"ކިހިނެއްވީ މާ ހާސްވެފަ؟"

ޖަވާބެއް ނުލިބުމުން އަހަރެން ކަންބޮޑުވިއެވެ.

"ދަރިފުޅާ؟ މަންމަ ކައިރީ ބުނެބަލަ؟"

ހާސްވެފައިވާ ދެ ލޯ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްލިއެވެ. މުޅި މީހާ އެ އިނީ ދަލުން ފޯވެފައެވެ. އަތްފައި ތުރުތުރު އަޅަނީއެވެ. އިރުއިރު ކޮޅާ ބޯ ހޫރާލައެވެ. އަދިވެސް އަނގައިން ބަހެއް ބޭރުވާ ވަރެއް ނުވެއެވެ. ޔަގީނެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ.

އަހަރެންގެ 13 އަހަރުގެ އަންހެން ދަރިފުޅުގެ މަގަތުގައި އިނދެ، އަހަރެން މަސައްކަތްކުރަމުން ދިޔައީ އޭނާގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ. ވެގެން އުޅޭގޮތެއް ކޮންމެވެސް ވަރަކަށް ސާފުވޭތޯއެވެ. އެހެންޏާ މިއީ ދުވަހަކުވެސް ފެނިފައިވާ މަންޒަރެއް ނޫނެވެ. އެހެންކަމުން އަހަރެންގެ ހިތަށް ވަނީ ބުނެދޭން ނޭނގޭ ހާސްކަމެއް ވެރިވެފައެވެ.

ވަޒީފާގެ ގޮތުން އަހަރެންނަކީ ސައިކިއަޓްރިސްޓަކަސް އަހަރެންގެ އެންމެ ގާތުގައި އުޅޭ މީހުންގެ ނަފްސާނީ ސިއްހަތަށް އަހަރެންނަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. މިކަން އިހުސާސު މި ކުރެވުނީ އަމިއްލަ ދަރިފުޅުގެ ފުރަތަމަ "ޕެނިކް އެޓޭކް" ސައްލާ ކުރަން މަސައްކަތް ކުރަން ޖެހުމުންނެވެ. ލޯބިވާ މީހަކު މިފަދަ ހާލެއްގައި އުޅޭ މަންޒަރު ބެލުމަކީ ހާދަ ވޭންހުރި ކަމެކެވެ. ނަމަވެސް މިއީ އަހަރެން މީގެ ކުރިން ދަތުރު ނުކުރާ މަގެއް ނޫނެވެ. މި ރާސްތާ އަހަރެންނަށް ހިތުދަހެވެ. މަގު އޮޅެމުން، ވެއްޓެމުން، ބިތައް ޖެހެމުން، ޒުވާން ދުވަސްވަރު ހޭދަކުރީ ހަމަ މި ހާލުގައެވެ. ބަނަ ޚިޔާލުތަކުން ބަރީޢަ ނުވެވިގެން، ބާލީހުގެ އެއް އަރިން އަނެއް އަރިއައް، ހަމަ ދެންމެ ފެނުން ހިއްލާލި މަހެއް ހެން ތެޅުނު ހަނދާން ސިކުނޑީގައި އެހާ ތާޒާއެވެ.

އެހެންކަމުން ދެ ލޮލުގެ ނޫރު ފަދަ ލޯބިވާ ދަރިފުޅު، ހަމަ އެ ވޭން ތަހައްމަލު ކުރާ މަންޒަރު ދެކެން އަހަރެންނަށް ފަސޭހައެއް ނުވިއެވެ.

"ދަރިފުޅާ؟ މަންމަ އަށް ބަލާބަލަ. މަންމަގެ ލޮލަށް ބަލާބަލަ. އެއްވެސް ކަމެއް ނުވެޔޭ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. މަޑު މަޑުން ނޭވާލާ. ޔެސް. ނައު ބްރީތް އައުޓް. ގުޑް ގާލް."

ނޭވާ ލުމުގެ މި ލުއި ކަސްރަތުގައި ދަރިފުޅާ އެކު އަހަރެންވެސް ބައިވެރިވީމެވެ. ނަސީބަކުން އަހަރެންގެ އަޑު އިވޭ ހިސާބުން ދަރިފުޅު ބޭރެއް ނުވެއެވެ. މަޑު މަޑުން ހުދާގެ ނޭވާލުން ހަމައަކަށް އެޅިއްޖެއެވެ. އަދިވެސް އެ ދެލޮލުން ފެންނަނީ ކަޝްފުނުކުރެވި ހުރި ބިރެވެ. އަހަރެންގެ ހިތުގައި އަނެއްކާވެސް ސުވާލަކަށް ފަހު ސުވާލެއް އުފެދެން ފެށިއެވެ.

ތަޖުރިބާއިން އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ގާތް މީހުންނާ ސިއްރުތައް ހިއްސާކުރުމަކީ ފަސޭހަކަމެއް ނޫންކަމެވެ. ބޮޑު އަގު ދީގެން އަހަރެންނާ ވާހަކަ ދައްކަން އެކި އުމުރުގެ މީހުން އަންނަނީ އެހެންވެއެވެ. ކޮންމެ ދުވަހަކު އެތައް ބައެއްގެ ސިއްރެއް އަހަރެންނާއި ހިއްސާކުރެވެއެވެ. ބައެއް ފަހަރު އަޑު އަހަން އުދަގޫ ވާހަކަ ތަކެވެ. އަނެއްބައި ފަހަރު ފަޚުރުވެރި ކުރުވާ ކުރިއެރުންތަކެވެ. އިންސާނުންނަކީ މަސައްކަތް ކޮށްފިއްޔާ ހާދަ ކެތްތެރި ބައެކެވެ.

"މަންމާ."
ޚިޔާލުތައް ފޫ އަޅުވާލީ ދަރިފުޅުގެ ކުރަކި އަޑެވެ. އަހަރެންގެ ސައްތަ ސަމާލުކަން ހުދާއަށް ދިނީމެވެ.

"ލައްބަ، ދަރިފުޅާ."

"މި ރޭ މި ކޮޓަރީގައި ނިދާފާނަންތަ؟"

ކުރި ސުވާލުން އަހަރެން ކުޑަކޮށް ހައިރާން ވިއެވެ.

އަހަރު ފެށުނީއްސުރެ ހުދާ ވަނީ އަމިއްލައަށް ކަންތައް ކުރުމަށް ލޯބިކުރަން ފަށާފައެވެ. އޭނާގެ އެއްވެސް އެއްޗެއްގައި ހުއްދަ ނެތި އަތްލާކަށް ބޭނުމެއް ނުވެއެވެ. ނިދަން ބޭނުންވަނީ ވަކިން، އެކަންޏެވެ. ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރަނީ އެކަންޏެވެ. އަހަރެންނާއެކު ވަގުތު ހޭދަކުރެވޭލެއްވެސް މަދު ވެއްޖެއެވެ. ފުރާވަރަށް އެޅުމުން މިއީ ވަރަށް ގިނަ ކުދިންނަށް އަންނަ ބަދަލެކެވެ. މައިންބަފައިންނާ އެކު ވަގުތު ހޭދަކުރުން މި ފުރާގެ ކުދިންނަށް ވަނީ "ސޮޑު" ކަމަކަށެވެ. ދަރިފުޅުގެ ބޮޑުވަމުން އަންނަ ސިކުނޑިއަށް މާ އުނދަގޫތަކެއް ކުރަން ބޭނުން ނުވާތީ އަހަރެންނާއި ސަމީރުވެސް ހުދާ ބޭނުންވާ ޕްރައިވަސީ އޭނާއަށް ދިނީމެވެ. އެހެންކަމުން ކުއްލިއަކަށް އަހަރެން އެ ކޮޓަރީގައި ނިދަން ބުނުމުން ކޮންމެވެސް ކަމެއް ވަރަށް ގޯސް ވެއްޖެކަން އަހަރެންނަށް ޔަގީންވިއެވެ. މިހާރު ދެން ދަލު ބޭރުން ސުވާލުކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވެގެން އުޅޭ ގޮތެއް މިހާރުން މިހާރަށް އެނގެން ބޭނުމެވެ.

"ހމމ. ދަރިފުޅު ބޭނުން ގޮތެއް. އެންމެ ސުވާލަކަށް ޖަވާބު ދެވިދާނެތަ؟"

ވަރަށް ވިސްނާލުމަށްފަހު ހުދާ ބޯ ޖަހާލިއެވެ.

"ބޮޑުބެ ގެއަށް ގޮސް ކަމެއް ވިތަ؟"

ބޮޑުބެގެ ނަން އިވުމާއެކު ހުދާ މުޅިން ގަނޑުވެގެން ދިޔަ ކަހަލައެވެ. ކުރިން އެ ލޮލުން ފެނުނު ބިރުވެރިކަމާއި ހާސްކަން އިސާހިތަކު އެ ކުޑަ ލޯ ބަނަކޮށްލިއެވެ. އަނެއްކާވެސް އެޓޭކެއް އައިސްދާނެތީ އަހަރެން ހުދާ މެއާލައި ބޮނޑިކޮށްލީމެވެ. މަޑުމަޑުން ނޭވާލުން ހަމައަކަށް އެޅުމުން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލީމެވެ. "ކްލޯޒް އޮފް" ވާން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ފެށުމުން އަހަރެން ހާސްވިއެވެ. ބޮޑުބެގެ ގެއަށް ގޮސް ކޮންމެވެސް ކަމެއް ވެއްޖެއެވެ. ކޮންމެހެން ހަދާފައިވިޔަސް އަހަރެން ހުދާއަށް ވެގެން އުޅޭ ގޮތެއް ބަލަން ބޭނުމެވެ.

އަވަސް ހަރަކާތަކާއެކު މެސެޖެއް ލިޔެލާ ސަމީރުއަށް ފޮނުވާލީމެވެ. އަހަރެންނާ ވާހަކަ ދައްކަން އުނދަގޫ ވަންޏާ ސަމީރުގެ ފަރާތުންވެސް ފާގަތި ޖަވާބެއް ލިބޭތޯ މަސައްކަތް ކުރަން އެބަޖެހެއެވެ. ބައެއް ފަހަރު ސިއްރުކުރާ ކަމެއް ހޯދުމަށް ވަގުތުން މަސައްކަތް ކުރުމަށްވުރެ ވަގުތު ދީގެން ހޯދުން މާ ބުއްދިވެރިއެވެ. ނަމަވެސް މިވަގުތު އަހަރެން މި ވިސްނަނީ ޑޮކްޓަރެއްގެ ހައިސިއްޔަތަކުން ނޫނެވެ. މަންމަގެ ހައިސިއްޔަތުންނެވެ. މިއީ ކޮންމެ ކޮންމެ ޕޭޝޭންޓެއްވެސް ނޫނެވެ. އަހަރެންގެ ދަރިފުޅެވެ. ހަމައެކަނި ހުރި ފުރާނައެވެ.

"ދަރިފުޅާ. މަންމަ އާ ވާހަކަ ދައްކަބަލަ. ކޮންމެ ކަމެއްވިޔަސް އައި ޕްރޮމިސް ޔޫ. އައި ވިލް ހެލްޕް. މަންމަ އަބަދުވެސް ބުނަމެންނު މަންމަ އަށް އިތުބާރު ކުރަން؟"

ދަރިފުޅު އަހަރެންނާ ވާހަކަ ދައްކާތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ހުދާ އަކީ އަހަރެންނާ ނުލާ އެއްވެސް ކަމެއް ކުރެވޭ ކުއްޖެއް ނޫނެވެ. ކިތަންމެ ކުޑަކަމެއް ވިޔަސް އަހަރެންނާ ހިއްސާކުރާނެއެވެ. ބޮޑެތި ކަންކަމުގައި އަހަރެންގެ ޚިޔާލު ހޯދާނެއެވެ. އެކިއެކި ކަންކަމާ މަޝްވަރާކޮށް ބައެއް ފަހަރު ބަހުސްތަކަށް ވެސް ގޮސް އުޅެމެވެ. އަހަރެންނަކީ ހުދާގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް 13 އަހަރު ފުރުމާއެކު މުޅި އުޅުމަށް އެއައީ ކިހާ ބޮޑު ބަދަލެއް ހެއްޔެވެ؟ މިހާރު ހުދާގެ ފަރާތުން ޖަވާބެއް ހޯދުމަކީ އަހަރެންގެ އެކަނި މަސައްކަތުން ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.

ގަޑި އެއް ހާއިރު ވަންދެން އަހަރެން ހުދާ މަސަލަސް ކުރެވޭތޯ މަސައްކަތްކުރީމެވެ. ސަމީރު އައީ އަހަރެން މިހެން ގަނަތެޅެނިކޮށެވެ.

ބައްޕަ ފެނުމާއެކު ދުވެފައި ގޮސް ބައްޕަގެ ގައިގައި ހުދާ ބައްދާލިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް އެކީ އެކައްޗަކަށް ބަންޑުން ވެއްޖެއެވެ. ސަމީރުވެސް ހުރީ އަހަރެންނެކޭ އެއްވަރަށް ކަންބޮޑުވެފައެވެ. އަހަރެންނަށް އެނގުނު އެއްޗެއް އިނގިފައިވާ ވަރަކުން ސަމީރުއަށް ކިޔައިދެމުން ދިޔައީމެވެ. ދެމީހުންގެ ހިތުގައިވެސް އުފެދިފައިވަނީ އެއް ބިރުވެރި ކަމެކެވެ.

"ބައްޕާ."

"ލައްބަ ދަރިފުޅާ"

"އަޅުގަނޑު މަންމަ އާއި ބައްޕަ ކައިރީ ވާހަކައެއް ދައްކަން ބޭނުން"

ހިފަހައްޓައިގެން ހުރި ނޭވާ އަހަރެން ދޫކޮށްލީމެވެ. އަމިއްލައަށް ވާހަކަ ދައްކަންޏާ ކިތަންމެ ހައިވެސް ރަނގަޅެވެ.

"އަޅުގަނޑު ބޮޑުބެ ގެއަށް ގޮސް އިންދާ ބޮޑުބެ އައީ ނަމާދުން. އޭރު ހުސެން އާއި ޓްވިންސް ވެސް އަޅުގަނޑާއެކު ސިޓިންގ ރޫމްގައި ތިބި. އަޅުގަނޑުމެން ތިބީ އިނގެރޭސި ފިލްމެއް ބަލަން. ތިއްބާ ބޮޑުބެ އައިސް ޓީވީ ނިއްވާލީ."

އަހަރެންގެ ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. އެކި ޒާތްޒާތުގެ ޚިޔާލުތަކުން ސިކުނޑި ދިޔައީ ބަނަކުރަމުންނެވެ.

"ބޮޑުބެ އައިސް އިށީނީ އަޅުގަނޑާ ޖެހިގެން އިން ސޯފާގައި."

މިހާ ހިސާބަށް ވާހަކަ ދިޔަތަނާ ސަމީރު އަހަރެންނާ ދިމާލަށް ބަލާލިއެވެ. އޭނާގެ ލޮލުން އަހަރެން އެއްފަހަރަކާ އެތަކެއް ޖަޒުބާތެއް ސިފަވެގެން ދިޔައެވެ. ސަމީރުގެ ހިތަށްވެސް އަރަމުން އެ ދަނީ އަހަރެންގެ ހިތް ހިސާރަ ކުރަމުން އެދާ ބިރުވެރި ޚިޔާލުތައްކަން ޔަގީނެވެ.

"ބޮޑުބެ ފެށީ ވާހަކައެއް ކިޔައިދޭން. މަންމާ. އެ ވާހަކަ ކިޔައިދީ ނިމުނު އިރު އަޅުގަނޑު ހުރީ ވަރަށް ދެރަވެފަ. ބިރުވެސް ގަނެފަ."

"ބޮޑުބެ ކިޔައިދިނީ ކޮން ވާހަކަ އެއް؟"

އަހަރެން ސުވާލުކޮށްލީމެވެ.

"މައިންބަފައިންނަށް އިހާނެތިކޮށް ހިތި ކުއްޖެއްގެ ވާހަކަ."

ހިފަހައްޓާލައިގެން ހުރި ނޭވާ ސަމީރު ދޫކޮށްލީ ކިހާ ހިތްހަމަ ޖެހުމާއެކުކަން އަހަރެންނަށް އިހުސާސް ކުރެވުނީ އަހަރެންވެސް އެހާ ފުން ނޭވާއެއް ދޫކޮށްލީމައެވެ. ހުދާ އަކީ ކުޑަ އިރުވެސް ދީނީ ވާހަކަތަކަށް ނިކަން ގަޔާވާ ކުއްޖެކެވެ. ބައެއްފަހަރު ބައެއް ވާހަކަތައް އަޑު އެހުމަށްފަހު އުޅުން މުޅިންހެން ބަދަލުވާނެއެވެ. ބަރާބަރަށް ނަމާދުކުރަން ފެށުމާ، ބޮޑެތި މީހުންނާ ވާހަކަ ދައްކާއިރު މަޑުމައިތިރިވާން ދަސްކުރީ ބޮޑުބެގެ މި ވާހަކަތަކުންނެވެ. އެކަން ކުރިންވެސް އަހަރެންނަސް އެނގެއެވެ. ހުދާ ބޮޑުބެގެ ގެއަށް އެހާ ދާ ހިތްވަނީ ވެސް މިފަދަ ވާހަކަތައް އަޑު އިވޭތީއެވެ.

މިއަދު އެހާވަރު އެ ވީ ފާއިތުވެ ދިޔަ މަސްތަކުގައި ހުދާ އަށް އަހަރެންނާއި ސަމީރާއި ދޭތެރޭ ކަންތައް ކުރެވިފައިވާ ގޮތާމެދު ދެރަވެގެންނެވެ. އަހަރެން މާ އަވަހަށް ގޮތް ނިންމަނީއެވެ. ހީކުރީ އެންމެ ގޯސް ކޮށެވެ. ބޮޑުބެގެ ގެއަށް ގޮސް ހުއްޓާ ހުދާއަށް މީހަކު ކަމެއް ކުރީބާއޭ ހިތް ބުނަމުން ދިޔައީ އަހަރެންނަށް އަހަރެންގެ ޕޭޝަންޓުންގެ ފަރާތުން އިވިފައި ހުރި ހިތްދަތި ވާހަކަތަކުގެ ސަބަބުންނެވެ.

އަނެއްކޮޅުން އަހަރެންގެ ދަރިފުޅުވެސް އާދަޔާ ޚިލާފަށް ޑްރާމާ އީއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިޔުންތެރިޔާ

    ތަފާތު ވާހަކަ އެއް.