މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކު ހެކި ފޮރުވުމަށްޓަކައި ބޮޑުކަމު ނުގޮސް އެތައް ދުވަހެއްވަންދެން ހުރުމާއި ގުޅިގެން އޭނާގެ ސިއްޙީ ހާލަތު ދަށްވެ ނުކުޅެދިއްޖެއެވެ.
އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މަސްތުވާތެކެތި ގެންގުޅުނުކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނެފައި ވަނީ، އޭނާ ފުލުހުން ފެނުމުން މަސްތުވާތަކެތި ދިރުވާލީ ކަމަށެވެ.
މިކަމާއި ގުޅިގެން އެދުވަހުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި އެމީހާ ބަހައްޓާފައި ހުރިއިރު، އޭނާ ވަނީ 37 ދުވަސް ވަންދެން ބޮޑުކަމުނުގޮސް އެކަމަށް ދެކޮޅު ހަދާފައެވެ. މިކަމާއި ގުޅިގެން އޭނާގެ ބޮޑުކަމުދާ ނިޒާމަށް ގެއްލުން ވެފައިވާ ކަމަށް އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި، އެމީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިއިރު ހުރިހައި ވަގުތެއްގައިވެސް ދެ ފުލުހަކު އޭނާގެ ޙަރަކާތްތައް ބަލަމުންދިޔަ ކަމަށެވެ. ނަމަވެސް ދިރުވާލި މަސްތުވާތަކެތި ފެނިދާނެ ކަމަށްޓަކައި އޭނާ ބޮޑުކަމުނުގޮސް ހުރީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެއް މަހަށްވުރެ ގިނަ ދުވަސްވަންދެން ބޮޑުކަމު ނުގޮސް ހުރުމުގެ ސަބަބުން ހާލު ދެރަވެގެން އެމީހާ ހޮސްޕިޓަލަށް ގެންދިޔައީ ހައްޔަރުކުރިތާ 36 ދުވަސްވީ ފަހުންނެވެ. އެއަށްފަހު އެކު އޭނާއަށް ފަރުވާދީ ހަށިގަނޑުގެ ތެރޭގައި ހުރި ނަޖިސް ނަގާފައި ވަނީ އޮޕަރޭޝަންކޮށްގެން ކަމަށް ވެއެވެ.
މިކަމާއި ގުޅިގެން ހޮސްޕިޓަލުގެ ފަރާތުން ބުނެފައިވަނީ، ގިނަ ދުވަސް ވަންދެން ބޮޑުކަމުނުގޮސް ހުރުމަކީ އެކަމުގެ ސަބަބުން ހީވެސް ނުކުރާފަދަ ނުރައްކާތެރި ސިއްޙީ ހާލަތުތައް މެދުވެރިވާ ކަމެއް ކަމަށާއި، އެމީހާއަށް މިހާރު އެފަދަ ހާލަތެއް މެދުވެރިވެ އުމުރަށް ނުކުޅެދިފައިވާ ކަމަށެވެ.
އެގޮތުން މިހާރު އޭނާ ދިމާވެފައިވާ ހާލަތުގެ ސަބަބުން، ބޮޑުކަމުދިއުން އެއްގޮތަކަށްވެސް އޭނާއަށް ނުހިފެހެއްޓޭ ކަމަށާއި، އޭނާއަށް ނޭނގިވެސް ބޮޑުކަމު ދެވޭ ކަމަށެވެ. މީގެ އިތުރުން އޭނާގެ އެތެރެހަށީގެ ބައެއް ގުނަވަންތަކަށް އިންފެކްޝަންގެ އަސަރުކޮށްފައިވުމުން އެކަމަށް ފަރުވާ ކުރަމުން އަންނަ ކަމަށްވެސް ހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން ބުނެފައިވެއެވެ.
ގިނަ ދުވަސްތަކެއް ވީފަހުން ހޮސްޕިޓަލަށް ގެންގޮސް އެމީހާގެ ހަށިގަނޑުގައި ހުރި ނަޖިސް، އޮޕަރޭޝަނެއް ކޮށްގެން ނެގިއިރު، މަސްތުވާތަކެތީގެ މައްސަލައިގައި އޭނާއާއި ދެކޮޅަށް ހެކި ލިބުނު ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފޭކު ސްޓޯރީ! ތި ވާހަކަޤަބޫލު ކުރާނީ ޗައިނާ ކުދިން.