ޓިކްޓޮކްގައި އެންމެ ހިނގަނީ އިންޑިއާ މީހުން ކުޅެފައި ހުންނަ ވީޑިއޯތަކެވެ. އެ ވީޑިއޯތަކަށް އެތައް ބައެއްގެ ސަމާލުކަން ލިބޭއިރު، ޓިކްޓޮކުން އެންމެ ގިނައިން ފެންނަމުންދާ އެއް ބަޔަކީވެސް އެއީއެވެ. ދާދި ފަހުން އެ ގައުމުގައި ޓިކްޓޮކް ބޭނުންކުރުން މަނާ ވެސް ކުރިއެވެ. އެހެން ނަމަވެސް އެކަން ހުއްޓުމަކަށް ނައެވެ. ޓިކްޓޮކް ބޭނުން ކުރަމުންދާ މީހުން ވީ އިތުރެވެ.

އަދި މި އެޕްގެ ސަބަބުން މިހާރުވެސް އެތައް ބަޔަކަށް ގާތް ރަހުމަތްތެރިން ލިބި، މި އެޕުން ދިމާވެގެން ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. އަދި މި އެޕް ބޭނުންކުރުމުގެ ތެރޭގައި އެތައް ބައެއްގެ ފުރާނަވެސް ގެއްލިފައިވެއެވެ.

އަނެއްކާވެސް ދައްކަން މި އުޅެނީ މި އެޕް ބޭނުން ކުރަމުންދަނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގެ ވާހަކައެވެ. ހައިދަރްއާބާދުގެ ފެންގަނޑެއްގެ ތެރޭގައި ދެމީހަކު ޓިކްޓޮކް ވީޑިއޯއެއް ނަގަމުންދަނިކޮށް އެކަކު ގެނބުނީއެވެ.

އުމުރުން 24 އަހަރުގެ ނަރަސިމަހަލު ނަމަކަށް ކިޔާ އެ ޒުވާނާ ގެނބުނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު އާއިލާ މީހަކާއެކު ފެންގަނޑެއްގެ ތެރެއަށް އެރިގެން މާ ފުނަށް ދިއުމުންނެވެ. އޭނާ ފެންގަނޑުގެ އިސްކޮޅުނުކައި ހިސާބަށް ދިޔަ ގަޑީގައި އޭނާގެ އާއިލާ މީހާ ހުރީ ޓިކްޓޮކުން އެ މަންޒަރު ރެކޯޑް ކުރާށެވެ.

ފުލުހުން ބުނީ، އެ ޒުވާނާއަށް ފަތަން ނޭގޭ ކަމަށެވެ. އަދި ނަރަސިމަހަލުއާއެކު އެ ފެންގަނޑަށް އެރުނު މީހާއަށް ވަމުންދާ ގޮތް ފެނި، އޭނާގެ ހަށިގަނޑު އެ ފެންގަނޑުން ނަގާ އެ ސަރަހައްދުގައި ތިބި އާއްމުންނަށް އެކަން އެންގި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ މީހުން ފެންގަނޑަށް ދިޔައީ ފެންވަރަން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެ ޒުވާނާ ފެންގަނޑުން ނެގިއިރުވެސް މަރުވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގުމުގެ ކުރިން މި ދެ މީހުން އެކުގައި ނަގާފައިވާ ޓިކްޓޮކް ވީޑިއޯއެއް ވަނީ ވައިރަލް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަނިކު

    ޓިކްޓޮކް އިން އެންމެ ގިނައިން ފެންނަނީ އިންޑިޔާ މީހުންނެއް ނޫން.. ލޮކޭޝަން ބޭސްކޮށް ޓިކްޓޮކުގައި ވީޑިއޯ ފެންނާތީ ރާއްޖެއިން ބަލާއިރު، ގިނައިން އިންޑިޔާގެ ވީޑިއޯތައް އެ ފެންނަނީ..