ދުނިޔޭގެ އެކި ގައުމުތަކުގައި ތަފާތު ކަންތައްތައް ކުރާ މީހުން އުޅެއެވެ. ނަމަވެސް އިނގިރޭސިވިލާތުގެ 38 އަހަރުގެ އަންހެނެއް ކަމަށްވާ ތެރީސާ މޭހަން މިއުޅޭ ގޮތައް އުޅޭ އެހެން މީހަކު ހުންނާނެ ހެންނެއް ހިޔެއް ނުވެއެވެ. ތެރީސާ ހުރީ ވަރަށް ފުރިހަމައަށް ކައިވެންޏަށް ތައްޔާރު ވެގެންނެވެ.

1000 ޕައުންޑް (ދިވެހި ރުފިޔާ އިން ބަލާނަމަ 20000 ރުފިޔާ) ގެ އަގުހުރި ވެޑިން ޑްރެސް އެއް ވެސް އޭނާ ގަނެއްޖެއެވެ. ކައިވެނި ޕާޓީ ބާއްވާނެ ގޮތުގެ ޕްލޭން ވެސް އޮތީ ތައްޔާރު ކޮށްފައެވެ. ނަމަވެސް އަދި ތެރީސާ ކައިވެނި ކުރާނެ ފިރިހެނަކު ނެތެވެ. އޭނާގެ ލޯބިވެރިޔަކު ވެސް، އަދި ކައިވެންޏަށް ޝަރުތު ހަމަވާ މީހަކު ވެސް ތެރީސާގެ ލިސްޓްގައި ނެތެވެ.

ތެރީސާ މިއަދު މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ އޭނާ ކައިވެންޏަށް ތައްޔާރުވެ، ޕާޓީގެ ހުރިހާ ކަމެއް ނިންމައިގެން މިހިރީ އޭނާގެ ހުވަފެނީ ޕްރިންސާއި ބައްދަލުވާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ. ކުރިއަށް އޮތް ހަހަފްތާ ތެރޭގައި އެންމެ ލަސްވެގެން ވެސް ހަޔާތުގެ ބައިވެރިޔަކު ލިބޭނެ ކަމަށް އުއްމީދު ކުރާކަމުގައި ތެރީސާ ބުންޏެވެ.

ތެރީސާ މީގެ ކުރިން ކުރި ކައިވެންޏަކަށް ވަނީ ތިން ކުދިން ލިބިފައެވެ. އޭނާ ބުނީ ކުރީގެ ފިރިމީހާ އާއި ކައިވެނި ކުރީ އެއީ އޭނާގެ ޕްރިންސް ޗާމިން އަށް ވާނެ ކަމުގެ އުއްމީދުގައި ކަމަށާއި ނަމަވެސް އެކަން ނުވުމުން އެކައިވެނި ރުޅުނީ ކަމަށެވެ.

ނަމަވެސް އަދިވެސް ހުރީ ޕްރިންސް ޗާމިން އާއި ބައްދަލުވެ، ސިންދްރެލާ ބޭއްވި ކަހަލަ ޕާޓީއެއް ބޭއްވޭނެ ކަމުގެ އުއްމީދުގައި ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮސްޓް ހާރޓް

    މަގޭ ފިރި ސޮރަށް މި ހަބަރު ފެނިއްޖެޔާ އަނެއްކާ މީނައަށް މެސެޖް ކުރާނެ..މިހާރުވެސް ތައިލެންޑު މަންޖެ ހުވަފެނުން ފެންނަ ވަރުން އުޅެނީ...ވަގުތު މިކަހަލަ މީހުންގެ ހަބަރު ނުގެނައުން ބުއްދިވެރި.