ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ މެޓާގެ ސީއީއޯ މާކް ޒުކާބާކްގެ ދިރިއުޅުމުގެ އާދަ ކާދަ ތަކުގެ ސަބަބުން މެޓާގެ އިންވެސްޓަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މެޓާއިން އެންމެ ފަހުން ނެރުނު މާލީ ބަޔާންތަކުން ހާމަވާ ގޮތުގައި އެ ކުންފުންޏަށް ވަނީ ބޮޑު ފައިދާއެއް ލިބިފައެވެ. މި ރަނގަޅު ނަތީޖާ ތަކާއި އެކީ މެޓާގެ އިންވެސްޓަރުން އުފާ ކުރި ނަމަ ވެސް މެޓާ ހިންގުމާއި ހަވާލުވެ ހުރި ސީ އީ އޯ މާކް ޒުކަބާކްގެ އަމިއްލަ ދިރިއުޅުމުގައި އޭނާ ހިޔާރު ކުރާ ބައެއް ކަންތައްތަކުގެ ސަބަބުން މެޓާގެ އިންވެސްޓަރުން ވަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ގިނަ ބަޔަކު ބޭނުންކުރާ މީސް މީޑިއާގެ އެޕް ކަމަށްވާ ފޭސްބުކްގެ ކޯ ފައުންޑަރު މާކް ޒުކަބާކް ފާހަގަވެފައި ވަނީ ކޮށިތަކުގައި ބަންދުވެގެން ތަޅާ ކުޅިވަރުތަކަށް ވަަރަށް ޝައުގުވެެރިވާ މަހުޖަނެއްގެ ގޮތުގައެވެ.

އެގޮތުން އޭނާ ވަނީ ޔޫއެފްސީ ގެ މެޗުތަކުގައި ފައިޓް ކުރަން ބޭނުން ވާ ކަން މީގެ ކުރިން ވެސް ހާމަކޮށްފައެވެ. އަދި މިހާރު ވެސް ވަރަށް ގިނަ މެޗުތަކުގައި އޭނާ ވަނީ ބައިވެރިވެފައެވެ. އަދި ވަރަށް ފަހުން މި ގޮތަށް ޒުކަބާގް ފައިޓް ކުރި މެޗެއްގައި އޭނާގެ ކަކުލުގެ ހުޅަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މެޓާގެ އިންވެސްޓަރުން ބުނާ ގޮތުގައި މާކް ޒުކަބާގް އަކީ ކުންފުނި ހިންގުމުގެ އެންމެ އިސް ފަރާތެވެ. އަދި ކުންފުންޏަށް އޭނާގެ ތަޖުރިބާ ވަރަށް ބޮޑަށް ބޭނުން ވާނެއެވެ. އެ ސަބަބަށް ޓަކައި އޭނާގެ ސިއްހަތަކީ ކުންފުނީގެ ހިއްސާތަކުގެ އަގަށް އަސަރުކުރާނެ ކަމެއް ކަމަށް ވެސް އިންވެސްޓަރުން ވަނީ ބުނެފައެވެ. އަދި އޭނާ މި ކަހަލަ ނުރައްކާތެރި ކުޅިވަރުތަކުގައި ހަރަކާތްތެރި ވާނަމަ އަނިޔާތައް ލިބުން ވަރަށް ގާތް ކަމަށާއި އޭގެ ސަބަބުން އެ ކުންފުންޏަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވެސް ލިބިދާނެ ކަމަށް އިންވެސްޓަރުން ގަބޫލުކުރެއެވެ.