ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަދި އެކްޓަރު ސައިފް އަލީ ޚާންގެ އަންހެނުން ކަރީނާ ކަޕޫރަށް 38 އަހަރު ފުރިއްޖެއެވެ.

ލޯބި ލޯބި ތައިމޫރްގެ މަންމަ ކަރީނާ ދަނީ އޭނާގެ ގާތް ރައްޓެހިންނާއި އާއިލާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންނެވެ.

އެގޮތުން ރޭގައި އުފަންދުވަހުގެ ކޭކް ފަޅާފައިވާއިރު، އާއިލާ އާއި ރައްޓެހިންގެ ފަރާތުން ކަރީނާ އަށް ލިބުނު ޚާއްސަ ކޭކް ގައި ލިޔެފައިވަނީ "ޔޫ އާ އަވާ ރޮކް ސްޓާ" މިހެންނެވެ.

ކަރީނާގެ އުފަންދުވަހާއި ގުޅިގެން އޭނާ ދިން އިންޓަވިއުއެއްގައި ކަރީނާ ވަނީ އޭނާގެ ފިރިމީހާ އާއި ފިލްމީ ދާއިރާ އަދި އަބަދުވެސް އެންމެ މުހިންމު ކަމެއް ދޭ ފެޝަނާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ.

"އަހަރެންގެ ހަޔާތަށް ސައިފްގެ ސަބަބުން ވަރަށް ބޮޑު ބަދަލު ތަކެއް އައިސްފައި ހުންނާނެ. އެންމެ މުހިންމު ކަމަކަށް އަހަރެން ފާހަގަ ކުރާނީ ސައިފް އަހަރެންގެ އަމިއްލަ ވަންތަކަމަށް ހުރަސް ނޭޅުން. އަބަދުވެސް އަހަރެން އަހަރެންގެ ގޮތުގައި ހުރުމަށް ހިތްވަރު ދޭނެ. އެއީ އަސްލު މިފަދަ ދުވަހެއްގައި ފާހަގަ ކުރަންޖެހޭ އަދި އުފާވާން ޖެހޭ ކަމެއް" ކަރީނާ ބުނެފައިވެއެވެ.

ތައިމޫރަށް ބަނޑުބޮޑުވި ހިސާބުން ވެސް ކަރީނާގެ ފެޝަން އަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އޭރުވެސް ފެޝަން ހެނދުން ލައި އުޅުނު އިރު، ވިހެއުމާއި ގުޅިގެން ފަލަ ވުމުން ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް ކަރީނާ ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ކޮންމެ މީހަކުވެސް ފިޓް އެންޑް ހެލްތީ ކޮށް ހުންނަން ޖެހޭނީ. އެއީ އުފާވެރި ދިރިއުޅުމަކަށްވެސް މަގު ފަހި ކުރުވާނެ ކަމެއް" ފިޓްނެސް އާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަރީނާ ބުނެފައިވެއެވެ.

ދާދިފަހުން ކަރީނާ ވަނީ އާއިލާއާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްލާ، އުފާވެރި ވަގުތުތަކެއް ރާއްޖޭގައި ހޭދަކޮށްފައެވެ.