ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯ ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

ބްރެޒިލްގެ ކޮމިއުނިކޭޝަންސް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ ނޫސްތައް ބުނާގޮތުން ބޮލްސެނާރޯ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، މި ބަލި ޖެހުނުތާ އެތައް ދުވަހެއް ފަހުން، ބަލިން ރަނގަޅުވިތޯ ބެލުމަށް ހެދި ޓެސްޓަކުންނެވެ.

އެންމެ ފުރަތަމަ ބޮލްސެނާރޯ ކޮވިޑް-19 އަށް ފައްސިވީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އެއާއެކު އެކަން އިތުރަށް ޔަޤީންކުރުމަށް ހެދި ދެވަނަ ޓެސްޓުންވެސް އޭނާ ވަނީ ފައްސިވެފައެވެ. މިކަމާއި ގުޅިގެން އޭނާއަށް ފަރުވާދެމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.

ކޮވިޑް-19 އަށް ފައްސިވިތާ ތިން ވަރަކަށް ހަފްތާ ވެފައި ވަނިކޮށް ނެގި ތިންވަނަ ސުންކުންވެސް ބޮލްސެނާރޯ ފައްސިވެފައިވާއިރު އޭނާގެ ހާލު ގޯސް ނޫން ކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ. ކޮވިޑް-19 ޖެހުމާއި ގުޅިގެން ބޮލްސެނާރޯ އަށް ފަރުވާކުރަމުން ދަނީ މި ބައްޔަށް ފަރުވާ ކުރުމަށް އެކަށީގެން ނުވާ ކަމަށް ސިއްޙަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ، އިންޑިއާގެ މެލޭރިއާ ބޭސް ބޭނުންކޮށްގެން ކަމަށް މަސްދަރުތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ބޮލްސެނާރޯ އަށް ކޮވިޑް-19 ޖެހިފައިވަނީ ބްރެޒިލްގައި މި ބައްޔާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި މެދު ހިތްހަމަނުޖެހިގެން އަޑު އުފުލަމުން ދަނިކޮށެވެ. އޭނާ އިސްވެހުރެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ދެކޮޅަށް ބްރެޒިލްގައި ބޮޑެތި މުޒާހަރާތަކާއި އެއްވުންތައްވެސް ކުރިޔަށް ގެންގޮސްފައި ވެއެވެ. އޭނާއަށް ކޮވިޑް-19 ޖެހުނީ ވެސް މި އެއްވުންތަކުގެ ތެރެއިން ކަމަށް ވަނީ ބެލެވިފައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރު ބޮލްސެނާރޯ ބުނަމުން އައީ މި ބައްޔަކީ އާދައިގެ ހުމެއް ކަމަށެވެ. އަދި ބްރެޒިލް އަކީ "ކޮވިޑް-ފްރީ" ޤައުމެއް ކަމަށާއި އެޤައުމުގެ ރައްޔިތުންނަކީ ކޮވިޑް ޖެހޭނެ ބައެއް ނޫން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެމީހުން ނަޖިސްފެން ދައުރުވާ ޖަންޝަނަކަށް ފައިބައި ތިއްބަސް ބަލި ނުޖެހޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަމަ އެހެންމެ ޤައުމުތަކުން މި ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ފާޑުކިޔައި އޭނާ ކުރިން ބުނެފައި ވަނީ، ކޮވިޑް-19 އާއި ކުރިމަތިލާން ޖެހެނީ ފިރިހެންވަންތަކަމާއެކު ކަމަށެވެ. އަދި ޤައުމުތަކުގެ ވެރިން މި ބަލިމަޑުކަމަކީ ބޮޑު ކަމެއް ކަމަށް ސިފަކުރަނީ ރައްޔިތުންނަށް ބިރު ދައްކައިގެން ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށްވެސް ބޮލްސެނާރޯ ދިޔައީ ތުހުމަތުކުރަމުންނެވެ.

ދުވަހެއް ދުވަހަކަށް ނުރައްކާ ބޮޑުވެ، ބްރެޒިލް އަކީ މުޅި ދުނިޔެއިންވެސް ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ޤައުމަށް ވެގެން ދިޔައީ ބޮލްސެނާރޯ މިފަދަ ގަދަބަސްތައް ބުނަމުންދިޔަ ދަނޑިވަޅެއްގައެވެ. އެޤައުމަކީ މިހާރު ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން ދެވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ. މި ބަލީގައި ހާލު ދެރަވެގެން ތިންވަނައަށް އެންމެ ގިނަ ބަޔަކަށް ފަރުވާދޭ ޤައުމަކީވެސް ބްރެޒިލް އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައްޑޫ މީހާ

    ކެނެރީގޭ މޮޔަސޮރުވެސް މިކަހަލަ ބޯގޯސް ވާހަކަ ދެއްކި މިހާރު އެގޮލާއަކަށްވެސް ނުކެރޭ ގަދަ ބަސް ބުނާކަަށް

  2. ވަތަނަބޭ

    ތި ބޮލްސެނާރޯ އަކީ ކެނެރީގޭ ނަޝީދު ގެ ކާރބަން ކޮޕީއެއް. ހުރިހާ ކަމެއްގައިވެސް ވަރަށް އެއްގޮތް 2 މީހުން. މާދަމާ ބުނާނެކަންނޭގޭ ކޮވިޑް އާއި ދެކޮޅަށް އެއްވެސް ވާހަކައެއް ނުދައްކަމޭ. ކޮވިޑާއި ދެކޮޅު މުޒާހަރާތަކުަގައި އުޅުނީ ތިމަންނަ ސިފައިގައި މޭކަޕްކޮށް މާސްކް އަޅައިގެންހުރި މީހެކޭ. މީގެ 3 ވަނަ ބޮލުރޮއްޖެއްވެސް އުޅޭ. އެއީ އެމެރިކާގެ ޓްރަމްޕް.

  3. ޒާ

    އަދިވެސް ގަދަބަސްބުނެ އިލާހީ ޤާނޫނަށް ގޮންޖަހަމުން މަގުމަތީގައި ދުވޭ!

  4. ހެހއއހއހެހެ

    އަދި ތަންކޮޅެއް ބާރު މާސްކެއް އަޅާބަ ލޮލް

  5. ނޭމާ

    މޮޔަ