ދުނިޔޭގެ އެންމެ ދެކުނުތަނޑީގައި އުފެދިފައި އޮންނަ ގަނޑުފެނުގެ ބިޔަ ބައްރު، އެންޓާކްޓިކާއަށް އާދަޔާއި ޚިލާފަށް ހޫނުގަދަ ވެއްޖެއެވެ.

މިހާތަނަށް އެއްކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު އެންޓާކްޓިކާއަށް އެންމެ ހޫނުމިން މަތިވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު އެ ބައްރުގެ ފިނިހޫނުމިން ވަނީ 65 ޑިގްރީ ފަރެންހައިޓް (18.3 ޑިގްރީ ސެލްޝިއަސް) އަށް މަތިވެފައެވެ.

ގަނޑުފެނުގެ ބައްރަށް މިދިޔަ ބުރާސްފަތި ދުވަހު ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މަތިވެފައިވާކަން ހާމަވެފައިވަނީ އެ ބައްރުގެ އުތުރުގެ ސަރަޙައްދެއްގައި ޤާއިމްކޮށްފައިވާ އާޖެންޓީނާގެ ރީސާޗް ސްޓޭޝަންގައި މަސައްކަތްކުރާ ސައިންސްވެރިން އެއްކޮށްފައިވާ މަޢުލޫމާތުންނެވެ. އެ ސްޓޭޝަންގައި ހަރަކާތްތެރިވާ ސައިންސްވެރިން ބުނެފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފްތާއަކީ މިހާތަނަށް އެ ސަރަޙައްދަށް އެންމެ ހޫނުމިން މަތިވި ހަފްތާ ކަމަށެވެ.

މި ހޯދުންތަކާއި ގުޅިގެން ދުނިޔޭގެ މޫސުމާއި ބެހޭ އިދާރާގެ އިސް އޮފިޝަލެއް ކަމަށްވާ ރެންޑެލް ކާވޭ ބުނެފައިވަނީ، މިއީ މިހާތަނަށް އެންޓާކްޓިކާގެ ފިނިހޫނުމިނުގެ ރެކޯޑުތަކަށް ބަލާއިރު، ފިނިހޫނުމިން އެންމެ މަތިވި ފަހަރުކަން ޔަޤީންކުރެވިފައިވާ ކަމަށެވެ. ނަމަވެސް އާޖެންޓީނާ ސައިންސްވެރިންގެ ޓީމުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ ސައްޚަކަން އެ އިދާރާއިން ދަނީ އިތުރަށް ޔަޤީންކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދުނިޔެ ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ދެތަނޑީގައިވާ ގަނޑުފެން ވިރި ކަނޑުތަކަށް އެޅުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެއެވެ. ނާސާ އިން ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓެއްގެ އެހީގައި، ދުނިޔޭ ގައި އޮތް ގަނޑުފެނުގެ ބައްރު ވިރެމުންދާ މިންވަރު ދެނެގަނެގަނެވިފައިވާއިރު، އެކަން ކަންބޮޑުވާން ޖެހޭ ހާލަތުގައި އޮތްކަމަށް ކުރިން ސައިންސްވެރިން ބުނެފައި ވެއެވެ.

ދުނިޔެ ހޫނުވެ ގަނޑުފެނުގެ ބައްރަށް ފިނިހޫނުމިން މަތިވަމުންދާއިރު، އެކަމުގެ ސަބަބުން އަހަރަކު 0.6 މިލިމީޓަރަށް އުފުލޭކަމަށް ނޭޗާ ޖާނަލްގައި ސައިންސްވެރިން އާންމުކުރި ރިޕޯޓްގައި ބުނެފައި ވެއެވެ. މިއީ އެންމެ ފަހުން ކުރި މިފަދަ ދިރާސާ އަކާއި އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞައޯ

    ވިރި ހުސްވީމަ މާ ރަނގަޅުުވާނެ، އިންސާނުންނަށް ދިރި އުޅެވޭނެ ބައްރެއް ލިބޭނެ، ނިއުކްލިއަރ އަޅާފަ ހުރިހާ ގަނޑުފެނެށް ވިރުވާލަންވީ.

    3
    19
    • އަލީ

      ވާނުވާ ނޭނގުނަސް ޖެހޭނެ އަނގަ އެއް އޮތީތީ ތަޅަން... ދެއްތޯ؟

  2. ޖަވާދު

    އިންސާނުން އުޅޭނެތަން ނެތިގެންތަ މިއުޅެނީ. ހުޅުމާލެއިން ގޯތި ދިނީމަ ހުރިހާ ދިވެހި އިންސާނުންނަށް ހަމަގެހިގެން އުޅެވޭނެ. އަދި ފެންވެސް ގަނޑު ކުރެވޭނެ.