އަންހެނަކަށް ވާން އުޅުނު ފިރިހެނަކު އެއްވެސް ޖިންސަކަށް ނިސްބަތްނުވާކަމަށް ދޭހަވާ ޕާސްޕޯޓް ނެދަލޭންޑްސްގައި ދޫކޮށްފިއެވެ. މިއީ މިގޮތަށް ނެދަލޭންޑްގައި އެއްވެސް ޖިންސަކަށް ނިސްބަތްނުވާ ގޮތަށް ޕާސްޕޯޓް ދޫކުރި ފުރަތަމަ ފަހަރެވެ.

ޖިންސަކަށް ނިސްބަތްނުވާ ގޮތަށް ޕާސްޕޯޓް ދޫކޮށްފައިވަނީ އުމުރުން 57 އަހަރުގެ ލިއޯނީ ޒީގާ ނަމަކަށް ކިޔާ މީހަކަށެވެ. ލިއޯނީގެ ޕާސްޕޯޓްގައި ޖިންސް ފާހަގަކޮށްދޭ ގޮޅީގައި އެހެން މީހުންނާއި ޚިލާފަށް ޖަފާފައިވަނީ X މިހެންނެވެ. އާއްމުކޮށް ޕާސްޕޯޓްގައި އަންހެން އަދި ފިރިހެން ޖިންސުގެ މީހުންނަށް ޚާއްސަ އަކުރެއް ދީފައި ވެއެވެ.

ޖިންސަކަށް ނިސްބަތްނުވާ ގޮތަށް ނެދަލޭންޑްސްގައި ޕާސްޕޯޓް ދޫކޮށްފައިވާ މީހާއަކީ ފިރިހެނެކެވެ. ނަމަވެސް ލިއޯނީ ބުނެފައިވަނީ އޭނާގެ ގައިގައި ފިރިހެންވަންތައް ސިފަތަކެއް ނެތްކަން އެނގުނީ ފުރާވަރަށް އެރި ހިސާބުން ކަމަށެވެ. އަދި 2001 ވަނަ އަހަރު ސާޖަރީއެއް ހެދި ކަމަށާއި ފަހުން އަންހެނަކަށް ބަދަލުވީ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ނަމަވެސް ލޮއޯނީ ބުނީ މިގޮތަށް ސާޖަރީ ހެދި ނަމަވެސް އޭނާއަކީ ސީދާ އަންހެނެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަމަށެވެ. ލިއޯނީއަކީ މީގެ ކުރިން ކުޅިވަރުގެ ދާއިރާގައި އުޅުމަށްފަހު މިހާރު ނަރުހެއްގެ ވަޒީފާގައި އުޅޭ މީހެކެވެ. މިގޮތަށް ޖިންސަކަށް ނިސްބަތް ނުވާ ގޮތަށް ނެދަލޭންޑްސްގެ ޕާސްޕޯޓް ހެދޭ ގޮތަށް ހަދާފައިވަނީ އެޤައުމުގެ ކޯޓުން ތިންވަނަ ޖިންސެއް އުފައްދަން ޖެހޭ ކަމަށް އަމުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިއީ ނެދަލޭންޑްސްގައި މިގޮތަށް ޕާސްޕޯޓް ދޫކުރި ފުރަތަމަ ފަހަރު ކަމުގައި ވީނަމަވެސް، މީއީ ދުނިޔޭގެ ޤައުމެއްގައި މިފަދަ ގޮތަކަށް ޕާސްޕޯޓް ދޫކުރި ފުރަތަމަ ފަހަރު ނޫންކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ފުރަތަމަ ފަހަރަށް މިފަދަ ޕާސްޕޯޓެއް ދޫކޮށްފައިވަނީ އޮސްޓްރޭލިޔާގައެވެ. އެއީ 2003 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    އެއަރުޕޯޓުގައި ތިންވަނަ ފާހާނާއެއް ވެސް ހަދަންޖެހޭނެތާ