ދުނިޔޭގެ އެންމެ ބޮޑު އަދި ޔޫރަޕުގެ އެންމެ ފުރަތަމަ ކަނޑު އަޑީގެ ރެސްޓޯރެންޓް ނޯވޭގައި ހުޅުވައިފިއެވެ.

މި ރެސްޓޯރަންޓް ގާއިމުކޮށްފައި ވަނީ ނޯވޭގެ އެންމެ ދެކުނު ތަނޑީގެ ނޯތު ސީގަ އެވެ. ދުރުން ބަލައިލާ އިރު މޫދަށް އެއްބައި އަޑިއަށް ގޮސްފައިވާ ކޮންޓެއިނާއެއް ގޮތަށް ސިފަވާ މި ރެސްޓޯރަންޓަކީ ކަނޑުއަޑީގެ ގާއްގަނޑަކަށް ފަސް މީޓަރު އަޑީގައިވާ ގޮތަށް ފަރުމާކޮށްފައިވާ ހިތްގައިމު ތަނެކެވެ.

މި ރެސްޓޯރެންޓަށް ދީފައިވާ ނަމަކީ “އަންޑަރ” އެވެ. މި ރެސްޓޯރެންޓް ފަރުމާ ކޮށްފައިވަނީ އޮސްލޯ އޮޕެރާ ހައުސް، ނޭޝަނަލް ސެޕްޓެމްބަރ 11 ޕަވިލިއް ފަދަ މަޝްހޫރު އިމާރާތްތައް ފަރުމާ ކޮށްފައިވާ ނޯވޭގެ ސްނޮހެޓާ ކުންފުނިންނެވެ. މިއަހަރުގެ މާރިޗު މަހުގައި ހުޅުވި މި ރެސްޓޯރެންޓުގެ މަސައްކަތް ފަށާފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ޖުމްލަ 5300 އަކަ ފޫޓޫ ބޮޑު މި ރެސްޓޯރެންޓު އެއްފަހަރާ 100 އަށްވުރެ ގިނަ ގެސްޓުންނަށް ބޭނުން ކުރެވޭނެ އެވެ. ތިން ލެވެލް އަކަށް ފަރުމާ ކުރި މި ރެސްޓޯރެންޓްގައި ވަށައިގެން ކަނޑު އަޑީގެ ގުދުރަތީ ރީތި މަންޒަރުތައް ފެންނާނެއެވެ.

ރެސްޓޯރެންޓުގެ ދެބައިކޮށްފައި އެއްބައި އޮންނާނީ ކަނޑު އަޑީގައެވެ. އަންޑާ ފަރުމާ ކޮށްފައިވަނީ ކޮންކްރީޓް ބޭނުން ކޮށްގެން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވާނެ ގޮތަކަށެވެ.

މި ރެސްޓޯރެންޓްގެ ސަބަބުން އެތަނަށް އަންނަ ފަރާތްތަކަށް ކަނޑު އަޑީގެ ރީތިކަން ފެނި، ފަރުތަކާއި މުރަކަތައް ދިރާސާ ކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެއެވެ.