ފުރަބަންދުގައި ކޮވިޑް-19 އާ ގުޅިގެން ގޭގައި ތާށިވެފައި ތިބެން ޖެހުމުން ގިނަ މީހުންނަށް ވަނީ އެކަނިވެރިކަމާއި މޮޅިވެރިކަން ލިބިފައެވެ. އަދި މިވަގުތު ކޮންމެހެން މަސައްކަތަށް ނުކުންނަން ޖެހޭ މީހުންނަށް ވެސް މިއީ ދަތި ވަގުތުތަކެކެވެ. މިފަދަ ވަގުތުތަކުގައި މަޖާ ކޮންމެވެސް ކަމެއްގައި މަސްއޫލުވުމަކީ، މީހުންނަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިއްބައިދޭނެ ކަމެކެވެ.

އިނގިރޭސި ވިލާތުގައި މަސައްކަތް ކުރާ ޕޯސްޓް މޭންއެއް ކަމަށްވާ ޖޯން މެޓްސޮން މި ފުރަބަންދުގައި ބަލަނީ ވީހާވެސް ގިނަ ބަޔަކު ހެއްވާލެވޭތޯއެވެ. ފާއިތުވި 4 އަހަރު ޕޯސްޓް މޭންއެއްގެ ވަޒީފާ އަދާކުރަމުން އައި ޖޯން ބުނާ ގޮތުން އޭނާ އޭނާގެ ވަޒީފާ ދެކެ ވަރަށް ލޯބިވެއެވެ.

އޭނާގެ މުޖުތަމައުއަށް މި ވަގުތު ކުޑަ ނަމަވެސް އުފާވެރިކަމެއް ގެނެސްދޭން އޭނާ ބޭނުންވިއެވެ. ތަފާތު އެކި ގޮތް ގޮތަށް ވިސްނުމަށް ފަހު އޭނާ ނިންމީ ކޮންމެ ދުވަހަކު ވެސް ގޭގެ އަށް ލިބެން ޖެހޭ މެއިލްތައް ދިނުމަށް ދާއިރު ތަފާތު ގޮތަކަށް ހެދުން އެޅުމަށެވެ.

ޖޯން ހެދުން އަޅާ ގޮތް މަޖާކަމުން ބައެއް މީހުން އޭނާ މެއިލް ހިފައިގެން އަންނަ ގަޑިއަށް ބޭރަށް ނުކުމެ ތިބެއެވެ. އެއީ އޭނާގެ ހެދުން އެޅުމުގެ ތަފާތު ވައްޓަފާޅި ބަލާލުމަށެވެ.

ތަފާތުކޮށް ހެދުން އެޅުމުގެ އިތުރުން އޭނާ އެ ދުވަހެއްގައި ހެދުން އަޅާ ކެރެކްޓައަކާ އެއްގޮތަށް ވާހަކަދެއްކޭތޯ ވެސް ޖޯން ދަނީ ބަލަމުންނެވެ.

ޖޯން ބުނާ ގޮތުން އޭނާގެ މަސައްކަތާއި ހުރެ ކުޑަ ނަމަވެސް ހިނިތުންވުމެއް އެހެން ބަޔަކަށް ލިބޭނަމަ އޭނާގެ މަގްސަދު ހާސިލްވީއެވެ.

"ފުރަތަމަ ފެށި އިރު ބިރުން ހުރީ މީހުން ރިއެކްޓް ކުރާނެ ގޮތެއް ނޭނގޭތީ. މަގުމަތިން މެއިލް ހިފައިގެން ދާއިރު ވެސް މީހުން ބަރުގަނު ވެސް އަޅާނެ. މީހުންނަށް ވަރަށް ކަމުދޭ." ޖޯން ބުންޏެވެ.

ޖޯން ބުނީ އޭނާ ހެދުންތައް ހޯދަނީ ކުރިން ޚާއްސަ ދުވަސްތަކާއި ދިމާކޮށް ފަހާފައި ހުރި ހެދުންތަކާއި ކައިރި ތިއޭޓަރުތަކުން ކަމަށެވެ.

އަދި ބައެއް ފަހަރު ލަވަ ކިޔާ ދީގެން މީހުންގެ މޫޑު ރަނގަޅުކުރެވޭތޯ ބަލާ ކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު