އިއްޔެ ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި ހިނގި ނުރައްކާތެރި ގޮވުމުގައި އެންމެ ބޮޑަށް ގެއްލުންވީ ތަންތަނުގެ ތެރޭގައި އެ ސިޓީގެ ހޮސްޕިޓަލްތައް ހިމެނެއެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައި ވާއިރު، އަވަހަށް އެހީތެރިކަން ލިބުމުން ސަލާމަތްވި އެތައް ބަޔަކުވެސް އެބަތިއްބެވެ.

އިއްޔެގެ ބިރުވެރި ހާދިސާ މަންޒަރުތައް ފެންނަ ފޮޓޯތައް މިހާރު މީޑިއަތަކުގައި ދައުރުވަމުން ދާއިރު، ތުއްތު ތިން ކުއްޖަކު އުރައިގެން ނަރުހަކު ހުންނަ މަންޒަރު ފެންނަ ފޮޓޯއެއް ގިނަ ބައެއްގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެ ފޮޓޯ އިން ފެންނަނީ ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް އޭނާ އެ ތިން ކުދިން ސަލާމަތްކުރުމަށް މަސައްކަތްކުރަމުން ދިޔަ މަންޒަރެވެ.

މި ފޮޓޯ ނެގި ފޮޓޯގްރާފަރު، ބިލާލް ޖަވީޝް ނޫސްތަކުގައި ބުނެފައިވާ ގޮތުން އޭނާ އެ ހޮސްޕިޓަލަށް ދިޔައީ، ގޭގައި ހުއްޓައި ބާރުގަދަ ގޮވުމުގެ އަޑު އިވިގެން ފޮޓޯ ނަގަމުން ދިޔަ ދިއުމުގެ ތެރެއިންނެވެ. އަދި ހޮސްޕިޓަލަށް ވަތް ވަގުތު ނަރުސް، އެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް ތިން ކުދިން ގޮވައިގެން އުޅުނު މަންޒަރު ފެނިފައި ހައިރާންވިކަމަށް އޭނާ ވަނީ ބުނެފައެވެ.

ބިލާލް ބުނިގޮތުން އެ ނަރުސް، ތިން ކުދިން ސަލާމަތްކުރީ، ގޮވުން ގޮވި ފަހުން ހޮސްޕިޓަލުގައި މާބަނޑު މީހުން ވިހައިގެން ބައިތިއްބާ ވޯޑަށް ގޮހެވެ. އޭނާ އައީ އެވަގުތު އޭނާއަށް ސަލާމަތްކުރެވުނު ތިން ކުދިންވެސް ގޮވައިގެން ކަމަށް ބިލާލް ބުނެފައި ވެއެވެ. އެ ނަރުހަކީ ހޮސްޕިޓަލުގެ މެޓާނިޓީ ވޯޑުގައި މަސައްކަތްކުރާ، މީގެ ކުރިން އެކުދިންނާއި ބައްދަލުވެފައިވާ ނަރުހެކެވެ.

"އެ ބިރުވެރި ވަގުތުގައި ފެނުނީ އެންމެންވެސް އަމިއްލަ ސަލާމަތަށްޓަކައި ދުވަމުން ދިޔަ މަންޒަރު. އެކަމަކު އެ ހާލުގައި ވެސް ނަރުސް ބެލީ އޭނާއަށް ސަލާމަތްކުރެވެން ތިބި ބަޔަކު ސަލާމަތް ކުރުމަށް. ތިން ކުދިން ގޮވައިގެން އޭނާ އެ ހާލުގައި ވެސް ވަނީ ހިތްވަރުގަދަ މިސާލެއް ދައްކާފައި. ހަޤީޤީ ބަތަލުންނަކީ އެއީ" ބިލާލް ބުންޏެވެ.

ބިލާލް ބުނިގޮތުން މި މަންޒަރު ފެނިގެން އެ ނަރުސް މީހާ އާއި ސުވާލުކޮށް ވާހަކަ ދެއްކި ކަމަށާއި، ގޮވުމުގައި އޭނާވެސް "ހޭނެތިގެން ވެއްޓުނު" ކަމަށް ބުނެފައިވާ ކަމަށެވެ. އެއަށްފަހު ހޭ އެރުމާއެކު އަވަސްވެގަތީ ކުދިން ސަލާމަތް ކުރުމަށް ކަމަށް އޭނާ ބުނެފައިވާ ކަމަށް ބިލާލް ބުންޏެވެ.

މި މަންޒަރު ނަގާފައިވާ ހޮސްޕިޓަލަކީ ބެއިރޫތުން އެންމެ ބޮޑަށް ގެއްލުން ލިބުނު ތިން ހޮސްޕިޓަލުގެ ތެރެއިން ހޮސްޕިޓަލެކެވެ. ގޮވުމުގެ ހާދިސާގައި ހޮސްޕިޓަލަށް ލިބުނު ގެއްލުންތަކާއެކު، އެ ހޮސްޕިޓަލުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވެސް ވެއެވެ. އޭގެތެރޭގައި 12 ބަލި މީހަކާއި، އާންމުންގެ ދެ މީހަކާއި ހަތަރު ނަރުހަކު ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އިއްޔެގެ ހާދިސާގައި އެ ހޮސްޕިޓަލުގެ 80 އިންސައްތަ ވަނީ ހަލާކުވެފައެވެ. އަދި ހޮސްޕިޓަލުގައި ބޭނުންކުރާ އާލާތްތަކުގެ ތެރެއިން 50 އިންސައްތަ ހަލާކުވެފައިވާ ކަމަށް ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނިލް އާދަމް މއ. ދޮންވެލި

    جَزَاكَ ٱللَّٰهُ خَيْرًا

    65
    1
  2. ޑރ. މުނީރު މުޙައްމަދު ގަރާޑީގެ / ގައްދޫ

    جَزَاكَ ٱللَّٰهُ خَيْرًا

    63