ކޮންމެ މީހަކީވެސް ދިރިހުރެއްޖެނަމަ އުމުރުން ދުވަސްވެ، މުސްކުޅިކަން ތަޖުރިބާ ކުރަން ޖެހޭނެ ބައެކެވެ. ގިނަ ފަހަރަށް އުމުރުން ދުވަސްވެ، ގިނަ ވަގުތު ގޭގައި ހޭދަ ކުރަން ޖެހެއެވެ. މިހެން ގޭގައި ހުންނަ ވަގުތު ކާފަ އަދި މާމަ ދަރިން ބަލާނަމަ އެމީހުންގެ އުމުރު ދިގުވާ ކަމަށް ދާދި ފަހުން އެމެރިކާގައި ހެދި ދިރާސާ އަކުން މިވަނީ ހާމަވެފައެވެ.

"ބާލިން އޭޖިން ސްޓަޑީ" ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. ރޮނަން ފެކްޓޯރާ ބުނެފައިވާ ގޮތުގައި އަބަދު އެ ދަރިން ނުބެލި ކަމުގައި ވިޔަސް، އެ ކުދިންނާއި އެކު ގިނަ ވަގުތު ހޭދަ ކުރުމުން އެމީހުންގެ ސިއްހަތަށް އޭގެ ފައިދާތައް ކުރެއެވެ.

"އުމުރުން 90އަށް ވުރެން މަތީގެ މީހުން ކަންކަން ހަނދާނުގައި ބަހައްޓަން ވަރަށް އުނދަގޫވޭ. އަދި އުމުރުން 70 އަހަރަށް ވުރެން މަތީގެ މީހުންނަށްވެސް ހަނދާން ބަލި ޖެހޭ. އެކަމަކު މާމަ އަދި ކާފަ ދަރިން ބޭބީސިޓް ކުރާނަމަ މި މައްސަލަ އަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ" ޑރ. ފެކްޓޯރާ ވިދާޅުވެފައި ވެއެވެ.

އުމުރުން ދުވަސްވީ އެތައް ހާސް މީހުންނެއް ބައިވެރި ކުރުވައިގެން ކުރިއަށް ގެންދިޔަ މި ދިރާސާ އިން އިތުރަށް ހާމަވެފައިވާ ގޮތުގައި މުސްކުޅިވެފައި ވާއިރު މިގޮތަށް އެ ކުދިންނާއި އެކު ވަގުތު ހޭދަ ކުރުމުން ސްޓްރެސް ވެސް ފިލައިގެން ދިއުމަށް އެހީތެރިވެއެވެ. އެހެންކަމުން، ތިމާގެ ދަރިން އެ ކުދިންގެ ކާފަ އަދި މާމަ އާއި އެކު ގިނަ ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ދޭށެވެ.