ރީޝާއަށް ކާ ކޮޓަރިއާ ހަމައަށް ދެވުނުއިރު ނިހާދު އެތަނުން ނުކުންނަނީއެވެ. ދެމީހުންގެ ހަތަރުކަޅި ސީދާވި ވަގުތު، އެ ދެހިތް ވެސް އަނދައިގަތެވެ. ނަފުރަތުގެ އަލިފާނުންނެވެ. ނިހާދުގެ ހިތުގައި އޮތް ނުރުހުމާއި ރުޅިވެރިކަން ވަންހަނާ ކުރުމެއްނެތި އެ މޫނުމަތިން ހުރީ ހާސާވެފައެވެ. އެހެނަސް ރިޝާ ވެފައިވާ ފޫއްސެއްގެ ބޮޑުކަމުން އެއްވެސް އިޙްސާސެއް ބޭރަށް ކަޝްފުވިޔަކަ ނުދެއެވެ. އޭނާ ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެއް ވެސް ގެނައެވެ. ނިހާދު އަޅައިވެސް ނުލައި އެ ދިޔަ ގޮތަށް ދިޔައީއެވެ.

ރީޝާ އެތެރެއަށް ވަނުމަށް އެޅި ފިޔަވަޅާއެކު މަޑު ޖެހިލިއެވެ. ފިކުރުބޮޑުވެފައި އިން ފިރާޝާ ފެނިފައެވެ. މޭޒުމަތީގައި އުޅަނބޮށި ވިއްދައިލައިގެން މުށްކަވާފައިވާ އަތްތިލަ ކޮލުގައި ޖައްސައިގެން، ފިރާޝާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރީޝާ ގާތުގައި ހުއްޓުނުއިރުވެސް ފިރާޝާއަށް ހޭވެރިކަމެއް ނުވީ އެހެންވެއެވެ. ރީޝާ ގޮވައިލުމާއެކު ފިރާޝާ ކުޑަކޮށް ސިހިފައި ބަލައިލިއެވެ.

"އަހަނ. ދަރިފުޅާ. މިއަދު ހާދައަވަހަށް ތިހޭލީ. އަވަހަށް ސައިބޯން އިށީނދޭ." ފިރާޝާ ހިނިތުންވެލިއެވެ. ދެންމެ ހިނގައިދިޔަ ކަންތައް ކުޑަކޮށް ވެސް ހަނދާންހުރި ހެނެއް ހިޔެއް ނުވެއެވެ. އޭނާގެ އެތެރެހަށި އަނދާ އަޅިއަށް ވި ނަމަވެސް ބޭރުފުށުން ފެންނަނީ ދަރިފުޅު ފެނުމުން ލިބުނު ހިތްހަމަޖެހުމެވެ. އުފާވެރިކަމެވެ.

"މަންމަ ހާދަ މޮޅޭ ދޯ؟" ގޮނޑިއެއް ދަމާލައިފައި އިށީންނަމުން ރީޝާ ބުނެލިއެވެ.

ރީޝާ ބުނި އެއްޗެއް ފިރާޝާއަކަށް ފަހުމެއް ނުވިއެވެ. މޫނަށް އަރައިގެން ދިޔަ ރޫތަކުން ރީޝާ އެކަން ދެނެގަތެވެ.

"ދޮގުހަދަން. އޮޅުވައިލަން." ރީޝާ އޮޅުންފިލުވައި ދިނެވެ. "ހިތާމަތައް ފޮރުވަން. ވަރަށް ހަމަޖެހިގެން އުޅޭ މީހެއްކަން ދެއްކެން. ބައްޕަ ބަދަލުވެއްޖޭ ކިޔައިގެން މަންމަ ހާދަ ބޮޑު ދޮގެކޭ ހެދީ. އަދިވެސް އެމީހާއަށް ނާދޭ ކުޑަވެސް ބަދަލެއް. ދެންމެވެސް އެދިޔައީނު މަންމައަށް ހެއްދެވި ނުހެއްދެވިއަށް ގޮވައިފަ."

"އެއީ ބައްޕަގެ މިޒާޖޭ." ފިރާޝާގެ ޖަވާބު ކުރެވެ.

ނިހާދުގެ ދިފާޢުގައި ފިރާޝާ ތެދުވުމުން ރީޝާ ހައިރާންވިއެވެ.

"ތީ މަންމަ ޤަބޫލުކުރާ ގޮތެއްނޫން. އޮޅުވައިލަން ނޫޅޭ. ދެންމެ ބައްޕަ ގޮވި ހުރިހާ އެއްޗެއް އަޑުއިވުނު." ރީޝާ ދިމާއަށް ބުނެލިއެވެ.

"މަންމައަށް މާފުކުރޭ." ފިރާޝާގެ ދެލޯ ކަރުނައިން ވިދައިގަތެވެ.

އެއީ ރީޝާ އެންމެ ކުޑައިރުންސުރެއް ފިރާޝާގެ އާދައެވެ. އަމިއްލަ ނަފުސު ކުށްވެރިކޮށްފައި މާފަށް އެދުމުން ހުރިހާ ކަމެއް ނިމުނީއެވެ.

"މަންމަ ނުޖެހޭނެ މާފަށް އެދޭކަށް." ރީޝާގެ ޖަވާބު ހަރުކަށްޓެވެ. "ތީ ވެސް އިންސާނެކޭ. މަންމަ ބައްޕަދެކެ ތިހާވަރަށް ބިރުގަންނަނީ ކީއްވެގެންތަ؟ ތި އަނިޔާއަށް ކިހާ ދުވަހަކު މަންމަ ކެތްކުރާނަންތަ؟ ތި ނޫން ގޮތެއް ހަމަނެތީތަ؟"

"ދަރިފުޅަށް ވެސް އެނގޭނު ބައްޕަ ނިންމައިފި ނިންމުމެއް ދެން ބަދަލެއްނުވާނެކަން. ބައްޕައަކީ ވަރަށް ގޮތުގައި ހުންނަ މީހެއްކަން."

ގޮތްހުސްވެ، ކުރިޔަށް ދާންވީ މަގު ބެދިއްޖެކަމަށް ފިރާޝާ ޤަބޫލުކުރަނީ މާ އަވަހަށެވެ. ގިނަ ދުވަހު އަނިޔާތައް ތަޙައްމަލުކުރަމުން ދިއުމުގެ ސަބަބުން އޭނާ ވަނީ ބަލިކަށިވެފައެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނެވެ. ފިރާޝާގެ އެގޮތްގަނޑު ބަދަލުކޮށްގެން ނޫނީ ނިހާދުގެ މައްޗަށް ކުރި ނުލިބޭނެކަން ރީޝާއަށް ޔަޤީންވެއެވެ.

"ތިޔެއް ނޫން މައްސަލައަކީ." ރީޝާ ނިކަން ރުޅިއައިސްފައި ގޮނޑިން ތެދުވިއެވެ. "މަންމަ މަގޭ ދެކެ ލޯބިނުވަނީ. އަނެއްކާ ވެސް މާލެ ފޮނުވައިލާ. މަ ފެންނަން ނެތިއްޔާ ހަމަޖެހިލައިގެން އުޅެވޭނުން. މިހާރު މަންމަގެ އެހެން ދަރިއެއްވެސް އެބަހުއްޓެއްނު."

ރީޝާގެ އެ މިޒާޖު ފެނިފައި ފިރާޝާ ވަރަށް އަޖައިބުވިއެވެ. މީގެ ކުރިން ރީޝާއަކީ އޭނާގެ ކުރިމަތީ ޗުއްޕު ވެސް ބުނަން ޖެހިލުންވި ކުއްޖެކެވެ.

"ދަރިފުޅާ. ތިހެންނުބުނޭ މަންމަ ކޮންމެ ދަރިއެއްދެކެ ވެސް ލޯބިވާނެ." ފިރާޝާ ވަރަށް ދެރަވެލައިފައި ބުންޏެވެ.

"އެހެންވީރު ރިޝާމް ކޮއްކޮދެކެ ލޯބިވާ ވަރަށް އަޅުގަނޑުދެކެ ވެސް ލޯބިވާކަން ސާބިތުކޮށްދީ." ފިރާޝާގެ ދެލޮލަށް ނަޒަރު ސީދާކޮށްލަމުން ރީޝާ ބުންޏެވެ. "އެކަން ވާނެތަ؟"

"ކިހިނެއް؟ މަންމަގެ ލޯތްބަށް ދަރިފުޅު ޝައްކުކުރަނީތަ؟" ރީޝާގެ މަޤުޞަދެއް ފިރާޝާއަކަށް ނުވިސްނެއެވެ.

"އަހަރެން މިބުނާ ކަމެއް ކުރެވޭނެތަ؟ ނުކުރެވޭނެތަ؟" ރީޝާގެ އަޑަށް ބާރުލައިފައި އެހިއެވެ.

ފިރާޝާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ. ޤަބޫލުކުރަން ދަތިވެފައި، ރީޝާގެ ރުޅިވެރިމޫނަށް ބަލަހައްޓައިގެން ފިރާޝާއަށް ހުރެވުނެވެ. އޭނާގެ ދެލޮލުގެ ކޮއެ ކަމުގައި ދެކެމުން އައި ދަރިފުޅަށް އައިސްފައި މިވަނީ ކޮންކަހަލަ ބަދަލެއް ހެއްޔެވެ؟ ފިރާޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އަނެއްކާވެސް ރީޝާ ސުވާލު ތަކުރާރުކުރިއެވެ. ފިރާޝާ ބޯ ޖަހައިލަމުން ޖަވާބު ދިނެވެ.

"މަންމަ ގޮސް ބައްޕަ ގާތުގައި ބުނޭ ދެން ރީޝާ މާލެއެއް ނުދާނެޔޭ. މާލެއެއް ނުފޮނުވާނަމޭ. ބައްޕަ އެކަމާ ދެކޮޅު ހެދިޔަސް މަންމަ ބޭނުންވާ ގޮތް ބައްޕަގެ ކުރިމަތީގައި ހާމަކުރޭ. އަޅުގަނޑު މާލެދާކަށް ބޭނުމެއްނޫން." ރީޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަދި ފިރާޝާގެ ޖަވާބަކަށް އިންތިޒާރުކުރިއެވެ. ފިރާޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"ދަރިފުޅު ތިއުޅެނީ މަންމަ ދިރިހުއްޓައި މަރައިލަންތަ؟ ބައްޕައާ ދެކޮޅު ހެދީމަ ވާނެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް ދަރިފުޅަށް." ފިރާޝާގެ އަޑުގައި ވަނީ ހިތާމައެވެ. މޮޅިވެރިކަމެވެ. ރީޝާ ރަށުގައި ބެހެއްޓުމަށް އޭނާއަށް ކުރެވޭނެކަމެއް ނުވިސްނޭތީއެވެ.

"އެހެންވެ މިބުނީ މަ ދެކެ މަންމަ ލޯތްބެއްނުވެޔޭ. މަންމަ ލޯބިވާނަމަ ފައިޓުކުރާނެ. މައިންނަކީ ކޮންމެ ކަމަކަށް ވެސް ކުރިމަތިލެވޭވަރުގެ ހިތްވަރުގަދަ ބަޔެކޭ ބުނާތީ އަޑުއިވެނީ. އެކަމަކު މަންމަ ތީ ބޮޑު ފިނޑިއެއް." ރީޝާގެ ވާހަކަ އެހިސާބަށް ދިޔައިރު އޭނާއަށް ރޮވިއްޖެއެވެ. ފިރާޝާ ދެއަތަށް ބޯ ހޫރުވަމުން ގާތަށް ޖެހިލުމާއެކު ރީޝާ ދުރަށް ޖެހިލިއެވެ.

"ފިނޑީކީ ވެސް ނޫން." ރީޝާ ރޮމުންރޮމުން ބުންޏެވެ. "މަންމަ ބޭނުންނުވަނީ އަޅުގަނޑު ރަށުގައި ހުންނަން. މަންމަވެސް ލޯބިވަނީ ރިޝާމް ކޮއްކޮދެކެ. އަޅުގަނޑު މާލެ ފޮނުވައިލައިފިއްޔާ ދުވަހަކުވެސް މަންމައާ ވާހަކައެއް ނުދައްކާނަން. ނުވެސް އުޅެން މިތާ ހުންނާކަށް ވެސް."

ރީޝާ ކަރުނަތައް ފޮހެމުން އެތަނުން ނުކުންނަން ހިނގައިގަތެވެ.

"ދަރިފުޅާ. ދެން ބޮޑާނުހާކާ އާދޭ. ސައިވެސް ނުބޮނީތަ؟" ފިރާޝާ ފަހަތުން ހިނގައިގަތެވެ.

"ބަނޑު ފުރިއްޖެ. މަންމަގެ ރަންދަރިއަށް ކާންދީ." ރީޝާ އެނބުރިފައި ބުނެލިއެވެ. ފިރާޝާ ހުރި ފިޔަވަޅު މައްޗަށް ގާވިއެވެ. އޭނާ އިތުރަށް އެއްޗެއް ބުނާނެ ފުރުޞަތު ވެސް ނުދީ ރީޝާ ދުވެފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

"މަންމާ ސޮރީ. މަންމަގެ ލޯތްބަށް ކުޑަވެސް ޝައްކެއް ނުކުރަން." ރީޝާ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލިއެވެ. އަދި އޭނާ ގަދަކަމުން ދެލޮލަށް ޖަމާކުރި ކަރުނަތައް ފޮހެލިއެވެ. އެއަށްފަހު މަންމައަށް ހިތްވަރެއް ލިބޭނެކަމުގެ އުންމީދާއެކު ހިނިތުންވެލިއެވެ.

ނަވީލްގެ ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ މަގުމަތީގައި ހުންނަ ޖޯލިފަތީގައެވެ. ފޯނު ހިފައިގެން އެޔަށް ގެއްލިފައި އިން ނަމަވެސް އޭނާގެ ނަޒަރު ޒިލޭބީގަސްދޮށުގެއިން އެއްފަރާތެއް ނުވެއެވެ. މެންދުރުގެ ހޫނުގަދަ އަވި މަގުތަކަށް ފެތުރިގަތުމުން އޭނާ ގޭތެރެއަށް ވަނެވެ. ދެން ވެސް އޭނާ އެ ގޯތީގެ މައިދޮރު ނުފެންނަ ހިސާބަކަށް ނުދެއެވެ. ގޯތީގެ އަސްކެނި ދަށުގައި ހުރި އުނދޯލީގައި އިނދެގެން ކެތްތެރިކަމެއްނެތި، އިންތިޒާރުކުރަމުން ދަނީ އެ ގޯތިން ރީޝާ ނުކުންނާނެ އިރަކަށެވެ. ނާދިރުކަމެކެވެ. އެހެނަސް އޭނާގެ ހިތް ބުނާ ކަހަލައެވެ. މިއަދު އޭނާއަށް އެކަން ކާމިޔާބުވާނެވެ.

"ދަރިފުޅާ. ނަވީލް." ރާއިދު ގޮވައިލި އަޑަށް ނަވީލް ހަމަޖެހިލައިފައި ބަލައިލިއެވެ.

"މިއަދު ކޮންކަމެއް ލައިގަނެގެން ތިއުޅެނީ؟" ރާއިދު އެހިއެވެ. "މިއަދު ގޭގައި ތިއުޅެނީ ކާކަށް ފާރަލާންވެގެން؟"

ބައްޕައަށް ޝައްކެއްވުމުން، ނަވީލް ހިސާބަކަށް ލަދުގަތެވެ.

"ފާރައެއްނުލަން. ކިހިނެއްތޯ ވީ؟" ނަވީލް ނޭނގޭކަމަށް ހެދުނެވެ.

ނަވީލްގެ މޫނަށް އަރައިގެން ދިޔަ ކުލަވަރު ރާއިދަށް ތަރުޖަމާކުރެވުނެވެ. ނަވީލްގެ ޒުވާން ހިތް ކޮންމެވެސް އަންހެން ކުއްޖަކު ވަގަށް ނަގައިފިކަން ރާއިދުގެ ތޫނުފިލި ސިކުނޑިން ދެނެގަތެވެ.

"ކަމެއްނުވޭ." ރާއިދު ނިންމީ ނަވީލް އިސްވެ، އެ ވާހަކަ ދައްކަންދެން މަޑުކުރުމަށެވެ. އަދި މަޢުޟޫ ބަދަލުކޮށްލިއެވެ. "މިއަދު އޮފީހަށް ވެސް ނުދާ ދުވަހެއްތަ؟"

"ބައްޕާ. ހާދަ ހަނދާން ބައްޔޭ ދޯ. އަޅުގަނޑު ޗުއްޓީގައެއްނޫންތޯ މިހުރީ." ނަވީލް ހިނި އައިސްފައި އިނދެ ބުންޏެވެ.

"މުސްކުޅިވާ ވަރަކަށް މިހެންވެސް ވާނެ." ރާއިދު ހީލައިފައި ނުކުމެގެން ދިޔައެވެ.

ހަވީރުގެ ވަގުތެވެ. ނަވީލް ކުރަމުންދިޔަ ދިގު އިންތިޒާރަށް ވެސް ނިމުން އަތުވެއްޖެއެވެ. ދިގު އިންތިޒާރުގެ ނިމުން ފޮންޏެވެ. ނަވީލަށް ޤަބޫލުކުރަން ދަތިވެފައި، ރީޝާއަށް ބަލަން އިނދެވުނީއެވެ. ލޯ މަތިން ގެއްލުމާއެކު އުނދޯލިން ފުންމާލައިގެން ގޮސް ފާރުމަތިން ބޯ ދިއްކޮށްލިއެވެ. ރިޝާމްގެ އަތުގައި ހިފައިލައިގެން ހުރެ، ރަނޑު ހިނގުމެއްގައި ރީޝާ ދިޔައީ އަތިރިއާއި ދިމާއަށެވެ. ރިޝާމް ލައިގެން ހުރީ މޫދަށް އެރޭއިރު ލާ ކަހަލަ ހެދުމެއްކަމުން، އެމީހުން އެދަނީ ކޮންތަނަކަށް ކަން ނަވީލަށް އެނގުނެވެ. އޭނާ އަވަސް އަވަހަށް ގެޔަށް ވަދެ، ގިޓާ ކޮނޑުގައި އަޅުވައިލައިގެން ބޭރަށް ނުކުތެވެ. އަދި ނިކަން ފޮނިފޮނި އުންމީދުތަކާއެކު މޫދަށް އެރޭ ދިމާއަށް މިސްރާބު ޖެހިއެވެ.

ހިތްގައިމު ދުވަހެކެވެ. އުޑުމަތި ސާފުވެފައި ކަނޑު މަޑެވެ. ހުދުހުދު ދޮންވެލިގަނޑު މަތީ އިށީނދެލައިގެން ރީޝާ އިނީ މޫދަށް ނަޒަރު ސީދާކޮށްލައިގެންނެވެ. ރިޝާމާއި އިތުރު ދެ ކުއްޖަކު މޫދުގައި ސަކަރާތް ޖަހަމުންދާ މަންޒަރު ބަލާށެވެ. އެއްވެސް ހުރަހެއް ނެތި ކަނޑުން އަންނަމުން ދިޔަ ފިނި ވައިރޯޅިތައް ރީޝާގެ ބުޅި އިސްތަށިގަނޑާ ސަމާސާކުރަމުން ދިޔައެވެ. މަންޒަރު ބަލަން ނަވީލް ހުރީ ދުރުގައެވެ. ކައިރިއަށް ދިޔުމަށް ހިތް އެދުނު ނަމަވެސް ޖެހިލުންވެފައެވެ. ޖީބުގައި އޮތް ފޯނަށް މެސެޖެއް އައުމުން އޭނާ ބަލައިލިއެވެ.

"ދުރުގައި ހުއްޓަސް ކާމިޔާބެއް ނުވާނެ. ހާދަ ފިނޑިއޭ ދޯ؟" އަކްޝަމްގެ މެސެޖެކެވެ.

ނަވީލް ފަރާތްފަރާތަށް ބަލައިލިއިރު ތަންކޮޅެއް ދުރުން އަކްޝަމް ފެނުނެވެ. އަކްޝަމް ހަނާ އަޅައިލިއެވެ. އަތުގެ އިޝާރާތުން ކުރިޔަށް ދިޔުމަށް ވެސް އެދުނެވެ. ނަވީލް ހިނިއައިސްފައި ހުރެ ރީޝާއާ ދިމާއަށް ދިޔައެވެ.

މީހެއްގެ ހިލަމެއްވީހެން ހީވެގެން ރީޝާ އެނބުރުނެވެ. ދާދި ގާތުގައި ހުރި ނަވީލް ފެނުމާއެކު އެ މޫނު ބަނަވެގެންދިޔަތަން ފެނިފައި، ނަވީލްގެ ހިތަށް ތަދުވިއެވެ.

"ހައި." ނަވީލް ހިނިތުންވެލިއެވެ.

ރީޝާ ހިތްހަމަނުޖެހިފައި، މޫނު އަނބުރައިލީ ދުރަށެވެ.

"އަހަރެން މިތާ އިށީދެލަންތަ؟" ނަވީލް އެހިއެވެ. އެ ސުވާލު ނަވީލްކުރީ ރީޝާގެ ޖަވާބެއް ލިބޭނެކަމުގެ އުންމީދު އޮވެގެނެއް ނޫނެވެ.

"މަ ގާތު އަހަންޖެހޭތަ؟ މިއީ މަގޭ މައިންބަފައިންގެ ތަރިކަ މުދަލެއްނޫނޭ. އެހެންނޫނަސް އެތަންތަނަށް ވެސް ހުއްދަ ނެތި ވަންނަ މީހަކު ތިތާ އިށީންނަން ހުއްދަ ހޯދަންޖެހޭނެތަ؟" ރީޝާގެ ޖަވާބު ހަރުކަށްޓެވެ.

"ހުއްދަ ލިބުނީކަމަށް ބަލައިފައި އިށީނީ މި." ނަވީލް ހީނގަތެވެ. ދެން ނަވީލްގެ އަޑެއް ނީވުނެވެ. ކުއްލިއަކަށް ހިމޭންކަން ވެރިވުމުން ރީޝާ ސިއްރުސިއްރުން ބަލައިލިއެވެ.

"އަހަރެން އެބަ އިނީމޭ." ނަވީލް އިނީ ރީޝާއަށް ބަލަހައްޓައިގެންނެވެ. ރީޝާ ވަރަށް ލަދު ގަތެވެ. އޭނާ މޫނު ކުނިކޮށްލައިފައި އަނެއްކާވެސް ދުރު ބަލަން ފެށިއެވެ.

ނަވީލް ގިޓާ މޭގައި ލައްކޮށްލައިގެން، އޭގެ ނަރުތަކުގައި ކޮށްޓަންފެށިއެވެ. ރީޝާއަށް ހީވީ އޭނާގެ ހިތުގައި ކޮށްޓައިލި ހެންނެވެ. އެ މަޑުމަޑު މިޔުޒިކުގެ އަޑު ޖައްވުގައި ގުގުމައިލިއެވެ. އަދި އިޝްޤީ ރާގަކަށް ލަވަ ކިޔަންފެށިއެވެ.

"ތި ރީތި މޫނު ބީހިލުން އެދޭ ތި ތުންފަތުން އުފާ ލިބުންއެދޭ. ހޯދަންދެވެނީ ލޯބިވާވަރުން. ހިތްއެދޭވަރުން. ހިތްކިޔާވަރުން." ރާގާއި އެއްވަރަށް ހިތްގައިމު އަޑަކުން ނަވީލް ކިޔަމުން ދިޔައެވެ.

ރީޝާގެ ދެފައިކޮޅުން ހީލިކަރުވާ ކަހަލަ ގޮތެއްވިއެވެ. އޭނާއަށް ނޭނގި ނަމަވެސް އެ އަޑުގެ ޖާދޫގައި ޖެހެވުނެވެ. އެ މަސްތީ އަޑުގައި ރަނގަޅަށް ޖެހި ފުން ކަނޑަކަށް ޣަރަޤުވިއެވެ. ހަމަ އެވަގުތެވެ. މޫދުގައި އޮތް ރިޝާމް އަކުނިވަޔަށް ދަމައިގަތެވެ. ދެފައި ތަޅުވައިލަން މަސައްކަތްކުރި ނަމަވެސް އެޅި ވޭނަށް ކެތްނުވެގެން އެކަން ވީ ނާކާމިޔާބެވެ. ހަޅޭލަވައިގަންނަން އުޅެނިކޮށް ލޮނުގަނޑު ތެރެއަށް ގެނބިގެން ދިޔައެވެ.

އެއްގަމުގައި ތިބި ނަވީލާއި ރީޝާއަކަށް އެމަންޒަރެއް ނުފެނެއެވެ. ނަވީލް އިނީ ލޯ މަރައިގެންނެވެ. ރީޝާ އިނީ ގެއްލިފައެވެ. މޫދުގައި އުޅުނު ކުދިންތައް ހަޅޭލަވައިގަތް އަޑަށް އެ ދެމީހުން ބަލައިލީ އެކު އެކީގައެވެ. ރީޝާއަށް ފުންމައިގެން ތެދުވެވުނުއިރު، ނަވީލް ގިޓާ އެއްލައިލައިފައި ގޮސް، މޫދު ތެރެއަށް ފުންމައިލައިފިއެވެ. ބާރަށް ފަތާލައިފައި ގޮސް ރީޝާމްގެ އަތުގައި ހިފައިގެން އެއްގަމަށް އެރިއެވެ.

ރިޝާމްގެ ބުރިކަށިމަތީގައި ނަވީލް ތަޅައިގަތުމާއެކު، ދެތިން ފަހަރަކު ކެއްސައިލައިފައި ބޮވުނު ލޮނުތައް ބޭރުކޮށްލިއެވެ. ރީޝާ ދުވެފައި އައިސް ރިޝާމް ގައިގައި ބައްދައިލިއެވެ. ރިޝާމްގެ ފައި އެގޮތް މިގޮތަށް ހަދައިގެން އަކުނިވަޔަށް ދެމުން ރަނގަޅުކޮށް ދިނީވެސް ނަވީލެވެ. އެޔަށްފަހު ރިޝާމްގެ ބުރިކަށީގައި ފިރުމައިލައިފައި، ރަނގަޅުތޯ ސުވާލުކޮށްލިއެވެ. ނަވީލްގެ އެ އޯގާތެރިކަމާއި އަޅައިލުމުގެ ސިފަ ފެނި، ފުރަތަމަ ފަހަރަށް ރީޝާގެ ހިތުން ފިރިހެނަކަށް ތަޢުރީފު ކުރެވުނެވެ. މިއަދު ނަވީލް ނެތްނަމަ، ގެއަށް ގެންދަންޖެހޭނީ ރިޝާމްގެ ފުރާނަނެތް މަސްގަނޑެވެ. ނަވީލަށް ޝުކުރު ޙައްޤެވެ.

"ތޭންކްސް." ރީޝާ ގެއަށް ދިޔުމަށް ހިނގައިގަނެފައި، އެނބުރި ނަވީލަށް ބަލައިލަމުން ބުނެލިއެވެ. ނަވީލްގެ ހިތްއުފަލުން ނަށައިގަތެވެ. އެއީ ރަނގަޅު ފެށުމެއްކަމުގައި ނަވީލްގެ ހިތް ބުނެލިއެވެ.

ހެނދުގެ ވަގުތުގައި ދެމައިންގެ މެދުގައި ޖެހުނު ކުންޏަށްފަހު، ރީޝާ އެއްވެސް ވަރަކަށް ފިރާޝާއާ ވާހަކައެއް ނުދައްކައެވެ. ފިރާޝާ ވާހަކަ ދެއްކުމަށް މަސައްކަތްކުރި ވެސް މެއެވެ. ރީޝާ އެ ފުރުޞަތު ނުދިނީއެވެ. ރީޝާގެ އޮތީ އެންމެ ބޭނުމެކެވެ. ފިރާޝާއަށް ހިތްވަރު ދިނުމެވެ.

ރީޝާ ދެއްކި ވާހަކަތަކަށް ފިރާޝާ ނުހަނު ފުންކޮށް ވިސްނިއެވެ. އެ ދަރިފުޅުގެ ހިތުގައި އެ އުފެދުނު ޝައްކާއި ވަހުމު ދުރުކޮށްދޭން އޭނާގެ ހިތްއެދުނެވެ. ނިހާދުގެ ފަރާތުން ކޮންމެ ޖަވާބެއް ލިބުނަސް އޭނާ ބޭނުންވާ ގޮތް ނިހާދުގެ ކުރިމަތީގައި ހުޅުވައިލުމަށް ފިރާޝާ ނިންމިއެވެ. ނަމަވެސް އެ ނިންމުމަށް ޢަމަލީ ސިފައެއް ގެނައުން، ވީ ފިރާޝާ ހީކުރިވަރަށްވުރެ އުނދަގޫކަމަކަށެވެ. ނިހާދު ފެނުނަސް އޭނާގެ ހިތް ބިރު ގަންނަނީއެވެ. ތުރުތުރުއަޅަނީއެވެ. ރީޝާއަށް ކުރިމަތިވެދާނެ ދުއްތުރާއަކަށް ވިސްނާފައި، ފަސްޖެހެވެނީއެވެ. ރީޝާ މާލެ ފޮނުވައިލުމަށް މަޖުބޫރުވި ހާދިޘާ ފިރާޝާގެ ހަނދާނަކުން ނުފޮހެވެއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތެވެ. ދޮރުކަނީގައި ލެނގިލައިގެން ފިރާޝާ ހުރީ ހިތުގައިވާ ވާހަކަތައް ދުލުކުރިއާ ހަމައަށް ގެންނާނެ ގޮތެއް ނޭނގިފައެވެ. ނިހާދު ކައިގެން އަތްދޮންނަން ދިޔައިރު ވެސް އޭނާއަށް އެންމެ ލަފުޒެއް ވެސް ބޭރެއް ނުކުރެވެއެވެ.

"ކޮބާ ރީޝާއާ އެ ވާހަކަ ދައްކައިފިންތަ؟" ތުންފުހިން ތުން ފޮހެލަމުން ނިހާދު އެހިއެވެ.

"ނޫން." ފިރާޝާއަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ. "ރީޝާ މާލެ ފޮނުވައިލާކަށް ބޭނުމެއް ނޫން."

ނިހާދު ފިރާޝާއަށް ބަލައިލީ ޤަބޫލުކުރަންދަތިވެފައިވާ ނަޒަރަކުންނެވެ.

"ކީކޭ؟" ނިހާދު ހީކުރީ އޭނާއަށް އިވުނު ގޮތް ގޯސްވީ ކަމަށެވެ. ދެވަނަ ފަހަރަށް އެ ބަސްތައް ތަކުރާރުކުރާނެ ހިތްވަރު ހޯދުން ފިރާޝާއަށް ވީ އުނދަގޫކަމަކަށެވެ. އޭނާގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް އުފައްދައިލިއެވެ.

"ރީޝާ. ރީޝާ. ދެން. މާލެ. މާލެއެއް ނުދާނެ. އޭނަ ދެން ހުންނާނީ މި ރަށުގައި." ފިރާޝާ ވަރަށް އުނދަގުލުން ބުންޏެވެ.

ނިހާދުގެ ބަރު އަޑުން ނިކަން ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑު ރީޝާއަށް އިވުމާއެކު ދުވެފައި ކޮޓަރިން ނުކުމެގެން އަޔެވެ. އޭރު ނިހާދު ހުރީ ފިރާޝާއަށް ވާހަކަ ނުދެއްކޭވަރަށް ފިރާޝާގެ އަނގަޔަށް ފިތައިލައިގެންނެވެ. އެ ރުޅިވެރި ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. ރީޝާ އެ މަންޒަރުތައް ފޯނުގައި ރައްކާކުރިއެވެ.

"އަދި އެއްފަހަރު ބުނެބަލަ." ފިރާޝާ ފަހަތަށް ކޮށްޕައިލަމުން ނިހާދު ބާރަށް ބުނެލިއެވެ.

"އެއީ ވެސް އަހަރެންގެ ދަރިއެއް. މިހާ ދުވަހު މަށާ ދުރުގައި އުޅެފައި އަންނައިރަށް އޭނަ ފޮނުވައެއް ނުލެވޭނެ. ކަލޭ ބޭނުންވިޔަސް މަށެށް ބޭނުމެއްނޫން ފޮނުވައިލާކަށް." ފިރާޝާ ދިމާއަށް ބުނެލިއެވެ. ދޮރުމަތީގައި ހުރި ރީޝާ ފެނުމުން، ރީޝާއަށް ކަމެއް ސާބިތުކޮށް ދިނުމަށް ފިރާޝާ ބޭނުންވީއެވެ. އެކަމުން ނުކުންނާނެ ނަތީޖާ ހިތިވާނެކަމާމެދު ވިސްނައިލުމެއް ނެތިއެވެ. ރީޝާގެ ކުރިމަތީގައި ނިހާދަށް ރައްދުދިނުން ވެގެން ދިޔައީ އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމަކަށެވެ. ނިހާދުގެ ފިރިހެންވަންތަކަމަށް އެކަމުން މަލާމާތް ލިބިއްޖެއެވެ. އެޔާއެކު އޭނާގެ ރުޅި ސަތޭކައަށް އެރިއެވެ.

"ހަޔާތްކުޑަ **** މަގޭ ކުރިމަތީ އަނގަނުގަޅާތި." ނިހާދު ފުންމައިގެން ގޮސް ފިރާޝާގެ އިސްތަށިގަނޑުގައި ހިފައި އިދިފުށަށް ދަމައިގަތެވެ. އަދި ގޮށް މުއްކަވައިފައި ފިރާޝާގެ އަނގަމަތީގައި ޖެހި ޖެހީނުން އަނގަމަތި ފަޅައިލިއެވެ. ރީޝާއަށް ހަޅޭލަވައިގަނެވުނެވެ. ދެވަނަ ފަހަރަށް ޖަހަން މަޅައިލުމާއެކު ރީޝާ ދުވެފައި ގޮސް އެ ދެމެދަށް ވަނެވެ. ނިހާދުގެ އަތް ފިރާޝާގެ އިސްތަށިގަނޑުން މިނިވަންކުރުމަށް ރީޝާ އުޅުނެވެ. އެޔާއެކު ނިހާދުގެ ދެވަނަ ހަމަލާ އަމާޒުވީ ރީޝާގެ ކަންކަށި މައްޗަށެވެ. ރީޝާ ގާތަށް ރުޅިއަޔެވެ. ދެއަތް މުއްކެވިގެން ދިޔަ ވަގުތު ބަލާކަށް ނުހުރެ، ނިހާދު އަނގަމަތީގައި ޖެހުނު އެންމެ ބާރަކަށް ޖެހިއެވެ. އެ އަނގައިން އާޚްގެ އަޑު ނުކުމެގެންދިޔައެވެ.

"ތި އެއްޗަށް މިހާރު އިޙްސާސްވާނެ މިތަދު ވެސް." ރީޝާ ފެލިގަތެވެ. އެކަމުން ފިރާޝާއަށް ލިބުނު ޝޮކަށްވުރެ ވަރުގަދަ ޝޮކެއް ލިބުނީ ނިހާދަށެވެ.

(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙުގފގހ

    ވަރަށް ރީތި????????

    18
    1
  2. Anonymous

    ނަ އިސް?????

    11
  3. ާަައަޒޫ

    ހާދަލަހޭ.... އަވަސްކޮއްދީބަ?????

  4. އަސްލު

    Varah Las baithah libey ley ??

  5. ާަައަޒޫ

    މިއަދު ހާދަ އިންތިޒާރެއް ކުރެވިއްޖޭ...... ދެން އަޕް ކޮއްބާ ޕުލީސް????....