އެމެރިކާއަކީ އޭވިއޭޝަންގެ ސަލާމަތީ ކަންކަން އެންމެ ސީރިއަސްކޮށް މުޅި ދުނިޔޭގައިވެސް ނަގާ ގައުމެވެ. އެމެރިކާއިން އެކަންކަން ސީރިއަސްކޮށް ނަގަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ. އެގައުމަކީ މަތިންދާބޯޓުތަކެއް ބޭނުންކޮށްގެން ދެވުނު އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ތަހައްމަލުކުރަންޖެހުނު ގައުމެވެ. މީގެ 17 އަހަރު ކުރިން 11 ސެޕްޓެމްބަރ 2001 ވަނަ އަހަރު އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާއަށްފަހު އެމެރިކާއިން ވަނީ އެފަދަ ދެވަނަ ހާދިސާއެއް ނުހިނގާނޭކަން ޔަގީންކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ.

އެތަނުން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ މީހުންނަށް އެންމެ ނޭނގޭ ފިޔަވަޅަކީ އެމެރިކާގެ އާންމު އެއާލައިންތަކުގެ ބައެއް ޕައިލެޓުންނަކީ ކޮކްޕިޓްތެރޭގައި ބަޑި ގެންގުޅުމުގެ ހުއްދަ ދެވިފައި އޮންނަ އަދި އެކަމަށް ބޭނުންވާ ހާއްސަ ތަމްރީނެއް ހަދައިގެން ތިބި ބައެއް ކަމެވެ. އެފަދަ ޕައިލެޓުންނަށް ކިޔެނީ ފެޑަރަލް ފްލައިޓް ޑެކް އޮފިސާރސްއެވެ. ވަރުގަދަ ޓްރެއިނިންގްއަކަށްފަހު ދާއިރާއަށް ނެރެވޭ އެ އޮފިސަރުން އެންމެ ފުރަތަމަ ތަމްރީނުކުރެވި ދާއިރާއަށް ނެރެވުނީ 2003 ވަނަ އަހަރުއެވެ. އެފަދަ އޮފިސަރުންގެ ނަން ހާމަކުރުމަކީވެސް މަނާކަމެކެވެ. އެ އޮފިސަރުންނަކީ ފްލައިޓް މަތީގައި ކުރިމަތިވާ ރަހީނުކުރުމުގެ ހާދިސާއެއްފަދަ ކަންކަމާއި ކުރިމަތިލުމަށް ވަރުގަދަޔަށް ތައްޔާރުކުރެވިފައިވާ ބައެކެވެ.

އެފަދަ އޮފިސަރަކު އިންނަ ފްލައިޓެއް ކަނޑައެޅިގެން ބުނަން އެނގޭނީ ވަރަށް މަދު ބަޔަކަށެވެ. އެހެންނަމަވެސް އެފަދަ ޕައިލެޓުންނަކީ އެމެރިކާގެ އެންމެ މަޝްހޫރު އެއާލައިންތައްކަމުގައިވާ ސައުތު ވެސްޓް، އެމެރިކަން އަދި ޑެލްޓާ ފަދަ އެއާލައިންތަކުގެ އިތުރުން އެހާ މަޝްހޫރު ނޫން އެއާލައިންތަކުގައިވެސް މަސައްކަތްކުރާ ބައެކެވެ.

އެފަދަ ޕައިލެޓުންގެ ފުރާނައަށް އޮންނަ ނުރައްކާ އިތުރުވާނަމަވެސް އެފަދަ ޕައިލެޓުންނާއި އެހެން ޕައިލެޓުންނާއި މުސާރައިގެ ގޮތުން އެއްވެސް ފަރަގެއް ނެތެވެ. އެމެރިކާގެ ކަމާއިބެހޭ މައުލޫމާތު ދަންނަ ބައެއް ފަރާތްތަކުން ވަނީ އެފަދަ ޕައިލެޓުންގެ އަދަދު 125،000 އަށް އަރާނޭކަމަށް ލަފާކޮށްފައެވެ. އެމެރިކާއިން އެޅި މިފަދަ ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގައި 2001 ވަނަ އަހަރުގެ ހަމަލާއަށްފަހު މަތިންދާބޯޓެއްގައި ރަހީނުކުރުން ފަދަ ނުރައްކާތެރި ހަމަލާއެއް ފެނިފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު