ޓްރީ މޭންގެ ގޮތުގައި ގިނަ ބަޔަކަށް އިނގޭ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހާ އާދޭސް ކުރަމުން ދަނީ އޭނާގެ އަތް ބުރިކޮށްލަ ދިނުމަށެެވެ. އޭނާ ޑޮކްޓަރުންގެ ގާތުގައި އަތް ބުރުކޮށްދިނުމަށް އެދި އާދޭސް ކުރަމުން ދަނީ އަތުގައި ރިއްސާ ވަރުންނެވެ.
ގަހެއްގެ މޫތަކެއް ގޮތަށް އަތުގެ ތަންތަން ބަދަލު ވަމުން އަންނަ އުމުރުން 28 އަހަރުގެ އަބްދުލް ބަޖަންދަރް އެކަމުން ސަލާމަތްވުމަށް 20 އޮޕަރޭޝަން ކުރިއެވެ. އަދި އަނެއްކާވެސް ފަހުން އޭނާގެ އަތުން އެ އެއްޗެހި ފަޅަން ފަށާފައިވާއިރު، މިފަހަރު ފަޅަމުން ދަނީ ކުރިއަށްވުރެ ގިނައިންނެވެ.
"އަހަންނަށް މި ވޭނުގައި ނުޅޭވޭނެ. އަހަރެންނަށް ރޭގަނޑު ނުއެއް ނިދޭ. އަހަރެން ބުނެފިން ޑޮކްޓަރުން ކައިރީ އަހަރެންގެ ދެ އަތް ބުރިކޮށްލަން، އެއިރުން އަހަންނަށް ހަމަޖެހިލައިގެން އުޅެވޭނެ". އޭއެފްޕީއަށް މައުލޫމާތުދެމުން ބަޖަންދަރް ބުންޏެވެ.
މީގެ ކުރިން ގާޑިއާ ދުއްވުމުގައި އުޅެމުންދިޔަ ބަޖަންދަރްގެ ދަރިއަކުވެސް ހުރެއެވެ.
ބަޖަންދަރްއަށް ޖެހިފައިވާ ބައްޔަކީ "އެޕިޑަރމޮޑީސްޕްލާސިއާ ވެރުސިފޯރމިސް" އެވެ. މިއީ އިންސާނުންގެ ހަމަށް ޖެހޭ ބައްޔެކެވެ. ވަރަށް މަދުން ނޫނީ ނުފެންނަ މި ބަލި މީގެ ކުރިން ވަނީ ކުޑަ އަންހެން ކުއްޖަކަށްވެސް ޖެހިފައެވެ. އަދި މިހާތަނަށް މި ބަލި ޖެހިގެން 200 މީހަކަށްވަނީ ފަރުވާ ދީފައެވެ.