އިންޑިއާގެ އޮޑިޝާ މަލްކަންގިރިގެ ހޮސްޕިޓަލްގެ ނަރުހުންތަކެއް ސްޕެޝަލް ނިއުނެޓަލް ކެއާ ޔުނިޓް ތެރޭގައި ޓިކްޓޮކް ވީޑިއޯއެއް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުންދާ ހަތަރު ނަރުހަކު ނެގި އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނަސް، މިހާރު އެ މީހުންގެ ވަޒީފާ ގެއްލޭ ހިސާބަށް ވަނީ ކަންތައް ގޮސްފައެވެ.

އެ މައްސަލަ ކޯޓަށްވެސް ވަނީ ހުށަަހަޅާފައެވެ. އަދި ޗީފް ށިސްޓްރިކްޓް މެޑިކަލް އޮފީސްގެ ވެރިޔާ އެދުނު ގޮތަށް ހަތަރު ނަރުހުން ޗުއްޓީގައި ތިބުމަށް ކޯޓުން އަންގާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި މިހާރު އެ މައްސަލަ ބެލުމަށް ހާއްސަ ކޮމެޓީއެއް ހަދާފައި ވެއެވެ. އަދި އެ މައްސަަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. އެ މައްސަލާގައި އެ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރުވެސް އޮތް ކަމަށް ވެއެވެ.

މިދިޔަ ބުދަ ދުވަހު އެ ހަތަރު ނެގި އެ ވީޑިއޯގައި ލަވަ ކިޔާ ނަށާ ސަކަރާތް ޖަހާ މަންޒަރު ފެނެއެވެ. އެ ނަރުހުން ވަނީ އެ ވީޑިއޯ އެ މީހުން ނަގާަފައި ވަނީ ޑިއުޓީ ގަޑީގައި ނޫންކަމަށް ބުނެފައެވެ.

ޓިކްޓޮކް އަކީ މިއުޒިކްއާއި ގުޅުން ހުރި ވީޑިއޯތައް ނަގާ އެޕްއެކެވެ.