ފިލްމްތަކުގެ ޝޫޓިންގައި ތަރިންނަށް ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ. އަދި ނުރައްކާތެރި އެކްސިޑެންޓުތަކާއި ހާދިސާތައް ވެސް އެއިން ބައެއްފަރާތްތަކަށް ކުރިމަތިވެފައި އެބަހުއްޓެވެ. މިކަންކަން އާންމުކޮށް އެފަރާތްތަކުގެ ފޭނުންނަށް އެނގެނީ، އެކަމެއް ހިނގާތާ ދުވަސްތަކެއްވާ ފަހުންނެވެ. މިއީ ބޮލީވުޑްގެ މަޝްހޫރު ތަރި، ސަލްމާން ޚާން އަށް ދިމާވި އެފަދަ ހާދިސާއެއްގެ ވާހަކައެވެ.

ސަލްމާންގެ އެންމެ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި 2003 ވަނަ އަހަރު ނެރުނު "ތޭރޭ ނާމް" ހިމެނެއެވެ. ގިނަ ބައެއްގެ ހިތްދެވުނު މި ފިލްމުގައި ސަލްމާނަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވިކަން ފުރަތަމަ ފަހަރަށް ރިޕޯޓްތަކުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފިލްމުގެ ޝޫޓިންގް ތެރެއިން ސަލްމާން ވަނީ "މަރުގެ އެހިފަހަރަކުން ސަލާމަތްވެފައި" ކަމަށެވެ. އެގޮތުން ރޭލް ދަނގަނޑެއްގެ މަތީގައި އެ ފިލްމުގެ މަންޒަރެއް ނަގަން ސަލްމާން ހުއްޓައި، ބާރު ދުވެލީގައި އައި ރެއިލެއްގެ ދަށުގައި އޭނާ ނުވީ ކިރިޔާ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ. މި ނުރައްކާތެރި ހާދިސާ ހިނގީ، ރެއިލް ދަގަނޑުމަތީގައި ސަލްމާން ހުއްޓައި ރޭލެއް އަންނަކަން އޭނާއަށް ނޭނގުމުންނެވެ.

ރިޕޯޓްތަކުގައި އިތުރަށް ބުނެފައިވަނީ، ސަލްމާނަށް އެ ރޭލު ނުފެނި، އެ ރޭލު ކައިރިވެފައި ވަނިކޮށް އޭނާ އެތަނުން ދުރުކުރީ "ތޭރޭ ނާމް" ގައި ސަލްމާން އާއި އެކު މަސައްކަތްކުރާ އެހެން ތަރިއެކެވެ. ނަމަވެސް އެއީ ކާކު ކަމެއް އެ ރިޕޯޓުތަކުގައި ހާމަކޮށްފައެއް ނުވެއެވެ.

2003 ވަނަ އަހަރު ނެރުނު ލޯބީގެ ފިލްމް، ތޭރޭ ނާމް އަކީ މިހާތަނަށް ބޮލީވުޑުން ނެރުނު އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. ސަތިޝް ކައުޝިކް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް 245.4 މިލިއަން ރުޕީސް ލިބިފައި ވެއެވެ.

 

"ތޭރޭ ނާމް" ގައި ސަލްމާން އާއި އެކު ފެނިގެންދިޔަ ތަރިންގެ ތެރޭގައި، ބުމިކާ ޗައުލާ އާއި، ސަޗިން ކަދޭކަރް އާއި ރަވީ ކިޝްނާ ހިމެނެއެވެ. މި ފިލްމަކީ 1999 ވަނަ އަހަރު، ވާހަކަލިޔުންތެރިޔާ ބާލާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ނެރުނު ޓެމިލް ފިލްމް، "ސެތޫ" ގެ ރީމޭކެކެވެ.