45 ދުވަސް ތެރޭގައި ޗައިނާގެ އެޕްލިކޭޝަނެއް ކަމަށްވާ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބަދަލު ނުކޮށްފިނަމަ އެއެޕްލިކޭޝަން އެމެރިކާގައި މަނާ ބޭނުން ކުރަން މަނާ ވާނެ ޤަރާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރެފިއެވެ.

ޓްރަމްޕް ނެރުނު ރޭ ނެރުނު ރިޔާސީ ޤަރާރެއްގައި ވަނީ ޓިކްޓޮކްގެ އިތުރުން ވީޗެޓް އެޕްލިކޭޝަންގެ ވެރިފަރާތްތައް ވެސް 45 ދުވަސް ތެރޭގައި ބަދަލު ކުރަން އަންގާފައެވެ.

ޓްރަމްޕް ނެރުނު ޤަރާރުގައި ބުނެފައި ވަނީ ބައިޓްޑާންސް ލިމިޓެޑުން އެއްވެސް ފައިސާއެއް ޓްރާންސްފާ ކުރުމާއިި އެއްވެސް ޝަރުޢީ މަރުހަލާއަކަށް މައްސަލަ ހުށަހެޅުމާއި އެއްވެސް މުދަލެއް ބަދަލު ކުރުން ރިޔާސީ ޤަރާރު ނެރުނުތާ 45 ދުވަސް ފަހުން މަނާ ވާނެ ކަމަށެވެ.

ޓްރަމްޕްގެ ރިޔާސީ ޤަރާރުގައި ބުނެފައި ވަނީ ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ސައްހަ ނޫން އެތައް މައުލޫމާތެއް ވެސް ފަތުރަމުން ގެންދާ ކަމަށާއި އެހެންކަމުން އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް އެޕްލިކޭޝަން އެމެރިކާގައި ބޭނުން ކުރުން މަނާ ކުރަން ޖެހޭ ކަމަށެވެ.

ބައިޓްޑާންސް ލިމިޓެޑަކީ ޓިކްޓޮކް ހިންގަމުން ގެންދާ ކުންފުންޏެވެ.

އަދި ޓިކްޓޮކް އިން އެޕްލިކޭޝަން މޭބުން ކުރާ މީހުންގެ ލޮކޭޝަންގެ މައުލޫމާތާއި ބްރައުޒިން އަދި ސާޗް ހިސްޓްރީ ވެސް އޮޓޮމެޓިކުން ނަގައި، އެމައުލޫމާތުތައް ނާޖާއިޒު ގޮތުގައި ޗައިނާ ސަރުކާރަށް ފޯރުކޮށްދެމުންދާ ކަމުގެ ބިރު އެބައޮތް ކަމަށް ޓްރަމްޕްގެ ޤަރާރުގައި ބުނެފައި ވެއެވެ.

ޓިކްޓޮކް ގަތުމަށް އެމެރިކާގެ މައިކްރޯސޮފްޓުން ގެންދަނީ ޓިކްޓޮކް އާއި އެކު މަޝްވަރާތައް ކުރަމުންނެވެ. އެމަޝްވަރާތަކުގައި މިހާތަނަށް ލިބިފައި ވަނީ ކިހައި ވަރެއްގެ ކުރިއެރުމެއް ކަމެއް ނޭންގެއެވެ. މައިކްރޯސޮފްޓުން ބުނާ ގޮތުގައި ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން މަޝްވަރާތައް ނިންމާލަން ޓްރަމްޕް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު