އިރުގެ އަލިކަން މުޅި ދުނިޔެއަށް ހަނާ އަޅަމުން ގޮސް، އއ.ތޮއްޑޫގެ ރަށުގެ ތެރެއަށް ފެތުރިގެން ގޮސްފިއެވެ. އިލޮށިފަތި ހިފައިގެން ރައުނާ ބޭރަށް ނުކުތީ ގޭގެ އިމާއި ގުޅިފައިވާ މަގުތައް ކުނި ކަހައި ސާފުކުރުމަށެވެ.

"ރައުނާ.. ބަލަ ރައުނާ.." ރައުނާއާ ދިމާލަށް ދުވަމުން، ތެޅެމުން ފޮޅެމުން އައީ އޭނާގެ ދައްތަ ކަމުގައިވާ ރިހުލާއެވެ.

"ބަލަ ކިހިނެއްތަވީ؟ ތަނެއްގަ ރޯވީތަ؟" އިލޮށިފަތި ކިހިލީގައި ޖަހައިލަމުން ރައުނާ އަހައިލީ ހައިރާން ކަމާއި އެކުގައެވެ.

"އާނ. އަހަރެންގެ ހިތުގަ ރޯވީ. މި އަލިފާންގަނޑު ނިވެން އޮތީ މި ހަދިޔާތައް އަހަރެންނަށް ލިބިގެން." ރިހުލާ ދިޔައީ ފުންކޮށް ނޭވާ ލަމުންނެވެ. ރިހުލާގެ އަތުގައި އޮތް ފޯނު ހުޅުވައިލަމުން އިންސްޓަގްރާމަށް ވަދެލިއެވެ.

"ބަލާބަލަ! އެއްކަލަ މަޝްހޫރު ފައިސަލް. މި ޕޯސްޓަށް ލައިކެއް ދީފަ.. ކޮމެންޓެއް ކޮށްލީމަ އެތައް ހާސް ރުފިޔާ އެއްގެ އަގުހުރި ހަދިޔާތައް.. އޯމައިގޯޑް." ހުރި ތަނުގައި ހުރެ ރިހުލާ ފުންމަމުން ގެންދިޔައެވެ. ރިހުލާގެ ހަރަކާތްތަކަށް ބަލަން ވަގުތު ކޮޅަކު ހައިރާންވެ، އަންތަރީސް ވެފައި، ހުރި ފިޔަވަޅު މަތީގައި ރައުނާއަށް ހުރެވުނެވެ.

"ސާބަސް! ހަމަ ތިވަރުވޭތަ؟ އަހަރެންގެ ނެތް ޝައުޤެއް. ތީ ކާކު ކަމެއް ވެސް އަހަރެންނަކަށް ނޭނގެ!" ތުން އަނބުރާލަމުން ރައުނާ ބިންމަތީގައި އިލޮށިފަތި ކާއްތާލިއެވެ.

"ކާކު ކަމެއް ނޭނގެއޭ؟ މީ އެއްކަލަ މޮޑެލް ކުރާ ފައިސަލެއްނު؟" ރިހުލާގެ މޫނުމަތިން ފެނުނީ ސީރިއަސް ކަމެވެ.

"ނޭނގެ! މިތަނުން ދޭ ދެން." ފޫހި ގޮތަކަށް އެހެން ބުނެ، ރައުނާ ކުނި ކަހަން ފެށިއެވެ. ރިހުލާ ދިޔުމާއި އެކު، ރައުނާ ދެކޮޅު ބަލައިލަމުން ވަރަށް އަވަހަށް ގޮސް އޭނާގެ ފޯނު ނެގިއެވެ. އަދި ފައިސަލްގެ ޕްރޮފައިލް ހާވައިލީ ހިތުގައި އޮތް އެދުމެއްގެ ބޮޑު ކަމުންނެވެ. ފޮލޯ ކުރަން ބޭނުން ނުވިޔަސް، ހަދިޔާ ތަކުގެ އަވައިގައި ޖެހި، ރައުނާއަށް ފައިސަލް ފޮލޯ ވެސް ކުރެވެއްޖެއެވެ.

މަޝްހޫރު މޮޑެލް ފައިސަލް ކުރިއަށް ގެންދަމުންދާ "ގިވްއަވޭ" ގެ އަގުހުރި ފުރުޞަތުގެ ވާހަކަ ރާއްޖޭގެ އެކި މީޑިޔާތަކަށް ވައިރޯޅިއެއްހެން ޖެހެން ފެށިއެވެ. އިސާހިތަކު އެޚަބަރު މުޅި ރާއްޖެއަށް ފެތުރިގެން ދިޔައެވެ. ވަކި އުމުރެއް، ވަކި ޖިންސެއް އިސްތިސްނާ ނުވެއެވެ. ގިނަ ބަޔަކު އެހަދިޔާތައް ހޯދަން އަތު ކުރި އޮޅައިލިއެވެ. ގިނައީ ރައުނާ ކަހަލަ މީހުންނެވެ. މާ ނޫން ކަމަށް ހަދައި، ހިތާއި ދެކޮޅަށް ފައިސަލް ފޮލޯކޮށްގެން، އެހަދިޔާތައް ހޯދަން އެ ޕޯސްޓުގައި ކޮމެންޓު ވެސް ކުރިއެވެ.

ހަވީރުގެ މަރިޔާދު ވަގުތެވެ. އެނދުމަތީގައި އޮތް ޝާރާ އަށް ކުއްލިއަކަށް އޭނާގެ ފޯނަށް ބަލައިލެވުނީ ފޯނު ވައިބްރޭޓު ވުމާއި އެކުގައެވެ.

"ޕިސްޕިސް އެއްކަލަ މަރީ.. ކޮންމެވެސް ޕޯސްޓެއްގަ އަހަރެން އެ ޓެގްކުރީ." އަމިއްލަ ނަފުސަށް މުޙާތަބު ކޮށްލަމުން ޝާރާ އޭނާގެ ފޯނަށް ރަނގަޅަށް ބަލައިލިއެވެ. ހަމަ އެއާއި އެކު ޝާރާގެ މުޅި ހަށިގަނޑަށް ހީވީ ތޫފާނެއް އެރިހެންނެވެ. ތެޅިގެންފައި އެނދުމަތިން ތެދުވެ، ހަމަޖެހިލައިގެން އިށީންނެވެ.

"ލެޕްޓޮޕް،އައި ފޯން، ބަޑްސް، އޯމައިގޯޑް. އަދި ރީތިވާ އެއްޗެހިވެސް.." އަނގައިގައި ހުރި ހުރިހާ ދަތެއް ދިއްލައިގެން އިނދެ ޝާރާ އެހެން ބުނެލިއެވެ. އަރުތެރެއިން ކުޅު ހިކުނު ކަހަލައެވެ. ހިތްދާތާކަށް ހަށިދާނޭ ބުނާ ފަދައިން ޝާރާ އަށް ވެސް އެޕޯސްޓަށް އޭނާގެ ރަޙުމަތްތެރިން ޓެގް ކުރެވެން ފެށުނެވެ.

*

"ސުމާ، އައިޝާ، ޖުނާ، ޝީރިން، މަލީހާ.." ގޭތެރެއަށް ދުވަމުން އައިސް ވަތް ލިއުޝާގެ ނޭވާ ހީވަނީ އުފުރައިގެން ގޮސްދާނެ ހެންނެވެ. ސިޓިންގރޫމްގައި ތިބި އެންމެން ދިޔައީ ސިއްސައިގެންނެވެ. ލިއުޝާއަށް ހީވީ ބިރެއް ފެނިގެން އުޅޭ ހެންނެވެ. މުޅި ގައިން ވަނީ ދާހިއްލާފައެވެ.

"ބަލަ ކިހިނެއްތަވީ ލިއު." ޖުނާ ވަރަށް ހައިރާން ކަމާއި އެކު ސުވާލު ކުރިއެވެ.

"ކި.. ކިހިނެއް ނުވަނީ! ބަލާބަލަ ފައިސަލްގެ ޕޯސްޓު. މީރާމެން ގޭގަ އޮއްވާ އެގޭ މީހުންނަށް މި ޕޯސްޓު ފެނިގެން އެބަ ވަރަށް އުޅޭ މިކަމާ.. އެހެންވެ އަހަރެންވެސް މިއައީ. ފައިސަލް އެދޫކޮށްލާ އަގުހުރި މުދާތައް އަހަރެމެންގެ ގެއަށް ވައްދަން ވާނެ މިފަހަރު." ލިއުޝާ މާނޭވާ ލަމުން ވާހަކަދެއްކިއެވެ. ސިޓިންގރޫމްގެ ތިބި އެންމެންވެސް ފައިސަލް ފޮލޯ ކޮށް، ގިވްއަވޭގެ ނަސީބުވެރިއަކަށް ވުމަށް މަސައްކަތް ފެށިއެވެ.

ދުވަސްތައް މާޒީގެ ކަރުދާހުގައި ލިޔެވެމުން ދިޔައެވެ. ކޮންމެ ދުވަހަކު ވެސް، ގިނަ ބައެއްގެ ހިތްތައް ކަތިލަމުން ދިޔައީ ފައިސަލް ދޫކޮށްލަން ތައްޔާރު ވަމުންދިޔަ، އަގުބޮޑެތި ހަދިޔާތަަކުގެ ތަސްވީރުންނެވެ. ވަކިން ޙާއްޞަކޮށް އަންހެން ކުދިންނަށް މި ޕޯސްޓުން ކުރި އަސަރު މާބޮޑެވެ. ރޭގަނޑު ގިނަ އަންހެން ކުދިންނަށް ނިދެނީ އެއްވެސް ނޫނެވެ. ހުވަފެނުގައި ރިހުލާއަށް އެތައް ފަހަރަކު އެހަދިޔާތައް އަތުުގެ ތެރޭގައި ވާތަން ވެސް ފެނެއެވެ. ރައުނާގެ ހާލަކީވެސް ހަމަ މިއީއެވެ. ހުވަފެނުގައި ފައިސަލް އައިސް މަރުޙަބާއޭ ކިޔާ އަޑު އިވޭ ވަރުން އެތައް ރެއެއްގެ ނިދިން އޭނާ ވަނީ މަހުރޫމް ވެފައެެވެ.

"ގިވްއަވޭ" ފުރުޞަތު ބަންދުވެ، ގިނަ ބައެއްގެ އިންތިޒާރަށް ނިމުން އަތުވެއްޖެއެވެ. ސުމާގެ އަތުގެ ތެރެއަށް ޝީރިންގެ އަތް ލައިގެން އެދެމީހުން ތިބީ ފައިސަލްގެ އިންސްޓަގްރާމް ބަލާށެވެ. ނަސީބުވެރި އަކީ ކާކުތޯ ބެލުމަށެވެ. އައިޝާ އާއި ޖުނާގެ ހިތް ހީވަނީ ހަށިގަނޑު ފަޅާފައި ވަކި ވެދާނެހެންނެވެ. އެހާވެސް ހިތުގެ ތެޅުން އަވަސްވެފައި، ހަރަކާތް ބޮޑެވެ.

"ރައުނާ.. ކޮންތާކަށް؟" ރިހުލާ ބަލައިލީ ރައުނާގެ މޫނަށެވެ.

"ހީސްލާން. ފާޚާނާއަށް." ރައުނާ އެހެން ބުނެ ފާޚާނާގެ ދޮރު ހުޅުވައިލިއެވެ.

"އޭނ. މަޑުކޮށްބަލަ! މީ ކޮންގަޑިއެއް. ފައިސަލް ނަސީބުވެރިއަކު ހޮވަނީ." ރިހުލާ އެހެން ބުނުމާއި އެކު ރައުނާއަށް ލަވައިފައިވާ ހީހަށް ވީގޮތް ވެސް ނޭނގުނެވެ. ފިއްތާލައިގެން ރައުނާ ގޮސް އިށީންނީ ރިހުލާގެ ގާތުގައެވެ. އަދި ފައިސަލްގެ އިންސްޓްގްރާމަށް ބަލަން ފެށިއެވެ.

"ޝިޓް.. ކޮން ޝަރީޒާއެއްތަ؟" ނަސީބުވެރިޔާގެ ނަން ކިޔައިލަމުން، ލެވުނު ފުން ނޭވާއާ އެކު ރައުނާގެ ކަށްގަނޑު ތެމިގެން ދިޔައެވެ. ފިއްތައިގެން އިން ހީސްވެސް ކެތް ނުވެގެން ހަށިގަނޑާއި ވަކިވެގެން ދިޔައެވެ. ރިހުލާ ބުނާނެ އެއްޗެއް ނޭނގެ ގަނބު ވިއެވެ. ވީ ދެރައެއްގެ ބޮޑު ކަމުންނެވެ.

"އެހެން ނުވާނެ." ކުރަކި ވެފައިވާ އަޑަކުން އެހެން ބުނެ، ހޮވުނު ފަރާތުގެ އިންސްޓަގްރާމް ޕްރޮފައިލް ރިހުލާ ބަލައިލިއެވެ. އެއާއި އެކު ރިހުލާގެ ހިތުގައި ޓަކި ޖަހަން ފެށީ ހުސް ސުވާލުތަކަކުންނެވެ. ބުރުގާ އަޅައިގެން ކަރު ދައްކައިގެން ހުރި ފޮޓޯއިން ފެންނަ އަންހެން މީހާ ދިވެއްސެއް ފާޑު ނުޖަހައެވެ.

މުޅިން އައު ދުވަހަަކަށް އިރު އުދަރެހުން މަރުޙަބާކީ ވަރުގަދަ ތަޙުޤީޤަކަށް މުޅި ޤައުމު ހޭލުއްވާލަމުންނެވެ. ގިނަ އަންހެނުން އެއްވެގެން، އެކަނބަލުންނަށް ލިބިފައިވާ ކުޅަދާނަ ހުނަރު ބޭނުން ކޮށްގެން ދުނިޔޭގެ ފެންވަރުގެ ތަޙުޤީޤެއް ފެށިއެވެ. ހިންދީ ޑްރާމާތަކުންނާއި، ޓީވީ ދަށުން އުނގެނި، އެނދުރުވެގެން ތިބި އެތައް އަންހެން ކަނބަލުން މީސްމީޑިޔާގައި ބޮޑު ތަޙުޤީޤީ އިދާރާއެއް ހުޅުވިއެވެ.

"ފައިންޑް ޝަރީޒާ" ގެ ނަމުގައި ބޮޑު ކެމްޕެއިނެއް ފެށިގެން ދިޔައެވެ. އަންހެން ކަނބަލުން އިސްވެ ހިންގަމުން ދިޔަ ތަޙުޤީޤީ ރިޕޯޓަށް މުޅި ޤައުމު އިންތިޒާރު ކުރަން ފެށިއެވެ.

މާ ލަސްތަކެއް ނުވެ ތަޙުޤީޤީ ރިޕޯޓު އާއްމު ކުރިއެވެ. ރިޕޯޓް ތައްޔާރު ކުރުމުގައި އިސްދައުރެއް ރައުނާ އާއި ރިހުލާ ވެސް އަދާކުރިއެވެ. ޝަރީޒާ ދަންނަ އެއްވެސް މީހެއް މިދުނިޔޭގައި ނެތް ކަމަށާއި، ޝަރީޒާއަކީ ފޭކް މީހެއްކަމަށް މީސްމީޑިޔާގެ ތަޙުޤީޤީ ރިޕޯޓުން ހާމަ ވެގެން ދިޔައެވެ. އަދި ބައެއް މީހުން ޝަރީޒާއަކީ ފައިސަލް ކަމަށް ތުޙުމަތު ކުރުމުން، އެއަޑު އަހާކަށް ފައިސަލްގެ ހިތަށް ކުޅަދާނަ އެއް ނުވިއެވެ. ފައިސަލްގެ އަގު ހިފެހެއްޓުން އޭނާއަށް ވަރަށް މުހިންމު ވެއްޖެއެވެ. އޭރު އެކި މީޑިޔާތަކުން ފައިސަލްގެ "ގިވްއަވޭ"ގެ ކަންތަކާއި ގުޅިގެން އެތައް ފާޑު ކިޔުމެއް ދިޔައީ އަމާޒް ކުރަމުންނެވެ.

ދިވެހި ގިނަ ބަޔަކު ފައިސަލް އަންޕޮލޯ ކުރަމުން ދިޔައިރު، މީސްމީޑިއާ ގައި ފައިސަލްގެ ވާހަކަ ވަނީ ބޯވައެއްހެން ތަތްކޮށްލާފައެވެ. ރައުނާއަށް ލިބުނު ކުއްލި ދެރައިން ގަޔަށް ހީސް ލެވުމުން، ރައުނާގެ ގާތަށް އައިސްފައިވަނީ އަމަށަކު ރުޅިއެއް ނޫނެވެ. ފައިސަލަށް ފާޑު ކިޔައި އެތައް ކޮމެންޓެއް ކުރަމުން ދިޔައެވެ.

މީސް މީޑިޔާގެ ތަޙުޤީޤު ޓީމުން އެތައް ފާޑު ކިޔުމެއް އަމާޒު ކުރަމުން ދަނިކޮށް ފައިސަލްގެ ހޫނު ރޮކެޓު ހަމަލާއެއް އޭނާ ދޫކޮށްލީ ޝަރީޒާ އާއި އެކުގައެވެ. ޝަރީޒާ ބަލަން ތިބި އެތައް ބަޔަކު، ހުއްޓުން އެރިއެވެ. އެއް ބަޔަކު ބަސް ހުއްޓުނެވެ. އަނެއް ބަޔަކު ހޭން ފެށިއެވެ. ރޫތަކުން ފުރިފައިވާ ކަޅު ބޮޑު، މޫނު ނިވައި ކޮށްފައިވާ ހެދުމެއްގައި ޝަރީޒާ ދިން ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެެއް ނުލިބުނެވެ. ޝަރީޒާ ބަލާލަން ތިބި އެތައް ބަޔަކު މާޔޫސް ވެގެން ދިޔައެވެ. ޝަރީޒާ ވަނީ ފަރުދާއެއްގެ ނިވަލުގައެވެ. ޝަރީޒާގެ ޕްރޮފައިލްގައި ކުރީގައި އިން ކަރު ފެންނަ ފޮޓޯ ވެސް ފަރުދާ ވީއެވެ. ހުރިހާ ހަދިޔާތަކެއް ފަރުދާއެއްގެ ނިވަލެއް ވަދެ ގެއްލިއްޖެއެވެ. ފައިސަލް ދެއްކި ޝަރީޒާއިން އެތައް ބަޔަކު ފައިސަލަށް އަނެއްކާ ވެސް ފާޑު ކިޔަން ފެށިއެވެ.

މުޅިން އައު ދުވަހަކަށް އިރު އެދަރެހުން މަރުޙަބާ ކިޔައިފިއެވެ. ފައިސަލް މަޑުމަޑުން ފިޔަވަޅު ނަގަމުން ވަނީ އޭނާގެ ކޮޓަރިއަށެވެ.

"ތާނިޔާ."

ފައިސަލްގެ އަޑަށް ތާނިޔާ ބަލައިލީ ފައިސަލްގެ މޫނަށެވެ.

"އަހަރެން މުޅިން އަގު ވެއްޓިއްޖެ!" މާޔޫސް ވެފައި، ހުރެ ފައިސަލް ވާހަކަދެއްކިއެވެ.

"ހާސް ނުވެބަލަ! ދުވަސްކޮޅަކުން މިކަންވެސް ނިމިދާނޭ. އަހަރެން ފަރުދާގަ ފޮރުވިގެން ހުންނާނަމޭ.. އޯކޭ އެއްނު؟" ވިކްޓޯރިއާ ސެންޓު ގަޔަށް ޖަހައިލަމުން ތާނިޔާ ލުއިކޮށް ހީނލިއެވެ.

"މި ސެންޓުން ވަރަށް މީރު ވަސް ދުވާ. ބޭބީ. ތޭންކްސް ފޯރ ދަ ގިފްޓްސް." ފައިސަލްގެ އަތުގައި ހިފައިލަމުން ތާނިޔާ ހިނިތުންވެލިއެވެ. އަދި ވަރަށް ލޯބިން ފައިސަލްގެ ގައިގައި ބައްދައިގަތެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. lol

    dhevanabaa neren fehney mi vaahakaage

    17
  2. ފިޓް މީހާ

    ފާޒިލަކީކާކުހޭ... ޝަރުމީލާއޭ.........
    ޝަރުމީލާއަކީކާކުހޭ...ފާޒިލޭ.....
    ގިވްއަވޭ ދިނީކާކުހޭ...ފާޒިލޭ......
    ގިވްއަވޭ ލިބުނީ ކާކަށްހޭ...ފާޒިލަށޭ....
    ނުފޯރާފޮތިން ފޫގެޅީ ކާކުހޭ...ފާޒިލޭ..
    ނުފޯރާފޮތިން ފޫގެޅީމަ އޮރިޔާންވީ ކާކުހޭ ..ފަޒިލޭ..
    ދަ އެންޑް

    44
    • ިއިޓާޗީ

      ??????????

  3. ޙާލަތު

    ރައުނާގެ ބައި ވަރަށް މަޖާ، ހަމަ އެކަނި އިނދެ ކިޔަނިކޮށް ހިނިގަނޑު ފަޅައިންދިޔައީ

    26
  4. ޓަކީލާ

    ކްރިންޖް

  5. ހަމީ

    ???

  6. Nuzu

    ??