އިންޑިއާގެ މަދްޔަ ޕްރަދޭޝްގައި ތިން ބުރި އިމާރާތަކުން ވެއްޓުނު ކުޑަ ފިރިހެން ކުއްޖަކު ފުރާނައަށް ގެއްލުމެއް ނުލިބި ސަލާމަތްވެއްޖެއެވެ.

ތިން ބުރި އިމާރާތެއްގެ ކުޑަދޮރުން ވެއްޓުނު ދެއަހަރުގެ ފިރިހެން ކުއްޖާ ބިމުގައި ޖެހުމުގެ ކުރިން ކަރަންޓް ކޭބަލެއްގައި ވެސް ޖެހުނެވެ. އަދި ބިންމައްޗަށް ވެއްޓުނީ މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ކޮނޑުގައި ވެސް ކޮންމެވެސް ވަރަކަށް ޖެހިފައެވެ.

މިހާދިސާ ހިނގީ މިދިޔަ ހޯމަ ދުވަހު އެވެ.

ކަރްތިކް ނަމަކަށް ކިޔާ ކުއްޖާ މަގުމައްޗަށް ވެއްޓި ޖެހުމާއި އެކު ހޭނެތުނެވެ. ކަރްތިކް ވެއްޓުނު މަންޒަރު ފެނުމާއި އެކު އެސަރަހައްދަށް މީހުން އެއްވެ އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކަރްތިކް ފުރަތަމަ ގެންދިޔައީ ހާދިސާ ހިނގި ސަރަހައްދުގައި ހުރި ކުޑަ ހޮސްޕިޓަލަކަށެވެ. އެހޮސްޕިޓަލުން އޭނާ ބެއްލެވި ޑޮކްޓަރުން ވަނީ ކަރްތިކްގެ ފުރާނައަށް ނުރައްކާ ވާވަރުގެ އަނިޔާއެއް ލިބިފައި ނެތްކަން ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް އިތުރު ޓެސްޓްތައް ހެދުމަށް ފަހުން އޭނާ އެހެން ހޮސްޕިޓަލަކަށް ވެސް ގެންދިޔައެވެ. ފަހުން ހެދި ގިނަ ޓެސްޓްތަކުން ވެސް ދެއްކި ގޮތުގައި ކަރްތިކް އަށް މިހާދިސާގެ ސަބަބުން ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު