ރެސްޓޯރެންޓަކަށް ދިޔަ ކަސްޓަމަރަކު އޯޑަރު ކުރި ސޭންޑްވިޗެއް ގެނައުން ލަސްވެގެން ބަޑި ޖަހައި ވެއިޓަރު މަރާލައިފިއެވެ.

މި ހަމަނުޖެހުން ހިނގާފައިވަނީ ހުކުރުދުވަހުގެ ރޭ ޕެރިސްގައި ހުންނަ ރެސްޓޯރެންޓެއްގައެވެ. މަންޒަރު ފެނުނު ފަރާތުން ބުނެފައިވަނީ އޯޑަރު ކުރި ސޭންޑްވިޗް ހިފައިގެން އަންނަލެއް ލަސްވެގެން ކަސްޓަމަރު ރުޅިގަދަވެގެން ވެއިޓަރުގެ ކޮނޑަށް ބަޑިޖަހައި މަރާލީ ކަމަށެވެ.

ބަޑިޖަހައި މަރާލިތާ މާގިނަ އިރުތަކެއް ނުވަނީސް އެތާނގައި ދެންތިބި ވެއިޓަރުން ވަނީ ފުލުހުންނަށް ގުޅާފައެވެ. އެހެނަމަވެސް ހަމަލާދިން މީހާ ވަނީ ރުޅިގަދަ ވެގެން މަރާލެވުނީ ކަމަށް ބުނެ ފުލުހުން އައުމުގެ ކުރިން އެތަނުން ފިލާފައެވެ. ފުލުހުން ވަނީ މިހާރު ގަސްތުގައި މީހަކު މަރާލި މައްސަލާގައި އޭނާ ހޯދަން އިއުލާނު ކޮށްފައެވެ.

މި ހަބަރު ލިބުމުން ގިނަ ފަރާތްތަކަށް ވަނީ އެކަން ގަބޫލު ކުރަން ދަތި ވެފައެވެ. ސަބަބަކަށް ވެފައި ވަނީ އެ ރެސްޓޯރެންޓް އަކީ ދާދި ފަހުން ހުޅުވާފައިވާ ހިތްފަސޭހަ ތަނަކަށް ވުމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ އެ ރެސްޓޯރެންޓް ހުޅުވާފައި ހުރި ސަރަހައްދު ކަމަކު ނުދާކަމަށާއި އެ ސަރަހައްދުގައި މަސްތުވާތަކެތި ވިއްކައި އަދި އެފަދަ ތަކެތި ބޮއެގެން އުޅޭ މީހުން އުޅޭ ކަމަށެވެ.

ރެސްޓޯރެންޓްގައި ދެންތިބި ވެއިޓަރުން ބުނެފައިވަނީ އޭނާ މަރުވެފައިވަނީ ފަރުވާދިނުން ލަސްވެގެން ހަމަ އެތަނަށް ކަމަށެވެ. އޭނާގެ އުމުރުން އަދި އެންމެ 28 އަހަރު ކަމަށާއި އޭނާ އަކީ އަހްލާގު ރަނގަޅު ވެއިޓަރެއް ކަމަށް އެކުގައި މަސައްކަތް ކުރި މީހުން ބުނެއެވެ.