އިންޑިއާގެ ޖައިޕޫރުގައި އުމުރުން 75 އަހަރުގެ އަންހެނަކު އިންވިޓްރޯ ފާޓިލައިޒޭޝަން ( ހަށިގަނޑުން ބޭރުގައި ދަރިމައި ކުރުމު)ގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުއްޖަކު ވިހައިފިއެވެ.

ޖައިޕޫރުގެ ކޮޓާގައި މިދިޔަ ހޮނިހިރު ދުވަހު އޭނާ ވިހައިފައިވަނީ އަންހެން ކުއްޖެކެވެ. ޑޮކްޓަރުން އަންނަނީ އޭނާ ވިހައިފައިވަނީ "އިންވިޓްރޯ ފާޓިލައިޒޭޝަން" ހަދައިގެން ކަން ޔަގީން ކޮށްދީފައެވެ.

އެ މީހާ ވިހެއި އެ ކުއްޖާގެ ބަރުދަނުގައި ހުރީ 600 ގްރާމެވެ. އަދި މިހާރު އެ ކުއްޖާވަނީ އެހެން ހޮސްޕިޓަލެއްގެ އެންއައިސީޔޫ ގައި އެޑްމިޓް ކޮށްފައެވެ. އަދި ކުއްޖާގެ މަންމަ ވަނީ އެހެން ހޮސްޕިޓަލެއްގައެވެ.

ޑޮކްޓަރުން ބުނެފައިވަނީ ކުއްޖާ އަށް މިހާރު ދަނީ ކުޑަކުދިންގެ ހާއްސަ ޓީމަކުން ފަރުވާ ދެމުން ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް އެހެން މީހެއްގެ ދަރިއެއް އަމިއްލަ ކޮށްފައެވެ. އޭނާ އައިވީއެފް ހަދާފައިވަނީ އޭނާގެ އަމިއްލަ ދަރިއަކު ބޭނުންވާ ކަމަށް ބުނެއެވެ. އަދި އެކަމާއި ބެހޭ ގޮތުން އޭނާ ވަނީ ވަރަށް ގިނަ ޑޮކްޓަރުންގެ އިރުޝާދު ވެސް ހޯދާފައެވެ. އެގޮތުން އޭނާ އެކަން ކޮށްފައިވަނީ ގިނަ ޑޮކްޓަރުން ދައްކާފައިވާ ވާހަކައަށް ބަލާފައެވެ.

އޭނާ ވިއްސަން ބައިވެރިވީ ގްރޫޕްގެ ޑޮކްޓަރުން ބުނެފައިވަނީ ކުއްޖާ ވިހާފައިވަނީ 6.5 މަހުން ކަމަށާއި އެހެން ކަމުން ކުއްޖާގެ ހާލު ހުރިހާ ގޮތަކުންވެސް ވަރަށް ދެރަ ކަމަށެވެ.

އެހެން ނަމަވެސް ގްރޫޕުން ދަނީ ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުންނެވެ.