ޓިކްޓޮކްގައި އާންމުވި ޗެލެންޖެއް ފުރިހަމަ ކުރަން އުޅުނު އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

ޓިކްޓޮކްގައި މީގެ ކުރިން އާންމުވި "ބްލެކް އައުޓް ޗެލެންޖް ކަހަލަ "ސްކާފް ގޭމް" ނަމަކަށް ކިޔާ މި ޗެލެންޖް ފުރިހަމަ ކުރަން އުޅެނިކޮށް މަރުވެފައިވަނީ އުމުރުން 16 އަހަރުގެ ކޮންގޯއަށް އުފަން ކްރިސްޓީ ސިބަލި ޑޮމިނިކް ގްލޮއި ގަސައިލީ ނަމަކަށް ކިޔާ ކުއްޖެކެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު އެކުއްޖާ މަރުވެފައި އޮއްވާ ފެނިފައިވަނީ ފްރާންސްގައި އެކުއްޖާ ދިރިއުޅެމުން ދިޔަ ގޭތެރެއިންނެވެ.

"ސްކާފް ގޭމް" އަކީ ކަރުގައި ވާގަނޑެއް އައްސައި ބާރުކޮށް، މީހާ ހޭނެތެން ދެން ކުރިއަށް ގެންދާ ގޭމެކެވެ. މި ޗެލެންޖު އެގޮތަށް ކުރުމުން މީހާގެ ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްލައެވެ. އަދި ނަތީޖާއެއްގެ ގޮތުން މީހާ ހޭނެތިގެން ދެއެވެ. އަދި ބައެއް ފަހަރު ހާލަތު މެދުވެރިވާ ގޮތުން މަރާއި ވެސް ކުރިމަތިވެއެވެ.

މިފަހަރު މި ޗެލެންޖް ފުރިހަމަ ކުރަން އުޅުނު އަންހެން ކުއްޖާއާއި ކުރިމަތިވީ މަރެވެ.

އޭނާގެ މަރާއި ގުޅިގެން މިވަގުތު ޓިކްޓޮކްގައި އެ ޗެލެންޖު ވަނީ މަނާ ކޮށްފައެވެ. އަދި އެއާއި ބެހޭ އެއްވެސް ވީޑިއޯއެއް ވެސް މިހާރު ދައުރު ނުކުރެވޭނެ ކަމަށާއި އެފަދަ ނުރައްކާތެރި ޗެލެންޖްތައް ކުރުމަކީ މަނާ ކަމެއް ކަމަށް ވަނީ ނިންމާފައެވެ.

ޓިކްޓޮކުން އާންމުވި ޗެލެންޖެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު މަރުވެފައިވާއިރު، މީގެ ކުރިން ވެސް މިފަދަ ޗެލެންޖްތަކާއި ހެދި ގިނަ ބަޔަކު ވަނީ މަރުވެފައެވެ.