ހަވީރުގެ ފިނިފިނި ވަގުތު މުޅިރަށު ތެރެއަށް ހަނާ އަޅަމުން ދިޔައީ ފިނިފިނި ވައިރޯޅިތަކުންނެވެ. ޝަބުނަމްގެ ވައި ބާނިތަކުން ރަށު ރައްޔިތުންގެ ހިތްތަކަށް އެވަގުތު ދިޔައީ ފިނިކަން ލިބިދެމުންނެވެ. އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ރާއީ ފާޚާނާއިން ނިކުތީ ފެންވަރާލައިގެންނެވެ. އޭނާ ގަޑި ބަލާލިއިރު ހަވީރު 5 ޖަހަން ވަނީ ގާތްވެފައެވެ. ޖިންސަކާއި ގަޔަށް ބާރު ޓީޝާޓެއް ލަމުން ރާއީ ލޯގަނޑު ކުރިމައްޗަށް އެރިއެވެ.

"ވާވް... ހަމަ އަހަރެންނަށް ލިބިފަ މި އޮތީ ސިހުރު ފަދަވި އަންހެން ރީތި ހަށިގަނޑެއް."

ރާއީ އޭނާގެ ހަށިގަނޑަށް އަމިއްލައަށް ތަޢުރީފް ކޮށްލިއެވެ. ރާއީ އޭނާގެ ބޮލުގައި ފުނާ އަޅަމުން ކުޑަކޮށް މޫނުގައި ފުށް ޖަހާ ނަލަވެލިއެވެ. އަދި ލިޕްސްޓިކުން ތުންފަތުގެ ކުލަ ކުޑަކޮށް އުޖާލާ ކޮށްލަމުން މޭޒުމަތީގައި އޮތް ފޯނު ނެގިއެވެ.

"ޓިކްޓޮކް ވީޑިއޯ ހަދާލަން ވީ ކަންނޭނގެ." ރާއީ ޓިކްޓޮކް އެޕްލިކޭޝަން ހުޅުވާލިއެވެ.

"ކޮން ލަވައަކަށް ބާ ހަދާނީ." އަމިއްލައަށް ހުރެ ރާއީ ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ނަފުސާއެވެ.

ވަގުތުކޮޅަކު ވިސްނަން ހުރުމަށްފަހު ރާއީގެ ސިކުނޑި ވަށާލީ ފިލްމު ނިވައިރޯޅީގެ ޕްރޮމޯޝަން ލަވައިންނެވެ. ރާއީ ނިކަން އުފަލުން ހުރެ އެ ލަވައަށް އޭނާގެ ފަރި ރީތި ހަރަކާތްތައް ދައްކާލަން އިންތިހާއަށް ބޭނުންވިއެވެ. ރާއީ އޭނާގެ ފޯނުން ޓައިމާރ ޖެއްސުމަށްފަހު ފޯނު ދުރުގައި ބެހެއްޓިއެވެ. ލަވަ ފެށުމާއިއެކު ރާއީ ލަސްތަކެއްނުވެ އޭނާގެ ފަރި ހަރަކާތްތަކުން ފޯނުގެ ކެމެރާ ލަދުގަންނަވަމުން ދިޔައެވެ.

"ސިހުރު ފަދަވި ކަމަނާ... އާއް..

ރޫހު ނުއެނގި އަތުލާ މި ކަމަނާ....

ސިހުރު ފަދަވި އޯ ކަމަނާ....

ގައިމެ އަތަކު ނުޖެހޭ މިކަމަނާ....

ރާޅެކެ ވަރުލާ.... ހޫނެކެ ފިހިލާ..."

ލަވައިގެ ތެރެއަށް ރާއީ ދިޔައީ ޤަރަގުވަމުންނެވެ. އަތުން އަންހެންވަންތަ ހަރަކާތްތަކެއް ޖައްސަމުން ދިޔައިރު މޫނާއި، ބޯވެސް ދިޔައީ އެކީ އެކެއްޗަކަށް ލަވައިގެ ތެރޭގައި ޝާމިލްކުރަމުންނެވެ. ލަވަޔާ އެއްވަރަށް ރާއީ ލަވަކިޔަމުން ދިޔައިރު އޭނާގެ އަނގަޔަށް ޖައްސަމުން ގެންދިޔަ ވައްތަރުތަކަކީ ސީދާ ރާއީއަށް ވަރަށް ރީތިވެގެން ޖައްސަމުންދިޔަ ވައްތަރުތަކެކެވެ. ވީޑިއޯކޮށް ނިމުމާއިއެކު ރާއީއަށް އުފަލުން ތެޅިގަނެވުނެވެ. ހެދުނު ވީޑިއޯގެ މޮޅުކަމުންނެވެ. ފުރިހަމަ ކަމުންނެވެ. ވީޑިއޯ އަޕްލޯޑް ކުރުމުގެ ކުރިން އެތައް އިރަކު އެ ވީޑިއޯއަށް ބަލަން ރާއީއަށް އިނދެވުނެވެ. އެއްވެސް ފޫހިކަމެއް ނެތިއެވެ.

"އަހަރެންނަކީ ސިހުރު ފަދަވި ކަމަނާ.. އަހަރެން އަތެއް ނުވާނެ އެކަކަށްވެސް.. އެއްވެސް އަންހެން ކުއްޖަކަށް އަހަރެން ގެންނަ ފަރި ހަރަކާތްތައް ޖައްސާކަށް ނޭނގޭނެ."

ރާއީ އޭނާގެ މޭގައި އަތްޖައްސާލަމުން އަމިއްލައަށް މޭ ފުއްޕާލިއެވެ. ރާއީ ނިކަން އުފަލުންހުރެ ވީޑިއޯ އަޕްލޯޑްކޮށްލިއެވެ. އިސާހިތަކު ހާރޓް ރިއެކްޓްގެ ވައިރޯޅިއެއް ވީޑިއޯއަށް އަންނަން ފެށިއެވެ. އެހެނަސް ވީޑިއޯ ޝެއާރ ކުރުމަށް އެރީ ވަރުގަދަ ނަގޫރޯޅިއެކެވެ. އެ ނަގޫރޯޅީގެ ސަބަބުން މުޅި ރާއްޖެއަށް ސިހުރުފަދަ ވި ކަމަނާގެ ސިހުރެއްފަދަ ވީޑިއޯ "ވައިރަލް" ވެގެން ދާން ނެގީ މަދު ސިކުންތުކޮޅެކެވެ. އެއްބަޔަކު ރާއީއަށް "ކުއީން" އެއްގެ ލަޤަބު ދިނެވެ. ގިނަ މީހުން ދިނީ ލަވައިގައި ބުނާގޮތަށް "ސިހުރު ފަދަވި ކަމަނާގެ" ލަޤަބެވެ. އަނެއް ބަޔަކު ރާއީއަށް ހުތުރު ބަހުން އެއްޗެހި ގޮވަމުން ދިޔައެވެ. އެހެނަސް ރާއީ އެކަމާއި މެދު ފަރުވާާލެއް ބަހައްޓާކަށް ބޭނުމެއް ނުވިއެވެ. ރާއީ ޤަބޫލުކޮށްގެން ހުރީ ބައެއް މީހުން ބުނާ ގޮތަށް ރާއީއަކީ ހަމަ "ކުއީން" އެއް ކަމުގައެވެ. ސިހުރު ފަދަވި ކަމަނާގެ ގޮތުގައެވެ. ކިތަންމެ ވަރަކަށް ރާއީ ހުއްޓުވަން އުޅުނަސް އޭނާ ނުހުއްޓުވޭނެ ކަމަށާއި، އަތު ނުލެވޭނެކަމަށް ރާއީ ޤަބޫލުކުރެއެވެ.

ދުވަސްތައް ފަށްވަމުން ދިޔައެވެ. ރާއީ ދިޔައީ އެކި ދުވަސް މަތިން އެކި ކަހަލަ ވީޑިއޯތައް ޓިކްޓޮކަށް ލަމުން، އެތައް ބައެއްގެ ފޫހި ފިލުވާ މަޝްހޫރު ޕޭޖުތަކުގައި ރަނިކަން ކުރަމުންނެވެ. ރާއީއަށް އެތައް ބަޔަކު ފާޑުކިޔަމުން ދިޔައިރު، ގިނަ ބަޔަކު ދިޔައީ ރާއީ ހަދަމުންދާ ވީޑިއޯތައް ހުއްޓުވުމަށް ގޮވަމުންނެވެ. ގައުމީ ބޮޑު މުޒާހަރާއަކަށް ދިޔަސް ރާއީ ހުރީ އެކަން ހުއްޓަން ކަމަރު ބަދެގެނެއް ނޫނެވެ. ރާއީގެ ސިހުރު އެތައް ބަޔަކަށް ޖެހިގެން އެމީހުން ކިތަންމެ ރުޅިއެއް އަޔަސް ރާއީ ދާން ވިސްނައިގެން ހުރީ ރާއީގެ ގޮތުގައެވެ. އޭނާއަށް ލިބިފައިވާ ސިހުރު ފަދަވި ކަމަނާގެ ލަޤަބުގެ ދަހިވެތިކަމުގައި އެތައް ދިވެހި އަންހެންކުދިން ތިބޭ ކަމަށް ރާއީ ބުނެއެވެ. އެހެންކަމުން ރާއީއަށް ލިބިފައިވާ ލަޤަބު އޭނާގެ އަތުން ބީވެގެން ދާކަށް ކުޑަކޮށް ވެސް އޭނާ ނޭދެއެވެ.

ހަނދުވެނިފާންކަން މުޅި ރަށުތެރެ އުޖާލާކޮށްފިއެވެ. ރާއީ ކުރު ޓޮޕްކޮޅަކާއި، ކުރު ފިޔާތޮށި ކުލައިގެ ސޯޓް ބުރިއެއް ލަމުން އަނެއްކާ ވެސް ތައްޔާރު ވީ ވީޑިއޯއެއް ހަދާށެވެ. ފޯނު މޭޒުމަތީގައި ބެހެއްޓުމަށްފަހު ފޫކޮޅު ކެމެރާއަށް ދިމާކޮށްލަމުން ފޫކޮޅު ތަޅުވަންފެށިއެވެ. އަންހެންވަންތަ ހަރަކާތްތަކާއިއެކު ފޫކޮޅު ތަޅުވަމުން ދިޔަ ރާއީއަށް އޭނާއަށް ކުރެވެނީ ކީއްކަން ވެސް ނޭނގޭ ކަހަލައެވެ. ތަފާތު ބަޑިތައް ލައްވަމުން ކުރު ފޭރާމުގައި ހަށިގަނޑަށް ބިންހެލުމެއް އައިސްގެން އުޅޭހެން ހީވާ ފަދަ ގޮތަކަށް ނަށަމުން ދިޔައިރު ރާއީ ގެ ކުޑަވެސް ލަދެއްނެތެވެ. ލަދުގަންނާކަށް ރާއީ ބޭނުމެއް ވެސް ނުވެއެވެ. ސިހުރު ފަދަވި ކަމަނާ ވިއްޔާއެވެ.

ވީޑިއޯ ނިމުމާއިއެކު ރާއީ އެ ވީޑިއޯ އޭނާގެ ރައްޓެއްސަކަށް ފޮނުވާލިއެވެ. ވީޑިއޯއަށް ބަލާފައި ހީސަމާސާ ކުރަން ތިއްބާ ފެނުނީ ހަމަ އެކަނި ރައްޓެއްސަކަށް ފޮނުވި ވީޑިއޯ ވެސް "ވައިރަލް" ވެގެން ދިޔަތަނެވެ. ސިއްރުސިއްރުން ފޮނުވި ވީޑިއޯއަށް ވެސް އެރީ ބޮޑު ތޫފާނެކެވެ. ފޭސްބުކު ޕޭޖުތަކުން ގޮސް އެ ވީޑިއޯގެ ވާހަކާއިއެކު ރާއީގެ ޚަބަރު ދިވެހި މީޑިއާގައި ތިލަވެއްޖެއެވެ. އެހިސާބުން ރާއީގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހިތާމައެއް ވެރިވެއްޖެއެވެ. ރާއީ އިންތިހާއަށް ހިތުގައި ޖެހިއްޖެއެވެ. އެނދުމަތީގައި އޮވެ މޫނުމަތީގައި ބާލިސް އަޅައިގެން ރާއީ ދިޔައީ ރޮމުންނެވެ. މޫނުމަތިން ބާލިސް ނަގަމުން ރާއީ މަޑުމަޑުން ހިނގާފައި ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ލޯގަނޑުން މޫނު ބަލާލިއެވެ.

"އަހަރެންނަކީ... އަހަރެންނަކީ އަންހެނެއް ނޫން.. އަހަރެންނަކީ ފިރިހެނެއް.. އަހަރެންނަށް މިއުޅެވުނީ ސިހުރު ފަދަވި ކަމަނާއަށް ވެވޭތޯ.. އަސްލުވެސް ސިހުރަކީ އޮޅުވާލުމެއް.. އެކަން އަހަރެންނަށް އެނގި ޔަގީންވެއްޖެ. މި ސިހުރުގައި އަހަރެންނަށް މި އޮޅުނީ އަހަރެންގެ އަސްލު. އަހަރެންގެ ޖިންސް."

ރާއީ ވަރަށް ބާރަށް ރޮމުން ކޮޓަރީގެ ތަށިމުށިގަނޑު މައްޗައް ޖެހިގަތެވެ. އަތު ނުލެވޭނެ ކަމަށް ބުނި ސިހުރު ފަދަވި ކަމަނާގެ ސިހުރު ދިވެހިން ބާތިލްކޮށް ސިހުރުގެ މައްޗަށް ދިވެހިން ކުރި ހޯދިއެވެ. ދުޢާއަކީ ހުރިހާ ދިވެހިންވެސް މި މުޖުތަމައުގައި ހިނގާ ނުރަނގަޅު ހުރިހާ އަމަލުތަކެއް ގުޅިގެން ހުއްޓުވުމެވެ. އަދި ނުރަނގަޅު އަމަލު ކުރާ އެންމެންނަށް ހެޔޮވިސްނުން ދެއްވުމެވެ.

ނިމުނީ

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. XD

    އޭނަ ފިރިހެނަކަށްވީ ކިހިނެއް؟

    8
    1
    • We

      ޓިކް ޓޮކް ގައި އަންހެންވެގެން އުޅުނު ފިރިހެނާ މަތިން ހަނދާން ނެތްތަ!?

      10
  2. Thanks

    ޥަރަށް ހަބޭސް ލިޔުމެއް

    5
    1
  3. ރާއީ ޓިކްޓޮކް ކްއީން

    ވަރަށް ޖޭ ވޭދޯ ބޯއިސް. އޯވ ކަމޯން ގިވްމި އަ ބްރޭކް

    7
    1
  4. ނަސް

    މީ ވައްތަރީ ސަމާސާ އަދަބަކާ