ދުނިޔެއަށް މީގެ ފަސް ވަރަކަށް މަސް ކުރިން ފެތުރިގެން ދިޔަ ކޮވިޑް-19 އިން މުޅި ދުނިޔެ ބަދަލުވެފައިވާ ކަމަށާއި، މިއީ މިހާތަނަށް ދުނިޔެ ދެކޭ މިފަދަ އެންމެ ބޮޑު ނުރައްކާ ކަމަށް އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝިއަސް ޑިޒީޒެސްގެ ޑިރެކްޓަރ، ޑރ. އެންތަނީ ފައުޗީ ވިދާޅުވެއްޖެ އެވެ.

ބަޔޯ އިންޓަނޭޝަނަލް ކޮންވެންޝަން ހަރަކާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. ފައުޗީ ވިދާޅުވީ، ކޮވިޑް-19 ފަދަ ބައްޔެއް ދުނިޔޭގައި ފެތުރި ދިއުމަކީ އަބަދުވެސް އޭނާ ވަރަށް ކަންބޮޑުވެފައި ހުރި ކަމެއް ކަމަށާއި، އެންމެފަހުން އެ ހާލަތާއި ވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މި ވައިރަސްގެ ނުރައްކާތެރިކަން ހާމަކޮށް ޑރ. ފައުޗީ ވިދާޅުވީ، ދުނިޔޭގައި ފެތުރޭ އެޗްއައިވީ އާއި އެބޯލާ ފަދަ ބަލިތަކަކީވެސް ނުރައްކާތެރި ބަލިތައް ކަމަށާއި، ނަމަވެސް ކޮވިޑް-19 އަކީ އެ ހުރިހާ ބައްޔަކަށްވުރެ އެތައް ގުނައެއް ނުރައްކާ ބޮޑު ބައްޔެއް ކަމަށެވެ. އެއީ މި ބަލި ދުނިޔޭގައި ފެތުރެމުންދާ ހަލުވިކަމާއެކު ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތް މިންވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ފައުޗީ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން މުޅި ދުނިޔެ ބަދަލުވެގެން ދިޔައީ ހަތަރުވަރަކަށް މަސް ދުވަސް ތެރޭގައި ކަމަށެވެ. އެގޮތުން މި ހަތަރު މަސް ތެރޭގައި އެތައް މިލިއަން ބަޔަކު ބައްޔަށް ފައްސިވެ، އެތައް ލައްކަ ބަޔަކު މަރުވެ ދިއުމަކީ މި ބަލީގެ ނުރައްކާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ފައުޗީ އިތުރަށް ވިދާޅުވެފައި ވަނީ ކޮވިޑް-19 ފެތުރިގެން ދިޔައީ ހީވެސް ނުކުރާ ފަދަ ގޮތަކަށް ކަމަށެވެ. އަދި މީގެ ކުރިން މިފަދަ ހާލަތަކަށް ދުނިޔެ ތައްޔާރުވެފައި ނެތްއިރު، އަދި މި ބަލިމަޑުކަމުގެ ނުރައްކާ ކުރިޔަށް އޮތް ކަމަށް ޑރ. ފައުޗީ ވިދާޅުވިއެވެ.

މީގެ ކުރިން ދުނިޔޭފައި ފެތުރިފައި ނުވާވަރުގެ މި ބަލިމަޑުކަން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކަށް ނުވަތަ ސަރަޙައްދަކަށް ފެތުރިފައި ވެއެވެ. މިގޮތުން މިހާތަނަށް ޖުމްލަ 7.3 މިލިއަން އަށްވުރެ ގިނަ މީހުން ފައްސިވެ މި ބަލީގައި 4 ލައްކައަށްވުރެ ގިނަ މީހުން ދުނިޔެއިން ވަނީ މަރުވެފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވޮޑް-19 ގެ ނުރައްކާ މިވަގުތު އެންމެ ބޮޑު ޤައުމަކީ އެމެރިކާއެވެ. އެޤައުމުން އެކަނިވެސް މިހާތަނަށް ދެމިލިއަން މީހުންނަށް ބަލި ޖެހި، 114000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެމެރިކާގެ އިތުރުން މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ބްރެޒިލް އާއި ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު