މިއީ ކޮވިޑް-19 ޖެހުނު އޮސްޓްރޭލިއާގެ އަންހެނަކު ކިޔައިދިން ވާހަކައެކެވެ. މިހާރު އެމެރިކާގެ ނިއުޔޯކްގެ ބްރޫކްލިންގައި ދިރިއުޅެމުން އަންނަ ވިޔަފާރިވެރިޔާ ނާދިއާ އަކްމަން ކިޔައިދިން ގޮތުގައި ސިއްހަތު ރަނގަޅު ޒުވާނުންނަށް ވެސް ކޮވިޑް-19 ޖެހޭނެ ކަމާއި، އަދި ބަލީގެ ވޭން ވެސް ވަރަށް ބޮޑުވާނެކަން ކަށަވަރުވާ މިސާލަކަށް އޭނާ ފުދެއެވެ.

"އަހަރެންނަކީ ސިއްހަތު ރަނގަޅު މީހެއް. ސިއްހަތައް ބަލައިގެން އުޅޭ މީހެއް. ކޮންމެ ހަފްތާއަކު ފަސް ދުވަހު ކަސްރަތު ކުރަން. ސިނގިރޭޓެއް ނުބޮން. ބަނގުރަލުގެ އެއްވެސް ބާވަތެއް ބޭނުމެއް ނުކުރަން. އަހަރެންނަކީ ހިމާލިއާ ފަރުބަދަ އަށް ވެސް އަރާފައި ހުރި މީހެއް." ނާދިއާ ކިޔައިދިނެވެ.

ނަމަވެސް ސިއްހަތު ރަނގަޅު ވުމަކުން ކޮވިޑް-19 އިން ސަލާމަތެއް ނުވެވުނެވެ. ނާދިއާ އަށް ކޮވިޑް-19 ޖެހުނީ ބެލެވޭ ގޮތުގައި ރަހުމަތްތެރިންތަކެއް ބޭއްވި ޕާޓީއެއްގެ ތެރެއިންނެވެ. ބަލި ޖެހުމާއި އެކު ދެން އޭނާ ހޭދަކުރި 22 ދުވަހަކީ ވޭނުން ފުރިގެންވާ ދުވަސްތަކެކެވެ.

"ފުރަތަމަ އަހަރެން ކެއްސަން ފެށީ. އެފަދަ ކެއްސުމެއް އަހަރެންގެ އުމުރުގައި ދުވަހަކު ވެސް ތަޖުރިބާއެއް ނުކުރަން. ލޮލުން ކަރުނަ އަންނަން ދެން ކެއްސި. ދެން އަހަރެންގެ ހުން ގަދަވާން ފެށީ 100 ޑިގްރީއަށް ހުން ގަދަވި. ނޭވާލަން ވަރަށް ބޮޑަށް އުނދަގޫވި. ހީވަނީ އަހަރެންގެ މޭމަތީގައި މީހަކު ވަރަށް ބާރަށް އަތް އަޅާފައި ހުންނަހެން." ނާދިއާ ބުންޏެވެ.

އޭނާ ބުނީ ހޮސްޕިޓަލަށް ފުރަތަމަ ދިޔައިރު އޭނާގެ ހާލަތު ބެލި ޑޮކްޓަރު ހުރީ ރައްކާތެރިކަމުގެ ގޮތުން އެއްވެސް އެއްޗެއް އަޅައިގެން ނޫން ކަމަށާއި އެންމެ ކުޑަމިނުން ޑޮކްޓަރު މާސްކެއް ވެސް ނާޅާ ކަމަށެވެ.

ނާދިއާ ހޮސްޕިޓަލްގައި އެޑްމިޓް ކުރި ފަހުން ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. ނަމަވެސް ހަތަރު ދުވަސް ފަހުން މަޑުމަޑުން އޭނާގެ ހާލަތު ރަނގަޅުވަމުން އައިސް މިހާރު ވަނީ އެއްކޮށް ބަލިން ރަނގަޅު ވެފައެވެ.

ނާދިއާ ބުނީ އޭނާގެ ވާހަކަަތައް ހިއްސާ ކުރަން ބޭނުންވީ ސިއްހަތު ރަނގަޅަށް ހުރި މީހަކަށް ވެސް ކޮވިޑް-19 ޖެހިދާނެ ކަމާއި އަދި ބަލީގައި ބޮޑުވަރުވެސް ވެދާނެ ކަން އެހެން މީހުންނަށް އަންގައި ދިނުމަށެވެ.

ކޮވިޑް-19 ފުރަތަމަ ފެތުރެން ފެށިއިރު ލަފާކުރެވުނީ ބަލީގެ ނުރައްކާ އޮތީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުން ގެންދާ މީހުންނަށް ކަމަށެވެ. ނަމަވެސް މިހާރު ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެއްވެސް ބައްޔެއް ނެތް ޒުވާނުންނަށް ވެސް ބަލީގެ ނުރައްކާ ބޮޑެވެ. ގިނަ އަދަދެއްގެ ޒުވާނުން ވެސް މިހާރު ވަނީ މިބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދައުލަތް

    ކާކުތަބުނީ ޒުވާން ކަސްރަތުކުރާ މީހުނަށް ނުޖެހެއޭ ބޮޑުވަރނުވެޔޭ. ތަޖުރިބާކާރުން ބުނަމުންއައީ މިފަދަމީހުނަށް ބޮޑުވަރުވުމުގެ ފުރުސަތު ކުޑަކަމަށް. ތިމީހާވެސް އިރާދަކުރެއްވީތީ އައިސީޔޫގަ ވެންޓިލޭޓަރަށަ ލާކަށަނުޖެހި ދޯރަނގަޅުވީ.

    5
    10
  2. ޓރޕ

    ނުޖެހުނިޔާ ދެރަދޯ..އެހެރީ މާސްކު އަޅާގޮއި... ގޭގަ އޮވެބަލަ

    4
    3