އެމެރިކާގެ ދެ ލޯބިވެރިން ކަމަށްވާ ޖޯޝާ މޭސަން އާއި ކެޓީ ޑޭވިސް މިދިޔަ ހޮނިހިރު ދުވަހު ކޮލޮރާޑޯގެ ފަރުބަދައަކަށް އެރިއެވެ. ލޯބިވެރިޔާ އާއި އެކު ފަރުބަދަ މައްޗަށް އަރަން ޖޯޝާ ނިންމީ އެންމެ ސަބަބެއް އޮވެގެންނެވެ. އެއީ އޭނާގެ ލޯބިވެރިޔާ ކައިރިން ކައިވެންޏަށް އެހުމަށެވެ. ނުވަތަ ޕްރޮޕޯސް ކުރުމަށެވެ.
އަށް މޭލުގެ ދިގު ރާސްތާއަކަށް ދެމީހުން އެކަނި، އެކުގައި ހިނގިއެވެ. 3000 ފޫޓް މައްޗަށް އަރާ ލޯބިވެރިޔާ އަށް ޖޯޝާ ޕްރޮޕޯސް ކުރިއެވެ. ކެޓީ ވަރަށް އުފަލުން ހުރެ އެހުށަހެޅުން ގަބޫލު ކުރިއެވެ.
ބިރުވެރިކަމާއި ނާމާންކަން ދެލޯބިވެރިންނަށް ކުރިމަތިވީ އޭގެ ފަހުންނެވެ. އެނބުރި ފަރުބަދަ އިން ފައިބަން ދެމީހުން ހިނގައި ގަތް އިރު އޮތީ އަނދިރިވެފައެވެ. ފަރުބަދަ އިން ފައިބާނެ ރީތި މަގެއް ފެންނާކަށް ނެތެވެ. ގަދަ ފިނީގައި ކެތް ކުރެވޭ ޒާތުގެ އަންނައުނެއް އެމީހުންގެ އަތަކު ނެތެވެ. އެމީހުންގެ އަތުގައި ހުރީ މަދު ފެން ފޮދެކެވެ.
ދެލޯބިވެރިންނަށް މަގު އޮޅި ދެވޭ ނުދެވޭ ތަނެއް ނޭނގި، ބަލިވެ ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހުނެވެ.
ނަމަވެސް ހީކުރިވަރަށް ވުރެ އެމީހުންގެ ނަސީބު ރަނގަޅެވެ. ހައިކިން އަށް ނިކުމެ އުޅުނު ގްރޫޕަކަށް އެދެލޯބިވެރިން ފެނުނެވެ. އެގްރޫޕުން އެމީހުން ބޯނެ ފެނާއި، ކާއެއްޗެހި ދިނެވެ. އަދި އެމީހުންގެ ޓެންޓްގައި މަޑު ކުރުމުގެ ފުރުސަތު ވެސް ދިނެވެ.
އެމީހުންގެ ސިއްހީ ހާލު ހުރި ގޮތުން އެގްރޫޕުން ވަނީ މެންދަމު އެމީހުން ފަރުބަދަ އިން ތިރިއަށް ބާލައި ދީފައެވެ. ފޯނުގެ ރޭންޖް ލިބޭ ހިސާބަށް ފޭބުމުން ކަމާބެހޭ ފަރާތްތަކަށް ގުޅާ ދެ ލޯބިވެރިން ވަނީ ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ މީހުންނާއި ހަވާލު ކޮށްފައެވެ. އޭރު ފަތިހު 04:30 ވެއްޖެއެވެ.
ފަރުބަދައެއް މަތީގައި ޕްރޮޕޯސް ކުރުމުން ލިބުނު ހިތްހަމަޖެހުމާއި އުފާ ވަނީ އޭގެ ފަހުން ކުރިމަތިވި ބިރުވެރިކަމުގެ ސަބަބުން ހަނދާނުން ފިލާފައެވެ.
މިހާރުދޯ ބޮޑައް ހަނދާން ވާނީ....