ހަދަމުން ދިޔަ ދަރިވަރަކު އެސައިމެންޓުން ފާސް ނުވުމުން އެމައްސަލަ އޮސްޓްރޭލިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

ޗިންމޭ ނައިކް ނަމަކަށް ކިޔާ ދަރިވަރު ފާސް ނުވީ ކުއްތާތަކާއި "އިންޓަވިއު ކޮށްގެން" ހަދަން ޖެހޭ އެސައިމެންޓަކުންނެވެ. 100 މާކްސް އިން އޭނާ އަށް ލިބުނީ އެންމެ 12 މާކްސް އެވެ. މިއީ އޭނާ އެއެސައިމެންޓް ހެދި ދެވަނަ ފަހަރެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ.

ނައިކް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައި ވަނީ އޭނާގެ އެސައިމެންޓް ދެވަނަ ފަހަރު އެކަށީގެންވާ ގޮތެއްގައި މާކް ކޮށްފައި ނުވާ ކަމަށެވެ. އޭނާ އަށް ގަބޫލު ކުރެވޭ ގޮތުގައި ދެވަނަ ފަހަރު ވެސް އޭނާގެ އެސައިމެންޓް މާކް ކޮށްފައި ވަނީ ފުރަތަމަ ފަހަރު ވެސް އޭނާގެ އެސައިމެންޓް މާކް ކުރި މީހާ ކަމަށާއި އެހެންކަމުން އެސައިމެންޓްގައި އޮތް އެއްޗަކަށް ވުރެ ބޮޑަށް މާކްސް ދިނުމުގައި ބަލާފައި ވަނީ ކާކު ހުށަހެޅި އެސައިމެންޓެއްތޯ ކަމަށް ވެސް ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ނައިކް ބުނެފައި ވެއެވެ.

ނައިކް ބުނާ ގޮތުން އެންމެ މަދުވެގެން ފާސް ވާވަރަށް އޭނާ އަށް މާކްސް ލިބެން ޖެހޭނެ ކަމަށް އޭނާ އަށް ގަބޫލު ކުރެވެއެވެ.

ނައިކްގެ އެސައިމެންޓް މާކް ކުރުމަށް ފަހު ލެކްޗަރ ލިޔެފައިވާ ނޯޓްގައި ބުނެފައި ވަނީ ނައިކް ކުއްތާ އާއި ކޮށްފައިވާ ސުވާލު ތަކަކީ އެސައިމެންޓާއި ގުޅުން ނެތް ސުވާލުތައް ކަމަށެވެ. އަދި އެކަންކަމާއި ބެހޭ ގޮތުން ތަޖުރިބާކާރެއްގެ ބަސް ވެސް އެސައިމެންޓްގައި ހިމަނާފައި ނެތް ކަމަށް ބުނެފައި ވެއެވެ.

މިމައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައި ވީނަމަވެސް އަދި އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައިނީ

    ތީގަޑުހުރި މީހެއް ކޮންމެވެސް ތަނެއްގެ އިސްމަގާމެއް މީނަޔައް ލިބޭނެ

  2. ސަޖަން

    ތީގަޑުހުރި މީހެއް ކޮންމެވެސް ތަނެއްގެ އިސްމަގާމެއް މީނަޔައް ލިބޭނެ