ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އެކުގައި ފެނިގެންދާ ބުރަންމަސްތުރަ މި އަހަރުގެ ސިނަމާއަށް ނެރޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފިއެވެ.

މި ފިލްމަކީ ވަރަށް ގިނަ ބަޔަކު ބަލަން ކެތްމަދުވެފައި ތިބި ފިލްމެކެވެ. މި ފިލްމުގައި ރަންބީރު އަދި އާލިއާގެ އިތުރުން އަމީތާބު ވެސް ފެނިގެން ދާނެއެވެ. މި ފިލްމަކީ އިންޑިއާގައި އަލަށް ތިން ބަޔަކަށް ބަހާލެވިގެން ނެރޭ ފިލްމެއް ކަމަށްވެއެވެ. މި ފިލްމުގެ ފުރަތަމަ ބައި ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރު ޑިސެންބަރު ހަތަރެއްގައެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އާޔަން މުކަރްޖީ އަދި ޕުރޮޑިއުސަރަކީ ކަރަން ޖޯހަރެވެ.

ރަންބީރު އާއި އާލިއާ ލޯބީގެ ގޮތުން އުޅޭތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މި އަހަރު ތެރޭގައި އެ ދެމީހުން ކައިވެނި ކުރާނެ ކަމުގެ އަޑުތަކެއް ވަނީ އަރައިފައެވެ.

އާލިއާ ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނެރުނު ފިލްމު "ސުޓޫޑެންޓް އޮފް ދަ އިޔާ" އިންއެވެ. އަދި އެންމެ ފަހުން އާލިއާ ފެނުނީ "ކަލަންކް" އިންނެވެ. ރަންބީރު ދެން އެންމެ އަވަހަށް ފެންނާނީ ބުރަންމަސްތުރަގެ އިތުރުން ޝަމްޝޭރާ އިންއެވެ.