އެމެރިކާގެ ކޮންގްރެސްގެ އަންހެން މެންބަރެއް ކަމަށްވާ ކެޓީ ހިލް ކޮންގްރެސްގެ މުވައްޒަފަކާއި ސިއްރު ލޯބީގެ ގުޅުމެއް ބޭއްވިކަން ބޭޒާރުވުމުން އެންމެފަހުން އޭނާ ކޮންގްރެސްގެ މެންބަރު ކަމުން އިސްތިއުފާ ދީފިއެވެ.

ކެޓީ އަކީ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ މުވައްޒަފަކާއި އެކު ސިއްރު ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައަށް ފާޑުކިޔުން އަމާޒުވެފައި ވަނީ ކައިވެނި ކޮށްގެން ހުރެ އެފަދަ ގުޅުމެއް ބޭއްވުމުންނެވެ. ކެޓީ އިއްޔެ މަގާމުން އިސްތިއުފާ ދިން އިރު އޭނާގެ މައްސަލަ ކޮންގްރެސްގެ އެތިކްސް ކޮމެޓީން އަންނަނީ ތަޙްޤީޤު ވެސް ކުރަމުންނެވެ.

ކޮންގްރެސްގެ މެންބަރު ކަމުން އިސްތިއުފާ ދިންކަން އިއުލާން ކުރަމުން ކެޓީ ކުރި ޓްވީޓެއްގައި ބުނީ މިއީ އޭނާގެ ޚަޔާތުގައި ނިންމި އެންމެ އުނދަގޫ ނިންމުން ކަމަށެވެ. ނަމަވެސް މިއީ ގައުމަށާއި އޭނާގެ ދާއިރާއަށް އެންމެ ރަނގަޅު ނިންމުމަށް ވާނެ ކަން ޔަގީންކުރާ ކަމަށް ކެޓީ ބުންޏެވެ.

ކެޓީ އާއި އޭނާގެ ފިރިމީހާގެ ވަރީގެ މައްސަލަ މިހާރު އޮތީ ކޯޓުގައެވެ.

ކެޓީ ވަނީ ކޮންގްރެސްގެ މެންބަރު ކަމަށް ކުރިމަތިލައިގެން ކުރިއަށް ގެންދިޔަ ކެމްޕޭން ތެރޭގައި ވެސް ކެމްޕޭންގައި ބައިވެރިވި މުވައްޒަފަކާއި ލޯބީގެ ގުޅުމެއް ހިންގާފައެވެ. އެގުޅުން ހިންގި ކަމަށް ކެޓީ އިއުތިރާފުވެ މިހާރު ވަނީ މަޢާފަށް ވެސް އެދިފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ކެޓީގެ ބަރަހަނާ ފޮޓޯތަކެއް ވެސް މިހާރު ވަނީ އާއްމު ވެފައެވެ.

ކައިވެނީގެ ބޭރުން ލޯބީގެ ގުޅުންތައް ހިންގުމަކީ އެމެރިކާގައި އާއްމު ކަމެއް ނަމަވެސް އެފަދަ ގުޅުމެއް ސިއްރުން ހިންގައިފި ކަން ބޭޒާރު ވެއްޖެ ނަމަ މީގެ ކުރިން ވެސް އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން އިސްތިއުފާ ދީފައިވެއެވެ. އެމެރިކާގައި މިފަދަ މައްސަލަތަކަށް ފާޑުކިޔުން އަމާޒުވަނީ ކައިވެނި ކޮށްގެން ތިބެ މިފަދަ ގުޅުންތައް ހިންގާތީއެވެ.

ކިޔުންތެރިންގެ ހިޔާލު