މިއީ މީ ގެ އަހަރުތަކެއް ކުރިން ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ. މިއީ ހާދިސާ ދިމާވި ފަރާތުން ވަގުތަށް ދީފައިވާ މަޢުލޫމާތު ގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ހާދިސާ ދިމާވި ފަރާތުގެ އެދުމުގެ މަތިން ލިއުމުގައި އަސްލު ނަންތައް ބޭނުންކުރެވިފައި ނުވާއިރު ބައެއް އުނި އިތުރުތައް ގެނެވިފައި ވާނެއެވެ.

އޭގެ އެއް އަހަރު ފަހެވެ. އަހަރެން ހުރީ އާމިރުގެ ފުށުން ސަލާމަތްވެ ހަޔާތުގެ އެ ބަނަ ވިލާގަނޑުގެ ވިއްސާރަ ނިމުނީ ކަމަށް ނިންމައިގެން ވަރަށް ހިތްހަމަޖެހިފައެވެ. އެހެން ނަމަވެސް އެގޮތުގައި މާގިނަ ދުވަހެއް ނުވިއެވެ. ހުރިހާ ކަމަކުން ސަލާމަތްވީ ކަމަށް އުންމީދުކޮށްގެން ހުއްޓައި ހަޔާތުގައި ދެން ކުރިމަތިވީ ހީނުކުރާފަދަ މުސީބާތެކެވެ.

އާމިރަށްފަހު އަހަރެންނާއި ޖައްސާލީ އަހަރެންގެ ޅިޔަނު، ބަޝީރެވެ. ބަޝީރަކ ކުރީގައި ބޭރުދަތުރުކޮށް ކުރަން އުޅުނު މީހެކެވެ. އެހެން ނަމަވެސް ދައްތަގެ އެދުމުގެ މަތިން އޭނާ އެ މަސައްކަތް ހުއްޓާލައި މާލެއިން ވަޒީފާއެއް ހޯދުމުގައި އުޅޭތާ މަހެއް ވަނީއެވެ. އާމިރު މާލެއަށް ބަދަލުވުމާއެކު ގޭގައި ދިރިއުޅުމުގެ ޖާގައިގެ ދަތިކަން ބޮޑުވިއެވެ. އެހެންކަމުން އަހަރެން ނިދަން ޖެހުނީ ދައްތަމެންގެ ކޮޓަރީގައެވެ. އެކޮޓަރި ހުންނަނީ ޕާޓިޝަން ޖަހާފައި ދެބަޔަށް ބައިކޮށްލާފައެވެ. އަހަރެން އެއިން އެއް ބައިގައި ނިދާއިރު ދައްތައާއި ބަޝީރު ނިދަނ އަނެއްބައިގައެވެ.

ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެން ދިޔައީ ބަޝީރުގެ ޝިކާރައަކަށް ވަމުންނެވެ. ކޮންމެ ރެޔަކުވެސް އަހަރެންގެ ނިދާ ބަޔަށް އޭނަ އައިސް އަހަރެން "ފެނުނު ފުރަތަމަ ފަހަރުން ފެށިގެން ހިތް ކިޔާ ކަހަލަ ގޮތެއް" ހުންނަ ކަމަށް ބުނެ އެފަދަ ވާހަކަތައް ދައްކައި އުޅެއެވެ. އަދި އެ ވާހަކަ އެއްވެސް މީހަކަށް ކިޔައިދީފިނަމަ ދައްތައަށް "ހޭ އަރުވާލައި" އޭގެ ބަދަލު ހިފާނެކަމަށް ބުނެ އޭނާ އަހަންނަށް ބިރުދައްކަމުން ދިޔައެވެ. އެކަމުގެ ބިރު އޮތުމުން އަހަރެން އެއްވެސް މީހެއްގެ ގާތުގައި އެވާހަކަ ނުބުނެ ސިއްރު ކުރީމެވެ.

ކުރިން އޭނާ އެފަދަ ކަމެއް ކޮށްފާނެކަމެއް ދުވަހަކުވެސް އަހަރެންގެ ހިތަކަށް ނާރައެވެ. އޭނައަކީ ބަރާބަރަށް ވަގުތުން ވަގުތަށް ނަމާދުކޮށް "ސުންނަތަށް އުޅޭ މީހަކަށް ވާތީ" އެވެ. ހުންނަނީ ފަޓުލޫނުގެ ފައިކުރި ކުރުކޮށްފައި، ބޮޑު ތުބުޅިއެއް ލާފައެވެ. ގޭ މީހުންނަށް ވަރަށް ގިނައިން ދީނީ ކަންކަމުގައި ނަސޭހަތްދީ ހަދައެވެ. ކޮއްކޮ މިސްކިތަށް ނަމާދަށް ނުދާތީ، މިސްކިތަށް ދިއުމަށް ބާރުއަޅައެވެ. ގޭގައި ލަވަ ޖަހާނަމަ އެކަން ވެސް މަނާކުރެއެވެ. މިގޮތަށް ގޮސް ދީނީ ހުރިހައި ކަންކަމަކަށް އޭނާ ވަރަށް ބޮޑަށް އަހަންމިއްޔަތުކަން ދޭކަން ދެއްކިއެވެ. އެފަދަ މީހަކު ހަޑި މުޑުދާރު ޢަމަލަކަށް އަރައިގަންނާނެއޭ ހިތަށް އަރާނީ ކާކު ހެއްޔެވެ.

ދަންވަރު އެކެއް ޖެހި އިރުވެސް ނިދި ނާންނާތީ އަހަރެން އޮތީ އާދައިގެމަތިގައި ފޯނާއި ކުޅޭށެވެ. އޭގެ އިރުކޮޅެއް ފަހުން ބަޝީރު ވަރަށް ސިއްރުން އަހަރެން ނިދާ ބަޔަށް އައިސް އަހަރެންގެ އެނދުމަތީގައި ޖައްސާލިއެވެ. އަހަރެން އޮތީ އޭނާ ފެންނަ ކަމަށްސވެސް ނަހަދާ ފޯނާއި ކުޅޭށެވެ. އޭނާ އަހަރެންގެ ގައިގައި އަތްލާން މަސައްކަތްކުރެއެވެ. ކޮންމެ ފަހަރަކުވެސް އަހަރެން އޭނާގެ އަތް ފޮޅާލަމެވެ. އެކަމަށް އަހަރެން ދެކޮޅުހަދަމުން ދަނިކޮށް ކުއްލިއަކަށް ދައްތަ ދޮރު ކައިރ ގައި ހުރިތަން އަހަންނަށް ފެނުނެވެ. ދައްތަ ހުރީ ރޮއެރޮއެ ހަލާކުވާވަރު ވެފައެވެ. އޭނާގެ ލޮލުން އޭރުވެސް ކަރުނަތައް ފައިބަނީ އެވެ. އަހަރެން ހުރީ ދައްތައަށް އެމަންޒަރު ފެނުމުން، "އެހެން ގޮތަކަށް" ވިސްނިދާނެ ކަމަށްޓަކައި ހާސްވެ ކަންބޮޑުވެފައެވެ. ދޮރާއި ދިމާލަށް އަހަރެން ބަލަން އިނުމުން ދައްތައް ހުރިކަން އެނގިގެން ބަޝީރު އެ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
ބަޝީރު ދިއުމުން .ދައްތަ އައިސް އަހަރެންގެ ކައިރ އިށީނެވެ. އަހަރެން ދައްތައަށް ވެގެން އުޅޭ ގޮތް ކިޔައިދޭން އުޅުނީމެވެ. ނަމަވެސް އަހަރެންގެ އަތުގައި ހިފާފައި "ދައްތައަށް މާފު" ކުރާށޭ ބުނި ހިސާބުން އަހަރެން ގަނޑުވެއްޖެއެވެ. ދައްތައަށްވެސް އެކަން ކުރިން އެނގޭކަމާއި، ބަޝީރު އެވާހަކަތައް ދައްތަ ކައިރީގައިވެސް ކުރިން ދައްކާފައިއޮތް ކަމަށް ރޮއެރޮއެފައި ކިޔައިދިނެވެ. އަހަރެން ހުރީ އެ ވާހަކަތައް ޤަބޫލުކުރަންވެސް ދަތިވެފައެވެ. ބުނާނެ އެއްޗެއް ނޭގި ބަސް ހުއްޓިފައެވެ.

ދައްތައަށް ބަޝީރުގެ އެ މުޑުދާރު އަމަލުތައް އެނގި ފެނިފައިވާއިރުވެސް އޭނާއާއި އެކީގައި ދިރިއުޅެން ބޭނުންވާ ސަބަބެއް އަހަންނަކަށް މިއަދާއި ހަމަޔަކަށްވެސް ނޭގެއެވެ. އެ ސުވާލުގެ ޖަވާބު މިއަދާއި ހަމަޔަށްވެސް ދޭން ދައްތަ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ހައްޤުގައި އަހަރެން އެކަންތައް އިތުރު ބަޔަކަށް ނާންގައި ސިއްރު ކުރީމެވެ.

ހިނގާދިޔަ އެ ކަންތަކަށް މިހާރު 17 ވަރަކަށް އަހަރު ވެފައިވާއިރު އަދިވެސް ދައްތަ އުޅެމުންދަނީ އެ "ނުލަފާ" ބަޝީރާއި އެކީގައެވެ. އަހަރެން އެކަމާއި ކިތަންމެ ހިތްހަމަ ނުޖެހުނު ކަމުގައިވިޔަސް، ދައްތަ ބަޝީރު ދޫކޮށެއް ނުލައެވެ. އަހަރެން ދޭތެރެ ދޭތެރެއިން އެގެޔަށް ގޮސް އުޅޭ އިރު ބަޝީރު ފެނެއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ރުޅި "ސަތޭކައިން މައްޗަށް" އަރައެވެ. އަދި އޭނާގެ މުޑުދާރު ޢަމަލުތައް ލޯމައްޗަށް ސިފަވެއެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކުވެސް ދައްތައަށް އޭނާ އަނިޔާއެއް ދީފާނެ ކަމަށްޓަކައި އަހަރެން ނުހަނު ޖެހިލުންވެ ކަންބޮޑުވެއެވެ. މިކަން އޭނާއަށް އެނގޭތީ އަބަދުވެސް އޭނާ އަބަދުވެސް ހުންނަނީ އަހަރެން ފެނުމުން ނުލަފާ ހިންޏެއް އައިސްފައެވެ.

-ނިމުނީ-

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އހ

    ކަމެއްނުވިއެއްނު.. އެހެންވިމާ ދެމީހުން އެއްބަސްވެގެން ކުރާކަމެއްތީ..

  2. ފާތުމަ

    ކޮބާތަ 1 ވަނަބައި

  3. ޢަލީމާ

    މާ ދީންވެރިވެގެން އުޅޭ ބައެއް މީހުންނަކީ މިފަދަ ޢަމަލުތައް ހިންގާ މީހުން. އަހަރެންގެ ވަރަށް ގާތް އެކުވެރިޔަކު ކުޑައިރު ޤުރުޢާން ކިޔަވަން ދިޔަ ކުލާހުގެ ޓީޗަރު ކިޔަވައިދޭ ގަޑީގައި ވަރަށް ސިއްރުން އެކުއްޖާއާ ބެހެނީ ، ކިހިލިފަތް ދޭތެރެއިން ލަދުވެތި ގުނަވަންތަކުގައި އަތް ލާން މަސައްކަތް ކުރަނީ، އެކުއްޖާ އަތް ބާރަށް ފިއްތައިގެން އިންނާތީ އެހިސާބަށް އަތް ނުގެންދެވޭ. ދެން ހަދާ ގޮތަކީ ޓީޗަރުގެ ފައިން ކުއްޖާގެ ދެފައި ދޭތެރެއަށް ލަނީ ..ލާފައި ލަދުވެތި ގުނަވަނުގައި ޖެހެން އުޅެނީ، އެކުއްޖާ ވަރަށް މަސައްކަތުން އެކަން ކާމިޔާބު ވިޔަ ނުދޭ. އެކުއްޖާގެ އުމުރުން އޭރު 10 އަހަރު. ވަރަށް ބަސްއަހާ ރަނގަޅު ކުއްޖެއް އެއީ. ބިރުން އެވާހަކަ ބުނާކަށް ނުކެރޭ.. އޭގެ ފަހުން މިހާރު 20 އަހަރަށް ވުރެ ގިނަ ވެއްޖެ.. ދަރިންނަށް ވިސްނައި ދޭންވީ ައެކަހަލަ ކަންކަން ސިއްރު ނުކުރަން. ހޭލުންތެރި ކުރުވަންވީ. ދެރަވޭ. ކާކަށް އިތުބާރުކޮށްފަ ނުކުރަންވީ....

    • މީ

      ދީނަށް އަމަލުކުރުމުގަ އިޚްލާސްތެރިކަމާއި ތެދުވެރިކަމާއިއެކު އޭނާގެ ހިތްނިޔަތް ހާލިސް ކުރާ އެއްވެސް މުސްލިމެއްގެ ފަރާތުން ތިފަދަ ހަޑިމުޑުދާރު އަމަލުތަކެއް ނުފެންނާނެ.ސަބަބަކީ ދީނުގަ ކަނޑައެޅި ބަޔާންވެގެންވާ ކޮންމެ އަޅުކަމަކީ އިންސާނާގެ ނަފްސް ހެޔޮ މަގަށް އޮޓަމެޓިކުން ތަރުބިއްޔަތުވެގެންދާފަދަ އަޅުކަންތަކެއް.އެކަމަކު އެއީ އެކުރާ އަޅުކަމެއްގަ އިޚްލާސްތެރި ވެވިއްޖެނަމަ ނުކުންނާނެ ފޮނި ނަތީޖާއެއް.އިޚްލާސްތެރިކަމެއްނެތް ދެއްކުންތެރިކަމާއެކު ކުރާ ކޮންމެ އަޅުކަމަކުން މީހާގެ ގައިގަވާ ނޭދެވޭ އަޚްލާޤީ އުނިސިފަތަކަށް ބަދަލެއް ނާންނާނެ.ކިތަންމެ ވަރަކަށް އަޅުކަންކުރިޔަކަސް.އެހެންވީމަ އޭނަގެ ގައިގަ ހުރި އުނިސިފަތަކާއެކު ދީނާ ނުގުޅުވާ.....ހެދިގެން އުޅޭ މީހެކޭ ކިޔާ

      • ރޯޒް

        ދީންވެރިވެގެން އުޅުމާ ހެދިގެން އުޅުން އެއީ އެކައްޗެއް..