މިދިޔަ ފެބުރުއަރީ މަހުގެ 24 ވަނަ ދުވަހު ދުނިޔެ ދޫކޮށްދިޔަ، ކުޅަދާނަ ބޮލީވުޑް ތަރި ސްރީ ދޭވީއަށް އެންމެ މޮޅު އަންހެން އެކްޓަރުގެ ޤައުމީ އެވާޑް ދޭން ނިންމައިފިއެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، މި ދިޔަ އަހަރު ޖުލައި މަހު ރިލީޒްކުރި ބޮލީވުޑް ފިލްމު "މޮމްސް"އިން ސްރީދޭވީ ފެނިގެންގޮސްފާވާއިރު، މިއީ އޭނާ ފިލްމަކުން ފެނިގެންދިޔަ ފަހު ފަހަރެވެ. އަދި މި އެވާޑް ދިނުމަށް ނިންމީވެސް، އެ ފިލްމުގައި އޭނާ ދައްކައިދިން މޮޅު އެކްޓިންގެ ސަބަބުން ކަމަށް ފިލްމު ކޮމެޓީއިން ވަނީ ބުނެފައެވެ.

65 ވަނަ ޤައުމީ ފިލްމު އެވާޑް ހަފްލާގައި މި ފަދަ ބޮޑު ކާމިޔާބީއެއް ސްރީދޭވީއަށް ލިބިގެންދާތީ، އޭނާގެ ފިރިމީހާ ބޯނީ ކަޕޫރާއި ދެ ދަރިން ކަމުގައިވާ ޖަންވީ ކަޕޫރާއި ކުޝީ ކަޕޫރް ވަނީ މި އެވާޑް އިންތިޒާމް ކުރި ކޮމެޓީއަށް ޝުކުރު އަދާކޮށްފައެވެ.

"މިފަދަ އެވާޑެއް ދިނުމަށް ނިންމީތީ ސަރުކާރަށްވެސް ޝުކުރުވެރިވަން. އަދި އަބަދުވެސް ދެގޮތެއް ނުވެ ސްރީދޭވީއަށް ހިތްވަރުދިން ހުރިހާ ފޭނުނަށްވެސް މި ފުރުސަތުގައި ޝުކުރު އަދާކޮށްލަން" ބޯނީ ކަޕޫރު މީޑިއާށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ މިހާރުވެސް މި އެވާޑް ސްރީދޭވީއަށް ލިބުން މާ ލަސްވެއްޖެ ކަމުގައެވެ.

"ސްރީދޭވީއަކީ ހަމައެކަނި މޮޅު އެކްޓަރެއް ނޫން. މިއަދު އޭނާއަށް މި އެވާޑްއާއި ހަވާލުވެވެން ދުނިޔޭގައި ނެތް ނަމަވެސް، އޭނާ އެ ދައްކައިދިން ނަމޫނާއިން އަހަރެމެން ވަރަށް އުފާވޭ" ފިލްމު ޕޮރޮޑިއުސްކުރާ ފަރާތެއް ބުނެފައިވެއެވެ.

ސްރީދޭވީ މަރުވެފައިވަނީ ބާތުޓަބެއްގެ ތެރެއަށް ގެނބިގެން ދުބާއީގައެވެ. އޭރު އޭނާގެ އުމުރުން 54 އަހަރު ކަމަށް ޚަބަރުތައް ބުނެއެވެ.