ދުނިޔެވެސް ހިމެނޭ މިލްކީވޭ (ގެލެކްސީ)ގައި އެކުލެވޭ އެންމެ ބޮޑު ގުރަހަ ކަމަށްވާ ޖުޕިޓާގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުތަކުގެ އައު ފޮޓޯ ތަކެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އާންމު ކޮށްފިއެވެ.
ނާސާއިން މީގެ ހަ އަހަރު ކުރިން ޖުޕިޓާ ދިރާސާ ކުރަން ފޮނުވި ޖައްވީ އުޅަދު ޖޫނޯ އިން ވަނީ ޖުޕިޓާގެ މަތީ ފަށަލައިގައި އާދަޔާ ހިލާފު ބާރުގަދަ ތޫފާން ތަކެއް އުފެދިފައިވާ މަންޒަރު ފެންނަ ފޮޓޯ ތަކެެއް ކުރިއަށް ވުރެން ކައިރިން ނަގާފައެވެ.
މި ފޮޓޯތައް ބޮޑަށް ވައްތަރީ ވެލީގެ ތޫފާނުގެ ފޮޓޯ ތަކަކާއިއެވެ. ޖުޕިޓާ ވަށާ ދަތުރުކުރަމުން ނާސާގެ ޖޫނޯ އުޅަދުން މި ފޮޓޯތަށް ނަގާފައިވަނީ މި މަހު ކުރީކޮޅުއެވެ.
ޖުޕިޓާއަކީ އިރަވީ ނިޒާމުގައި އިރުން ފެށިގެން ފަސް ވަނައަށް އޮންނަ ގުރަހަ އެވެ. ޖުޕިޓާ އަކީ އިރަވީ ނިޒާމުގެ ބޭރަށް އޮންނަ ހަތަރު ގުރަހައެކޭ އެއްފަދައިން ގޭހުގެ މައްޗަށް ބިނާވެގެންވާ، ހަރު ބިމެއް ނޯންނަ ގުރަހައެކެވެ. ޖުޕިޓާވަށާ ބުރުޖަހާ 67 ހަނދު ވެ އެވެ.
ޖުޕިޓާގެ ދިރާސާތައް ކުރުމަށްޓަކައި ޖޫނޯ ނަމަކަށް ކިޔާ ސެޓަލައިޓެއް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ފޮނުވީ 2015 ވަނަ އަހަރުއެވެ. ނާސާގެ ޖޫނޯ އުޅަނދު 1.7 ބިލިއަން މޭލުގެ ދަތުރަކަށް ފަހު ޖުޕިޓާގެ އޯބިޓަށް ވަނީ 2016 ވަނަ އަހަރުއެވެ.
ޖޫނޯގައި މައުލޫމާތު އެއްކުރާ ހަތް އިންސްޓޫމެންޓެއް ހިމެނޭނެ އެވެ. މި އިންސްޓްރޫމެންޓްތަކުން ހޯދާ ބަލާ މައުލޫމާތުތަކުގެ ތެރޭގައި ޖުޕިޓާ އުފެދުނު ގޮތާއި އޭގެ ސްޓްރަކްޗަރާއި ވައިގެ ފަށަލަ އަދި ޖުޕިޓާގެ ބިމަށް ދަމާ ބާރު ނުވަތަ މެގްނެޓޮސްފިއާ ހިމެނެ އެވެ.