ކަނޑައެޅިފައިވާ މިންވަރަށްވުރެ ގިނައިން ސައި ނުވަތަ ކޮފީ ބޯނަމަ މާބަނޑު އަންހެނުން ވިހާ ކުއްޖާގެ ބަރުދަން ލުއިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާއިން ދައްކާފައިވާ ގޮތުގައި މާބަނޑުމީހާ އެންމެ ގިނައިން ބޭނުން ކުރެވޭނީ ދުވާލަކު 200 މގ ކެފެއިން ކަމަށާއި މިއަށްވުރެ ގިނައިން ބޭނުންކޮށްފިނަމަ ކުއްޖާގެ ބަރުދަން ލުއިވާނެ ކަމަށެވެ. 200މގ ކެފެއިންއަކީ 2 ކޮފީތައްޓެވެ. ނުވަތަ 3 ސައި ތައްޓެވެ.

ޔުނިވަރސިޓީ ކޮލެޖް ޑަބްލިންގް އިން ކުރި މިދިރާސާގައި ބުނެފައިވަނީ މާގިނައިން ކެފެއިން ބޭނުން ކުރުމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑަށް ލޭ ދައުރުވުމަށް ހުރަސް އެޅޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާގެ ހެދި ބޮޑުވުމަށް އަސަރު ކުރާ ކަމަށާއި ކުއްޖާގެ ބަރުދަން ލުއި ވަނީ މިހެން ވުމުގެ ސަބަބުން ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ. މިދިރާސާ ކުރެވިފައިވަނީ ޖުމްލަ 941 މާބަނޑު މީހުން ބޭނުން ކޮށްގެނެއެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތަކުގައި ބުނެފައިވަނީ މާބަނޑު މީހަކު 300މގ އަށްވުރެ ގިނައިން ކެފެއިން ހިމެނޭ ބާވަތް ބޭނުން ކުރުމަކީ ގެއްލުންހުރި ކަމެއް ކަމަށެވެ. އަދި ގިނަ މީހުންނަށް ސައިގައި ކެފެއިން ނުހިމެނޭކަމަށް ޤަބޫލު ކުރެވުނަސް ކަޅު ސައި ތައްޓެއްގައި 35މގ އާއި 110މގ އާ ދެމެދުގެ މިންވަރަކަށް ކެފެއިން އެކުލެވިގެންވާ ކަމަށް ދިރާސާތަކުން ދައްކައެވެ.