ފެރީގައި އިންނަ އިރު އަހަރެންގެ ލޯ އޭނާއަށް އަމާޒުވެއެވެ. ކުރިން ހުޅުމާލެއިން މާލެއަށް ދާން މި ނަގާ 20 މިނިޓް އަހަރެއްހާ ދިގުވިޔަސް މިހާރު ލޯ މަރާ ހުޅުވާހާ އަވަހޭ ހިތަށް އަރައެވެ. ކަޅުކަންގަދަ، ބުޅި އިސްތަށިގަނޑެކެވެ. މަޑު މުށި ކުލައިގެ އޮމާން ހަންގަނޑާއި ހަނދެއްފަދަ މޫނެވެ. ޝާއިރެއް ނޫނަސް ޅެން ބައިތު މި ކަމަނާއަށްޓަކައި އަމުނާލެވެއެވެ. އަތުގެ ނުފުށަށްވުރެ ސާފުކޮށް އެ ވަނާތަށް ހިތުދަހެވެ. މިއަށް ކިޔަނީ ލޯބިހެއްޔެވެ؟ އަދި ޔަގީނުން ބުނެދޭކަށް ނޭނގެއެވެ.

މިއަދު ލައިގެން އިނީ ރީނދޫ ކުލައިގެ މަތިކޮޅަކާއި ގަދަ ނޫ ޖީންސެކެވެ. އިސްތަށިގަނޑު އެ ހުރީ ބޮލު މެދަށް ހުޅިއަކަށް އައްސާލާފައެވެ. ސާފު ކަނދުރާ އެ އޮތީ އަހަރެންގެ ލޯ ކުރިމަތީ ހާމައަށެވެ. އަހަރެން އޭނާ އާއި ދިމާލަށް މި ބަލާ ގޮތަށް އެހެން މީހުންވެސް ބަލާބާވައެވެ؟ މިހެން ހިތަށް އަރާ ފެރީގައި ތިބި މީހުންނަށް ވަކި ވަކިން ބަލާލީމެވެ. އެއްބަޔަކު ތިބީ ފޯނުތަކުގެ އަވާގައި ޖެހިފައެވެ. އަނެއްބަޔަކު ލެޕްޓޮޕްތައް ހުޅުވައިގެންނެވެ. ޓްކެނޮލޮޖީ އަހަރެމެން އެންމެން އަޅުވެތިކޮށްފިތާއެވެ. އަނެއްކާވެސް އަހަރެންގެ ކަޅި ހުއްޓުނީ އެއްކަލަ މަންޖެއަށެވެ. އޭނާގެ ލޯ ވަނީ މެރިފައެވެ. ބޯ ކުޑަކޮށް ތަޅުވާލައެވެ. ދެ ކަންފަތަށް ޖަހައިގެން އިން ހެޑްސެޓް އިން ކޮންމެވެސް ލަވައެއް އަޑުއަހަނީކަން ހާމަކޮށްދެއެވެ. ތުނި ތުންފަތުގައި މަޑު ހިނިތުންވުމެއްގެ އަސަރު ހުއްޓެވެ. ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ފަންނުވެރި މަސައްކަތެއްހެންނެވެ. އަހަރެންނަށް ހިނިތުންވެވުނީ އިޚްތިޔާރަކާއި ނުލައެވެ.

***

ވެހެމުންދިޔަ ވާރެއަށް ރެކެން އަހަރެން ދުވެފައި ދިޔައީ ގަހެއްގެ ނިވަލަށެވެ. ބަންދު ދުވަހެއް ކަމުން ފެރީ ޓާމިނަލް ފުރި ބަންޑުން ވަނީއެވެ. ކުލާހަށް ދާން ގަޑި ޖެހިދާނެތީ އަހަރެން ގެއިން ނިކުތީ އަވަހަށެވެ. އަދިވެސް ގަޑިއެއްހާއިރު އެބައޮތެވެ. ނަމަވެސް ކަނޑު ގަދަ ނަމަ ފެރީ ލަސްވެދާނެޔޭ ހިތާ ކަންބޮޑު ވާން ފަށައިފިއެވެ. މިއީ ޓެސްޓް ނަގަމުންދާ ހަފްތާއެއް ކަމުން އެންމެ ކުލާހަކަށް ނުދެވުނަސް މުޤައްރަރުން ބޮޑު ބައެއް ގެއްލިގެންދާ ކަހަލައެވެ. ސްކޮލާޝިޕްގައި އުޅޭ ކުދިން މިފަދަ ކަންކަމަށް ނިކަން ބަލަން ޖެހެއެވެ.

މި ޚިޔާލުތަކުގައި ހުއްޓާ މީހަކު ދުވެފައި އައިސް އެއްކަލަ ގަހުގެ ނިވަލަށް ވަދެއްޖެއެވެ. އަހަރެންނެކޭ އެއްފަދައިން ވާރެއިން ފިލަން އައިސް ހުރެ ކުއްޖެކެވެ. އަހަރެން ދަންނަ، ދެކެފަރިތަ މޫނެކެވެ.

ލައިގެން ހުރި ހުދު ކުލައިގެ ހެދުން ވަނީ ތެމި ފޯވެފައެވެ. އެއް އަތުން ބޮލުން ފެން ހިއްކަމުން ދިޔައިރު ތުންފަތުގައި ކުޑަ ތުރުތުރުލުމެއް ހުއްޓެވެ. ކުއްލިއަކަށް އަހަރެން ހަނދާންވީ ދަބަހުގައި އޮތް ރުމާކޮޅު މަތިންނެވެ. އަހަރެންނަކީ ހައިޖީން ފްރީކެއް ކަމުން އަބަދުވެސް ރުމާލެއް ދަބަހުގައި ގެންގުޅުމެވެ. އަވަހަށް ދަބަސް ހުޅުވާ އެ ނަގައިފީމެވެ. މިހިސާބުން ފެށުނީ ހިތާއި ސިކުޑީގެ ކޯޅުމެވެ. ހިތް ބުނަނީ އޭނާއާއި ވާހަކަ ދައްކާށެވެ. ނަން އަހާލާށެވެ. ސިކުނޑި މިއިން އެއްވެސް ކަމަކަށް އެއްބަހެއް ނުވެއެވެ. ވަޔަށް ހެލެމުންދާ ކުޑަދޮރެއް ހެން އަހަރެންގެ އަނގަ ހުޅުވިފައި ލެއްޕެމުންދިޔައެވެ. ނަމަވެސް އެއްވެސް އަޑެއް ނިކުންނަ ކަމަކަށް ނުވެއެވެ. އެންމެ ފަހުން ކަރުކެހިލީމެވެ. ނަމަވެސް އެ ވަގުތު ވީ ގުގުރިއެއް ޖަހާލި ގަޑިއަކަށް ކަމުން އަހަރެންގެ އަޑު އޭނާގެ ކަންފަތަށް ފޯރިހެން ހިއެއް ނުވެއެވެ. އަނެއްކާވެސް އައު ހިތްވަރަކާއެކު މަސައްކަތްކުރީމެވެ. މި ފަހަރު އޭނާ އަހަރެންނާއި ދިމާލަށް އެނބުރުނެވެ. އެ ބޮޑު، މައުސޫމު ދެލޯ އަހަރެންނާއި ހަތަރު ކަޅި ހަމަ ކުރި ހިސާބުން ހީވީ ފައިގެ ވާގި ދޫވި ހެންނެވެ. ސުވާލުން ފުރިފައިވާ ބެލުމަކުން އޭނާ އަހަރެންނާ ދިމާލަށް ބަލަމުން ދިޔައެވެ.

އެއްވެސް އެއްޗެކޭ ނުބުނެ އަހަރެން އަތުގައި އޮތް ރުމާ ދިއްކޮށްލީމެވެ. ޖެހިލުންވެ ހުރެ އޭނާ ރުމާލުގައި ހިފިއެވެ. އެ ކަތި ނަޒަރު ވަނީ އަހަރެންގެ މޫނަށް ހުއްޓިފައެވެ. ހިތާހިތާ ހިތުން އަހަރެން ދުޢާ ކުރަމުންދިޔައީ އެތެރެފުށުގެ މި ތޫފާން ބޭރުފުށުން ނުފެންނާނެ ކަމަށެވެ. ވާރޭ ހުއްޓުމާއެކު ބަލާކަށް ނުހުރެ އަހަރެން ހިނގައިގަތީމެވެ. ޓާމިނަލާއި ދިމާލަށެވެ.

ހިތް ކިތަންމެ ވަރަކަށް ފަހަތަށް އެނބުރި ބަލާލަން ބުންޏަސް އަހަރެން އެއަށްވުރެ ބަލިކައްޓެވެ. ބަލާލި ނަމަ އަންހެން ކުއްޖާގެ ނަޒަރު ވަނީ އަދިވެސް އަހަރެންނަށް ހުއްޓިފައިކަން އެނގުނީހެވެ.

***

ކަންނެތް ދުވަހެކެވެ. އަވިގަދައެވެ. ފެރީއަށް އެރީއްސުރެ އަހަރެން މިއޮތީ ފޮތެއް މޫނުމަތީގައި އަޅައިގެން ލޮލުފިޔައެއް ޖެހޭތޯއެވެ. ރޭ ހަތަރުދަމު އިނީ ހޭލައެވެ. މަންމަ ބަލިވެގެން ހޮސްޕިޓަލުގައެވެ. އެހެންކަމުން ލޯ ހުޅުވާނެހާ ހިތްވަރެއް ނެތެވެ. އަދި މާލެއަށް ދެވެން ލައްކަ އިރު އެބައޮތްތާއެވެ. މިހެން ހިތާ އަހަރެން އޮތީ އަރާމު ނިންޖެއްގައެވެ. ވަށައިގެން ވާ މާހައުލާގައިވާ ކަންތައް އެނގޭ ހާލުއެވެ.

ޖެހިގެން އިން މީހާގެ ގައިން ދުވަމުން ދިޔަ މީރުވަސް އިހުސާސު ވީ އެހެންވެއެވެ. އެތަކެއް ފަހަރަކު ހިތް ކޮއްޓަމުން އާދޭސް ކުރަމުން ދިޔައީ ލޯ ހުޅުވާ ބަލާލާށެވެ. އަންހެނެއްގެ ސެންޓުގެ ވަހެވެ. އަހަރެންގެ އެންމެ ހިމަ ނާރައްވެސް މި ވަހުން އަސަރު ކުރުވި ކަހަލައެވެ. މިހާރު ހިތާއި ހަމަ ވިސްނުން އެ ދަނީ ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. ލޯ ހުޅުވާ ބަލާލަން ވީތޯއެވެ. ނޫނީ މިހާ ކުޑަކަމަކަށް ނިދި ގެއްލުވާނުލާ އޮންނަންވީ ތޯއެވެ؟ ކޮންމެއަކަސް ކާމިޔާބު ލިބުނީ ހަމަ ވިސްނުމަށެވެ. ހިތް އޮތީ ކަނަކަށް ވަދެ ފުސް މޫނު ހަދައިގެންނެވެ. މިއީ އެއްގަލަކަށް ނާރާނެ ދެ ގުނަވަނެވެ.

ވިހި ވަރަކަށް މިނެޓް ފަހުން ފެރީ މަޑުކުރިހެން ހީވެއްޖެއެވެ. އަހަރެން ލޯ ހުޅުވާލުމަށްފަހު ކުޑަކޮށް އުނގުޅާލީމެވެ. އަދިވެސް ނިދި ހަމަ ނުވެއެވެ. އާ ފުރިލާފައިވާ ތެދުވަން އުޅެނިކޮށް އަހަރެންގެ އުނގުގައި އޮތް އެއްޗެއް ލޮލުގައި އަޅައިގަތެވެ. ހުދު ކުލައިގެ ރުމާލެކެވެ. އަހަރެންގެ ރުމާލެވެ. ދެ ލޯ ބޮޑުވެ ހުރެ އަހަރެން ވަށައިގެން ހޯދަން ފެށީމެވެ. އެންމެން ކަހަލަ ގޮތަކަށް ފެރީއިން ފައިބެއްޖެއެވެ.

ރުމާ ކޮޅު ނިއުޅާލުމުން އެނގުނީ އޭގައި އިތުރު އެއްޗެއްވެސް އޮތް ކަމެވެ. ކުޑަ ގަނޑުކޮޅެކެވެ. ލިޔެވިފައިވަނީ ޝުކުރުގެ ބަސްކޮޅެކެވެ. އަހަރެން ހިނިތުންވެލީމެވެ.

***

ހުޅުމާލޭގެ ފުޅާ ބޮޑު މަގުގައި އަހަރެން ދުއްވާފައި ދިޔައީ އެންމެ އަވަހަކަށް އަތުޖެހޭ ފެރީ އިން މާލެ ދާށެވެ. ކޮންމެހެން ހަދާފައިވެސް ގަންނަން ޖެހޭ ފޮތެއް އެބައޮތެވެ. މާދަމާ ޓެސްޓް އޮތްކަން ހަނދާން ވީ ވެސް މީގެ ގަޑިއެއްހާއިރު ކުރިންނެވެ. މިހާ ބާރަށް ދުއްވާފައި މިދަނީ ފެރީ ކަޓާފާނެތީއެވެ.

ޓާމިނަލް އާއި ހަމައަށް އެރިތަނާ ކާރަކަށް އަތް ދިއްކޮށްގެން ހުރި އަންހެން ކުއްޖެއް ފެނިއްޖެއެވެ. ދަންނަ، ދެކެފަރިތަ މޫނެކެވެ. އަހަރެން ސައިކަލު ގޮސް އޭނާގެ ކުރިމަތީ ހުއްޓީމެވެ.

އެއްވެސް ބަހެއް ނުކިޔަމެވެ. އޭނާވެސް އެއްވެސް އެއްޗެކޭ ނުބުނެ ސައިކަލަށް އަރައިފިއެވެ. އެއްވެސް މަންޒިލެއް ނެތި ދުއްވަމުން ދިޔައީމެވެ. މާލެ ދާން ބޭނުންވި ސަބަބު ހަނދާނުން ފިލައިގެން ދިޔަ ކަހަލައެވެ. ޚިޔާލުތައް އޮޅުންބޮޅުން އަރަމުންދިޔައެވެ. ހަމައެކަނި ހިތަށް އަރަނީ އެންމެ އެއްޗެކެވެ. އެތައް ދުވަހެއް ވަންދެން އަހަރެން ދުށް ހުވަފެނަކީ މިއީ ކަމެވެ. ބޭނުންވި ވަގުތުކޮޅު އަތުޖެހުނީ ކަމެވެ. ހިތުގައި މަސްދުވަސް ވަންދެން ރަނިކަން ކުރަމުންއައި މާ މިއިނީ އަހަރެންގެ ސައިކަލުގެ ފަހަތުގައެވެ. ބޭއިޚްތިޔާރުގައި އަހަރެންނަށް ބާރުބާރަށް ހޭން ފެށުނެވެ. އޭނާވެސް މަޑު ހިނިތުންވުމެއް އަހަރެންނަށް ރައްދުކޮށްލިއެވެ. އަހަރެންގެ ހިތުގެ ހާލަތު އިނގޭ ކަހަލައެވެ.

އެރެއަށް ފަހު ފެށިގެން ދިޔައީ އަހަރެންގެ ފުރަތަމަ ލޯބީގެ ސާގާއެވެ. ދަންނަ، ދެކެފަރިތަ މޫނަކާއެކުއެވެ.

 

  • ނިމުނީ