ކޮވިޑް-19 ދުނިޔެ ފަތަހަ ކުރަމުން ދާއިރު، ބަލި ޖެހި މަރާއި ހަނގުރާމަކޮށް، ރަނގަޅުވި މީހުންގެ ތެރެއިން ވެސް ވަކިން ހާއްސަ ގޮތެއްގައި ފާހަގަ ކުރެވޭ މީހުންނާއި ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ ބްރެޒިލްގެ ރިއޯޑީ ޖެރީރޯއަށް ނިސްބަތްވާ ޑޮމް އެވެ.

ރިއޯގައި ހުންނަ ޕްރޯ ކާޑިކޯ ނަމަކަށް ކިޔާ ހޮސްޕިޓަލްގައި ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް ފަހު އުމުރުން ފަސް މަހުގެ ޑޮމް މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭނާ ވަނީ ޖުމްލަ 54 ދުވަސް ހޮސްޕިޓަލްގައި ހޭދަކޮށްފައެވެ. އޭގެ ތެރެއިން 32 ދުވަސް ހޭދަކުރީ ކޯމާއެއްގައެވެ.

ޑޮމްގެ ބައްޕަ ވެންގާ އަންޑްރޭޑް "ސީއެންއެން" އަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅު ފުރަތަމަ ޑޮކްޓަރަށް ދެއްކީ ނޭވާލާން އުނދަގޫ ވެގެން ކަމަށެވެ. "ޑޮކްޓަރު ފުރަތަމަ ވިދާޅުވީ އިންފެކްޝަންއެއް ކަމަށް. އެހެންވެ ބޭސް ދިނުމަށް ފަހު ދޫކޮށްލި. ނަމަވެސް ދުވަހަކަށް ވުރެ ދުވަހަކު ހާލަތު ދަށަށް ދާން ފެށުމުން އަނެއްކާވެސް ޑޮކްޓަރަށް ދައްކައި ޓެސްޓް ހެދި. އޭރު ދަރިފުޅަށް ވަނީ ކޮރޯނާވައިރަސް ޖެހިފައި." ވެންގާ ބުންޏެވެ.

ޑޮމް ހޮސްޕިޓަލުން ދޫކޮށްލި ފަހުން އޭނާ ވަނީ އުމުރުން ހަމަސް ފުރުން ފާހަގަ ކޮށްފައެވެ. ހަމަސް ފުރުން ފާހަގަ ކުރަން ބޭއްވި ޕާޓީގައި ވީޑިއޯ ކޯލް މެދުވެރިކޮށް ދުރުގައި ތިބި އާއިލާ މެންބަރުން ވެސް ބައިވެރިވިއެވެ.

ޑޮމްގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ދަރިފުޅުގެ ފުރާނަ ސަލާމަތް ވެދާނެ ކަމުގެ އުއްމީދު އެއްކޮށް ގެއްލުނު ކަމަށެވެ.

"އަހަރެން ހިއެއް ނުކުރަން ދެން ދަރިފުޅު އުރާލަން ފުރުސަތު ލިބިދާނެ ކަމަކަށް. ފާއިތުވި ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް އަހަރެމެން ހޭދަކުރީ ކޮންމެ ވަގުތަކު ވެސް ދަރިފުޅު އަހަރެމެންނާއި ވަކިވެގެން ހިނގައިދާނެ ޚަބަރު ލިބިދާނެ ކަމަށް ބިރުން ތިބެ." ޑޮމްގެ މަންމަ ބުންޏެވެ.

ބްރެޒިލް އަކީ މިހާރު އެންމެ ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ އެއް ގައުމެވެ. ބްރެޒިލް އިން މިހާތަނަށް އެއްއަހަރު ނުފުރޭ 25 ކުއްޖަކު ކޮވިޑް-19 ޖެހިގެން މަރުވެފައިވާ ކަމަށް ރަސްމީ މައުލޫމާތުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު