ކޮމެޑީ ޝޯވ ޗޯޓޭ މިޔަން އިން ފިލްމީ ދާއިރާއަށް ނުކުތް މޯހިތް ބަގެލް ކެންސަރު ބަލީގައި މަރުވެއްޖެއެވެ.

އޭނާ މަރުވިކަން ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ރާޖް ޝާންދިލިޔާ ވަނީ ކަށަވަރުކޮށްދީފައެވެ.

އޭނާ ކުރި ޓްވީޓެއްގައި ވަނީ،މޯހިތް މި ދުނިޔެ ދޫކޮށް ދިޔައީމާ އަވަހަށް ކަމަށް ބުނެފައެވެ.

"އަހަރެން ބުނިން މުޅި ފިލްމް އިންޑަސްޓްރީ މަޑުކޮށްގެން ހުރީ، މޯހިތް ރަނގަޅުވެގެން އަންނަންް ދެންނޭ، އެއިރުން އަނެއްކާވެސް ޝޫޓިންގތައް ފެށޭނީ. މޯހިތްގެ އެކްޓިންގ ވަަރަށް މޮޅު، އެހެންވެ އަހަރެން މަޑުކޮށްގެން ހުރީ އަހަރެންގެ ދެން އޮތް ފިލްމްގައި މޯހިތްއަށް ފުރުސަތު ދޭން". ކޮމެޑީ ސާރކަސް އާއި ކޮމެޑީ ނައިޓް ވިތް ކަޕިލްގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ރާޖް ބުނެފައި ވެއެވެ.

އަޔުޝްމަން ޚުރަންނާ ފެނިގެން ދިޔަ ޑްރީމް ގާލް އިން ޑައިރެކްޝަންގެ ދާއިރާއަށް ނުކުތް ރާޖް ވަނީ މޯހިތް އާއެކު އޭނާގެ ދެން އޮތް ފިލްމަށް ސޮއިވެސް ކޮށްފައެެވެ. އަދި މޯހިތް ވަނީ ރާޖް އަކީ އޭނާގެ މެންޓަރ ކަމަށްވެސް ބުނެފައެވެ.

މޯހިތް ވަނީ ރާޖް އާއެކު ކޮމެޑީ ސާކަސްއިން ވެސް ފެނިގެން ގޮސްފައެވެ.

ކުޑައިރުން ފެށިގެން ފިލްމީ ދާއިރާއަށް ނުކުތް މޯހިތްގެ އެކްޓިންގ ހުނަރު ފެނި ބޮލީވުޑްގެ ސުޕަރ ސްޓަރ ސަލްމާން ޚާން ވަނީ އޭނާގެ ފިލްމް ރެޑީގައި މަސައްކަތް ކުރުމަށް މޯހިތްއަށް ފުރުސަތު ދީފައެވެ. އަދި މޯހިތް ވަނީ ސިދާތް މަލްހޮޓްރާ އާއި ޕަރިނީތީ ޗޯޕްރާއާއެކު ޖަބަރިޔާ ޖޯޑީގައި މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު