އިންޑިއާ މީހަކު ނެގި ޓިކްޓޮކް ވީޑިއޯއެއްގެ ސަބަބުން އޭނާ ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދިއްލީ ފުލުހުންނެވެ.

އުމުރުން 32 އަހަރުގެ ފައިޒާން ނަމަަކަށް ކިޔާ މި ޒުވާނާ ހައްޔަރުކޮށްފައި ވަނީ ފިސްތޯލެއް ބޭނުންކޮށްގެން ބަޑިޖަހާ މަންޒަރު ވީޑިއޯ ކުރި މައްސަލައާއި ގުޅިގެންނެވެ.

މި މަހުގެ 10 ވަނަ ދުވަހުގެ ރޭ އެ ވީޑިއޯ މީސް މިޑިއާގައި ދަަައުރުވާން ފެށިއިރު، އެ ވީޑިއޯއިން ފެންނަނީ، އޭނާ ވަޔަށް ބަޑި ޖަހަމުންދާ މަންޒަރެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ފަހުން ފޭސްބުކްގައި އާއި ވަޓްސްއެޕްގައިވެސް ދައުރުވާން ފަށާފައެވެ.

ފައިޒާން ދިން ބަޔާނުގައި ބުނެފައި ވަނީ، އޭނާ ބަޑި ޖަހަމުންދާ މަންޒަރު ފެންނަ ވީޑިއޯ ނަގާފައި ވަނީ އުފަން ދުވަހާއި ގުޅުވައިގެން ތަފާތު ވީޑިއޯއެއް ގެންނަން ކަމަށެވެ.

އޭނާ އެ ވީޑިއޯ ނެގީ މަޝްހޫރު ކަން ހޯދަން ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނެފައި ވަނީ، އެ ބަޑިއަކީ ޗަންދްނީ މަހަލް އޭރިއާ ކައިރިން މީހެއްގެ އަތުން ހޯދި ބަޑިއެއް ކަމަށެވެ.

ފުލުހުން ވަނީ އެ ބަޑިއާއި އަދި އެ ވީޑިއޯ ރެކޯޑް ކުރަން ބޭނުން ކުރި ފޯންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.