ގޭގައި ހުންނަ ފާނީޗަރުންވެސް ތައިރޮޑް ބަލި ޖެހިދާނެ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޑިއުކް ޔުނިވަސިޓީއިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ ގޮތުން އަލިފާން ނުހިފާގޮތް ހެދުމަށް ބޭނުންކޮށްފައި ހުންނަ ކެމިކަލް އަކުން ތައިރޮއިޑް ކެންސަރު ޖެހޭ ކަމަށެވެ. މިދިރާސާގައި ބުނެފައިވަނީ ސޯފާ އަދި ގޮދަޑި ފަދަ ތަކެތީގައި އަލިފާން ހިފުމުން ރައްކާތެރިކުރުމަށް ބޭނުންކުރާ ކެމިކަލްއެއްގެ ސަބަބުން ތައިރޮއިޑް ކެންސަރު ޖެހޭ މިންވަރު އިތުރުވަނީ ކަމަށެވެ.

މި ދިރާސާގައި މިގޮތަށް ނިންމާފައިވަނީ ތައިރޮއިޑް ކެންސަރު ޖެހިފައިވާ މީހުންގެ ގޭން ނަގާފައިވާ ހިރަފުހުގެ ސާމްޕަލްތަކެއް ޓެސްޓްކޮށްގެންނެވެ. އަދި ބަލި ނުޖެހޭ ބަޔެއްގެ ގޭގެ ސާމްޕަލްތަކަކާއި މި ސާމްޕަލްތައް އަޅާ ކިޔައިގެންނެވެ. އަލިފާން ނުހިފާގޮތް ހެދުމަށް ބޭނުންކުރާ ދެ ވައްތަރެއްގެ ކެމިކަލެއް ތައިރޮއިޑް ކެންސަރު ޖެހިފައިވާ މީހުންގެ ގޭގެއިން ފެނިފައި ވެއެވެ. ސައިންސްވެރިން ބުނަނީ ޑިކާބްރޯމޮޑިފެނެލް ކިޔާ ކެމިކަލެއް ގިނައިން ހުންނަ ގެތަކުގައި އުޅޭ މީހުންނަށް ތައިރޮއިޑް ކެންސަރު ޖެހުމުގެ ނުރައްކާ ދެ ގުނަ އިތުރު ކަމަށެވެ.

ހަށިގަނޑުގައި ތައިރޮޑް ހޯމޯން ގިނަވުމަކީ މީހާގެ ހަށިގަނޑަށް ގިނަ ބަދަލު ތަކެއް އަންނަ ކަމެކެވެ. މިގޮތުން މީހާ ހިއްކާލާ، މީހާ ހާސްވުމުގެ ތެރެއަށް ވައްޓާލާ ކަމެކެވެ. ތައިރޮޑް ކެންސަރ އަކީ ކަރުގައި ހުންނަ ތައިރޮޑް ގްލާންޑަށް ޖެހޭ ބައްޔެކެވެ.