ބޭނުންވާ ތަކެތި

400 ގުރާމު ފަރުމަސް (ބޮޑެތިކޮށް ކޮށާފައި)

6 ފޮތި އަލަނާސި (ދަޅުގައި ބަންދުކޮށްފައި ހުންނަ ވައްތަރުގެ އަލަނާސި، ކޮށާފައި)

1 މޭޒުމަތީސަމުސާ ވިނިގަރ

1 މޭޒުމަތީސަމުސާ ހަކުރު

½ ސައިސަމުސާ އިނގުރު (ގާނައިފައި)

1 ސައިސަމުސާ ލޮނުމެދު (ގާނައިފައި)

1 ބެލްޕެޕާ (ފެހި ކުލައިގެ، ކަރުގަނޑު ނަގައިފައި، ގޮޅިއަށް ކޮށައިފައި)

1 ފިޔާ (ބޮޑު، ގޮޅިއަށް ކޮށައިފައި)

½ ޖޯޑު ޓޮމާޓޯ ސޯސް

⅓ ސައިސަމުސާ އަސޭމިރުސް (މުގުރައިފައި)

1 މޭޒުމަތީސަމުސާ ޓޮމާޓޯ ޕޭސްޓު

½ ޖޯޑު ޗިލީ ސޯސް (ލައިފް)

½ ސައިސަމުސާ ހިކިމިރުސް (ރާޅުކޮށް މުގުރައިފައި)

3 މޭޒުމަތީސަމުސާ ގޮދަންފުށް

2 ކުކުޅުބިސް

4 ތިކި ފިޝް ސޯސް

ތެޔޮ، ރާނބާފަތް، ހިކަނދިފަތް، ލޮނު

ތައްޔާރުކުރާ ގޮތް

މަހުގެ ތެރެއަށް ލޮނު، އިނގުރު، އަސޭމިރުސް އަޅައިފައި، ދިހަ މިނެޓު ވަންދެން ބެހައްޓާނީއެވެ. ކުކުޅުބިހުގެ ތެރެއަށް ފުށް އަޅައިފައި، ލޮނުލައިގެން ރަނގަޅަށް ގިރައިފައި ލޮނުމެދު އަޅައިފައި ރަނގަޅަށް އެއްކޮށްލާނީއެވެ. ފުށްގަނޑު މާ އޮލަ ނަމަ، ކުޑަ ފެންފޮދެއް އަޅައިގެން ކުޑަކޮށް ދިޔާކޮށްލާނީއެވެ. ފުށްގަނޑުގެ ތެރެއަށް ފަހަރަކު މަސްކޮޅެއް ލައިފައި، ރަނގަޅަށް ފުށް ހޭކުމަށް ފަހު ތެލުލާނީއެވެ. ތާހުގައި ތެޔޮގަނޑު ބަހައްޓާނީ، މަސްކޮޅު ލުމުން މަސްކޮޅު ފޮރުވޭ ވަރަށެވެ. ތާހުން މަސްކޮޅު ނެގުމަށް ފަހު (ތެޔޮ ހިންދުމަށްޓަކައި) ޓީޝޫއެއް މަތީގައި މަސްކޮޅު އަތުރާލާނީއެވެ.

ތެޔޮފޮދެއްގައި ފިޔާ މީރު ކޮށްފައި، ފިޔާކޮޅު މޯޅިވީމައި ޓޮމާޓޯ ޕޭސްޓު އަޅައިފައި އެއްކޮށްލުމަށް ފަހު، ބެލްޕެޕާ، މުގުރި މިރުސް، އަލަނާސި، ވިނިގަރ، ހަކުރު، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، ފިޝް ސޯސް އަޅައިފައި، ބޮކިޖަހައި ކެކެން ފެށުމުން، ކުރިން ތައްޔާރު ކުރި މަސްކޮޅު އޭގެތެރެއަށް އަޅައިލާނީއެވެ. ރަނގަޅަށް އެއްކޮށްލައިފައި، ކެކިގަތީމައި ހިކަނދިފަތާއި، ރާނބާފަތް އެޅުމުން ކައްކާ ނިމުނީއެވެ.

ކިޔުންތެރިންގެ ހިޔާލު