އެމެރިކާގައި ކަޅު ނަސްލުގެ މީހަކު މަރާލި ހާދިސާ އާއި ގުޅިގެން ހަމަނުޖެހުން ބޮޑު މުޒާހަރާތައް ކުރިޔަށްގެންދާތާ ވަނީ ދުވަސްތަކެއް ވެފައެވެ. މި މުޒާހަރާތައް ތެރެއިން ބައެއް މީހުން ތަކެއްޗާއި ތަންތަނަށް ގެއްލުންދީ އަވައްތައް ސުންނާފަތި ކުރަމުން ދާއިރު، އެކަމުގެ ދަތިތަކާއި ވެސް ގިނަ ބަޔަކު ދަނީ ކުރިމަތިލަމުންނެވެ.

ނިއުޔޯކުގެ ބަފަލޯ ސިޓީއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އެންޓީނޯ ގައިން އަކީ ވެސް ކަޅުނަސްލުގެ މީހެކެވެ. ފްލޮއިޑް މަރާލި ހާދިސާ އޭނާވެސް ކުށްވެރި ކުރާއިރު، މި ހާދިސާ އާއި ގުޅިގެން މުޒާހަރާކުރާ ބައެއް މީހުން ތަންތަނަށް ގެއްލުންދެމުންދާ ދިއުމަށް އޭނާ ނޭދެއެވެ.

އެންޓޯނިއޯ ވަނީ އޭނާ ނިސްބަތްވާ އަވަށުގައި ކުރި މުޒާހަރާ ނިމުނު ފަހުން ގިނަ ބަޔަކަށް މިސާލު ދައްކާފައެވެ. އެގޮތުން އަވަށުގެ މަގުތައް ސާފުކޮށް، އާންމުންނަށް އެމަގުތައް އަލުން ބޭނުންކުރެވޭނެ ގޮތެއް ހެދުމުގެ މަސައްކަތް ކުރަމުން ދިޔައީ އަމިއްލައަށް އިސްނަގައިގެން އެކަނިމާއެކަންޏެވެ.

އެންޓޯނިއޯ ބުނެފައިވާ ގޮތުގައި އޭނާ މަގުތައް ސާފުކުރަން ފެށީ، ޚަބަރުތަކުން މަގުތަކުގެ ހާލަތު ފެނުމުން ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު މަގުތަކުގައި ދަތުރުކުރަން އޭނާގެ އަވައްޓެރިންނާއި އަވަށުގައި އުޅޭ މީހުންނަށް އުނދަގޫވާނެކަން އެނގޭތީ މަސައްކަތް ފެށީ އެންމެން ހޭލުމުގެ ކުރިން ސާފުކޮށް ނިންމުމަށް އުންމީދުކޮށްގެން ކަމަށެވެ.

އެންޓޯނިއޯ އޭނާގެ އަވަށުގެ މަގުތައް ސާފުކުރަން ފެށީ މުޒާހަރާއަށްފަހު އެރޭ ދަންވަރު 2:00 ހާއިރުއެވެ. އެއަށްފަހު މެދުކެނޑުމެއް ނެތި ދިހަގަޑިއިރު ވަންދެން އޭނާ އެ މަސައްކަތުގައި އުޅުނު މަންޒަރު ގިނަ ބަޔަކަށް ފެނިގެން އެވާހަކަ ދައްކާފައި ވެއެވެ.

މިކަމާއި ގުޅިގެން އެ އަވަށުގައި އިޖުތިމާޢީ ކަންކަން ހިންގުމަށް އުފައްދާފައިވާ ޖަމިއްޔާއަކުން ވަނީ އޭނާ ކުރި މަސައްކަތުގެ އަގު ވަޒަންކޮށްފައެވެ.

ނިކަމެތި ހާލުގައި އުޅެމުންދިޔަ އެންޓޯނިއޯ އޭގެ އަނެއް ދުވަހު ހޭލިއިރު އޭނާއަށް ލިބުނީ ހީވެސް ނުކުރާފަދަ "ސަޕްރައިޒް" އެއް ކަމަށް އޭނާ ބުނެފައި ވެއެވެ. ޖަމިއްޔާގެ ފަރާތުން އޭނާ ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ހަދިޔާކުރީ އަބަދުވެސް އެންމެ ބޭނުންވާ ބްރޭންޑުގެ ސްޕޯޓްސް ކާރެކެވެ. އަދި މަތީ ތައުލީމު ހާސިލް ކުރުމުގެ ސްކޮލާޝިޕެއްވެސް އެ ޖަމިއްޔާގެ ފަރާތުން އޭނާއަށް ވަނި ދީފައެވެ.

މިކަމާއި ގުޅިގެން އެންޓޯނިއޯ ބުނެފައިވަނީ، މިއީ މިހާތަނަށް އޭނާ ކުރި މަސައްކަތެއްގެ އަގު މިފަދަ ގޮތަކަށް ބަޔަކު ވަޒަންކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި އެ ހަދިޔާގެ ސަބަބުން އިޖުތިމާއީ މަސައްކަތްތައް ކުރުމަށް އިތުރު ހިއްވަރެއް ލިބިގެން ހިނގައްޖެ ކަމަށް އޭނާ ބުނެފައި ވެއެވެ. އެންޓޯނިއޯ މިހާރު ނިންމައިގެން ހުރީ، ކިޔެވުން ނިންމުމަށްފަހު މަގުތަކާއި ތަންތަން ސާފުކުރާ ކުންފުންޏެއް އުފައްފައި އަވަށަށް ޚިދުމަތް ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު