ކޮވިޑް 19 ދުނިޔޭގައި ފެތުރެމުންދާ މި ދަނޑިވަޅުގައި މާބަނޑު މީހުން އުޅެން ޖެހޭނެ ހާލައި މެދު ވިސްނާފައި ވަރަށް ދެރަވާކަމަށް ޓީވީ ސީރީޒްތަކުން އިންޑީއާގައި މަގްބޫލްކަން ހޯދާފައިވާ މާހީ ވިޖް ބުނެފިއެވެ.

ދާދިފަހުން ތުއްތު އަންހެން ކުއްޖެއްގެ މަންމައަކަށްވި މާހީ އަކީ މަޝްހޫރު ޓީވީ އެކްޓަރ އަދި ބޮލީވުޑްގެ ފަންނާނު ޖޭ ބަނުޝާލީގެ އަނބިމީހާއެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު ވިހެއީ މިދިޔަ އަހަރުއެވެ. އެ ދެމަފިރިންގެ ދަރިފުޅު ތާރާ އަށް އަހަރެއް ފުރެން ދެން އޮތީ މަދު ދުވަސްކޮޅެކެވެ.

މާހީވަނީ އޭނާ ގޭގައި ހުންނަ ވަގުުތު ހޭދަ ކުރާ ގޮތާއި މަންމައެއްގެ ހައިސިއްޔަތުން އޭނާ ކުރާ ކަންކަން ކޮންމެވެސް ވަރަކަށް ފޭނުންނާއި ހިއްސާކޮށްފައެވެ.

މާބަނޑު މީހުންނަކީ ތަފާތު އެކި ކާނާތައް ކާހިތްވާ ފަރާތްތަކަށް ވާއިރު މިހާރު ކޮވިޑް 19 އާއި ގުޅިގެން ކޮންމެ ކޮންމެ ކާއެއްޗެއް ނުލިބެއެވެ. އަދި ބޭރަށް ދެވެން ނެތްތަނުގައި ޑޮކްޓަރަށް ދެއްކުން ވެސް ވަނީ އުނދަނގޫކަމަކަށެވެ.

ކޮވިޑް 19 ފެތުރެމުންދާ މި ދަނޑިވަޅު ދިމާވީ ބައެއް މަޝްހޫރު މީހުން ވިހޭ ދުވަސްކޮޅާއިވެސްމެއެވެ. އެގޮތުން ސްމްރިތީ ކަންނާ އާއި ނިރާލީ މެހެތާ ފަދަ ފަންނާނުން ވިހާފައި ވާއިރު، ރުޗާ ގުޖުރާތީ އިނީ ބަލިވެއެވެ.

ހޮސްޕިޓަލްތަކުގެ ވާޑުތައް ފުރި މާބަނޑު މީހުންނަށް ވެސް މި ދަނޑިވަޅުގައި އެނދެއް ހޯދުމަކީ އުނދަނގޫކަމަކަށް ވަނީވެފައެވެ.

ސިއްހީ މަަސައްކަތްތެރިންގެ މައިގަނޑު ފޯކަސް ކޮވިޑް 19 އަށް ހުރުމުން ބަލިމަޑުކަން އިތުރުވުމާއި، ވިހާ މީހުންނަށް ދޭންވާ ސަމާލުކަން ނުދެވުން ފަދަ ކަންކަން އިންޑިއާގައި ދަނީ މެދުވެރިވަމުންނެވެ.

މީގެ އިތުުރުން ހާސްކަމާއި ނަފްސާނީ ގެއްލުމާއި އެ އަންހެނުންނަށް ވަނީ ކުރިމަތިވެފައެވެ.

މާހީ ބުނީ އޭނާގެ ދަރިފުޅު ތާރާ މިފަދަ ހާލަތެއްގެ ކުރިން އުފަން ވުމުން އުފާކުރާ ކަމަށެވެ. އަދި މި ހާލަތުގައި ވިހަން ޖެހޭ މީހުންނާއި މާބަނޑު މީހުންގެ ހާލަތާއި ވިސްނާނެ ވިސްނުން ތަސައްވުރު ކުރެވޭ ކަމަށާ، ހުރިހާ އެންމެންނަށް ވެސް ހިއްވަރު ދޭކަމަށް މާާހީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު